16 Aug 2020, 08:06
ބޭންކޮކް (އޮގަސްޓު 16): ތައިލޭންޑުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި އިސް ދައުރެއް އަދާ ކުރާ ދަރިވަރެއްގެ މައްޗަށް އެގައުމުން ފިތުނަ އުފެއްދުމުގެ ދައުވާކޮށްފި އެވެ.
ބާވީސް އަހަރުގެ ޕަރިތު ޗިވަރަކްގެ މައްޗަށް ފިތުނަ އުފެއްދުމުގެ ދައުވާ ކުރީ މިދިޔަ މަހުގެ 18ގައި ބޭއްވި މުޒާހަރާއެއް އިންތިޒާމު ކުރުމުގައި ބައިވެރިވުމާ ގުޅިގެންނެވެ. އޭގެ ސަބަބުން މިދިޔަ ހުކުރު ދުވަހު އޭނާ ހައްޔަރު ކުރުމަށް ފަހު، އޭނާގެ މައްޗަށް ވަނީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވުމުގެ ދައުވާ ވެސް ކޮށްފަ އެވެ.
އޭގެ ފަހުން އިއްޔެ ބޭންކޮކް ކްރިމިނަލް ކޯޓުން ވަނީ ޕަރިތު ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. ނަމަވެސް އޭނާ ވަނީ އަދިވެސް މުޒާހަރާ ކުރަމުން ދާނެ ކަމަށް ބުނެފަ އެވެ.
ތައިލޭންޑުގެ ޔުނިވާސިޓީ އަދި މަތީ ސާނަވީ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުން ގިނައިން ބައިވެރިވާ އެ މުޒާހަރާތަކުގައި ދަނީ ޕާލިމެންޓު އުވާލާ، އާ އިންތިހާބެއް ބާއްވާ، އާ ގާނޫނު އަސާސީއެއް އެކުލަވާލުމަށް ގޮވާލަމުންނެވެ. އަދި މުޒާހަރާގެ ބައެއް ބައިވެރިން ވަނީ އެގައުމުގެ ޝާހީ އާއިލާއަށް ފާޑު ކިޔުން ހުއްޓުވާ ގާނޫނުތަކަށް ބަދަލު ގެނައުމަށް ވެސް ގޮވާލައިފަ އެވެ.
ތައިލޭންޑުގެ ގާނޫނުތަކުގައި މިހާރު އޮންނަ ގޮތުން، ޝާހީ އާއިލާގެ އަބުރަށް އަރައިގަތުމުގެ ކުށުގައި ތިން އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ އެވެ.
ތައިލޭންޑުގައި މިއަހަރުގެ ފެބްރުއަރީ މަހު ސަރުކާރާ ދެކޮޅު މުޒާހަރާތައް ފެށުނީ އެގައުމުގެ ޑިމޮކްރަސީއަށް ތާއިދު ކުރާ ފިއުޗާ ފޯވާޑް ޕާޓީ (އެފްއެފްޕީ) ކޯޓު އަމުރެއްގެ ދަށުން އުވާލުމުންނެވެ. އެ ޕާޓީއަކީ މިދިޔަ އަހަރު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގައި ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް ޕާލިމެންޓު ގޮނޑި ކާމިޔާބު ކުރި ޕާޓީ އެވެ. އެ އިންތިހާބު ކާމިޔާބު ކުރެއްވީ 2014 ވަނަ އަހަރު ބަޣާވާތަކުން ވެރިކަމަށް ވަޑައިގެންނެވި ޕްރަޔުތު އެވެ.
އޭގެ ފަހުން ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން ތައިލޭންޑުގެ މުޒާހަރާތައް ހުއްޓުމަކަށް އަ އެވެ. ނަމަވެސް ޑިމޮކްރަސީއަށް ތާއިދު ކުރާ އެގައުމުގެ އެކްޓިވިސްޓަކު، އަމިއްލައަށް އަރުވާލެވިގެން ކެމްބޯޑިއާގައި ދިރިއުޅެނިކޮށް ވީނުވީ ގޮތެއް ނޭނގި ގެއްލުމާ ގުޅިގެން އަނެއްކާ ވެސް މުޒާހަރާތައް ވަނީ ފެށިފަ އެވެ.