15 Aug 2020, 23:45
މިމަހު އެކަކުން ފެށިގެން ސަރުކާރުން އެޅި ފިޔަވަޅުތަކަށް ތަބާ ނުވެގެން ކުރި ޖޫރިމަނާގެ އަދަދު 1.1 މިލިއަން ރުފިޔާއަށް އަރައިފި އެވެ.
އެޗްޕީއޭއިން ވަނީ، މިމަހުން ފެށިގެން މާސްކު އެޅުން މަޖުބޫރުކޮށް، ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ކާފިއު ވަގުތުގެ ގޮތުގައި ކަނޑައަޅާފައެވެ. މާސްކު ނާޅައިގެން އަދި ކާފިއު ވަގުތުގައި ބޭރުގައި އުޅޭ ނަމަ، ޖޫރިމަނާ ކުރާ އަދަދަކީ، 1،000 ރުފިޔާއަށެވެ.
އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީމް ވިދާޅުވީ، މިހާތަނަށް މާސްކު ނާޅައިގެން އަދި ކާފިއު ވަގުތުގައި ބޭރުގައި އުޅެގެން ޖުމްލަ 1،118 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން، މާސްކު ނާޅައިގެން، 1،896 މީހަކަށް ނަސޭހަތް ދިން އިރު، 591 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އޭގެ ތެރޭގައި ވޭތުވެދިޔަ 24 ގަޑި އިރު، ނާސޭހަތް ދިނީ 65 މީހަކަށެވެ. އަދި ޖޫރިމަނާ ކުރީ 40 މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކާފިއު ވަގުތުގައި ބޭރުގައި އުޅެގެން މިހާތަނަށް 1،519 މީހަކަށް ނަސޭހަތް ދިން އިރު، 527 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. އޭގެ ތެރޭގައި ވޭތުވެދިޔަ 24 ގަޑި އިރު، ނާސޭހަތް ދިނީ 177 މީހަކަށެވެ. އަދި ޖޫރިމަނާ ކުރީ 83 މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފާހަަގަ ކުރެވޭ ކާފިއު ވަގުތަކުގައި ބޭރުގައި އުޅޭ މީހުން ފުދޭ ވަރަކަށް މަދުކަން. އެހެން ނަމަވެސް އެހެން ވަގުތުތަކުގައި، ހާއްސަކޮށް ހަވީރުގެ ވަގުތުތަކުގައި ގިނަ އަދަދަކަށް މީހުން އެއްތަން ވެފައި ތިބޭކަން ފާހަގަ ކުރެވޭ. އެ މީހުންނަށް އަޅުގަނޑުމެން މި ދަނީ ނަސޭހަތްތެރިވަމުން،" މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ، އެވަގުތުތަކުގައި ބައެއް މީހުން މާސްކު ނާޅާ އުޅުއްވާކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
"ހާއްސަކޮށް ޓޭކްއަވޭ ތަންތާގައި ގައިދުކަން ނެތި އުޅޭތަންވެސް ފެނޭ. އެކަން އެގޮތަށް ނުކުރުމަަށް އިލްތިމާސް ކުރަން،" މަތީން ވިދާޅުވިއެވެ.
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ، 107 މީހެކެވެ. މިހާތަނަށް ޖުމްލަ ފެނުނު ކޭސްތައް ވަނީ 5،600 އަށްވުރެ މައްޗަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 3،208 އެވެ. ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 2،449 އެވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަަދަކީ، 146 އެވެ.