މިއަހަރުގެ ފުޓްބޯޅަ މޫސުމަށް ނިކުތްއިރު ރާއްޖޭގެ ފުޓްބޯޅަ ވަނީ ސިޔާސީ އޮއިވަރެއްގައި ކަމަށް ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނެފި އެވެ.

ސަތޯ ބުނީ، ރާއްޖޭގެ ފުޓްބޯޅައަށް މިއަހަރު ބޮޑު ބަދަލުތަކެއް އައިސްފައި ވާއިރު، ފުޓްބޯޅަ ވަނީ ސިޔާސީ އޮއިވަރުގައި ޖެހިފައި ކަމަށެވެ. އެގޮތުން ބައެއް ކުލަބްތަކުގެ އިސްމަޤާމްތަކަށް ސިޔާސީ ބޭފުޅުން ހަވާލުވެފައިވުމަކީ އޭގެ އަލިގަދަ ހެއްކެއް ކަމަށާއި އެހެން ކަމުން އެކުލަބްތަކުގައި ތިބި މޮޅެތި ކުޅުންތެރިންނަށް ވަނީ "ސިޔާސީ" ހުން އައިސްފައި ކަމަށެވެ.

"ފުޓްބޯޅަ މޫސުމަށް ނިކުތްއިރު ރާއްޖޭގެ ފުޓްބޯޅަ ވަނީ ސިޔާސީ އޮއިވަރެއްގައި. ކުލަބްތަކުގެ އިސްމަޤާމްތަކަށް ސިޔާސީ ބޭފުޅުން ހަވާލުވެފައި. އޭގެ އަސަރު ކުޅުންތެރިންނަށް ފޯރާ، އެކުޅުންތެރިން ވަނީ "ސިޔާސީ ހުން އައިސްފައި" ސަތޯ ބުންޏެވެ.

ނިމިގެން ދިޔަ އަހަރު ވީބީއަށް ކުޅުނު މުހިންމު ކުޅުންތެރިން ތަކެއް މިއަހަރުގެ ސީޒަންގައި ނުފެނުނު ކަމުގައި ވިޔަސް، ސަތޯ ބުނީ، ވީބީ އޮތީ ވޭތުވެދިޔަ ތިން އަހަރުވެސް ހޯދި ކާމިޔާބީ މިއަހަރުވެސް ހޯދުމުގެ އަޒުމުގައި ކަމަށެވެ. އެގޮތުން ވީބީގެ ސްކޮޑްގައި ތިބީ ވަރަށް ބެލެންސް ކުޅުންތެރިން ތަކެއް ކަމަށް ސަތޯ ބުންޏެވެ.

"ވީބީގައި އޮތީ ވަރަށް ބެލެންސް ޓީމެއް. ސީޒަން ފެށުމުން އެކަން ސަޕޯޓަރުންނަށް ފެނިގެން ދާނެ. އަލަށް ގުޅުނު ކުޅުންތެރިންނަށް ބަލާފަ ވީބީގައި މިވަގުތު ތިބި ސްކޮޑަކީ ވަރުގަދަ ސޮކޮޑެއް." ސަތޯ ބުންޏެވެ.

ވީބީގެ މަޝްހޫރު އަދި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ވީބީ ދޫކޮށް މިއަހަރު އެހެން ކުލަބްތަކާ ގުޅުނު ކަމުގައި ވިޔަސް ޓީމަށް އެއް ވެސް ކަހަލަ ހީނަރު ކަމެއް ނާންނާނެ ކަމަށާއި ބަކާ، ދަނގަޑޭ އަދި އިމްރާން ފަދަ ކުޅުންތެރިން ވީބީދޫކޮށް ދިއުމުން އޭގެ އަސަރު ވީބީއަށް ކުރިމަތިވިޔަސް، އެކުޅުންތެރިން ނެތް ތަން ފޫބޭއްދުމަށް ދުރާލާ ވީބީން ވަނީ މަސައްކަތް ފަށާފައި ކަމަށް ސަތޯ ވަނީ ބުނެފަ އެވެ.

"ޓީމް އޮތީ ރަނގަޅު ކާމިޔާބީއެއް ހޯދުމުގަ. އެކަމާ އެއްވެސް ސައްކެއް ނުކުރަން. ސީޒަންގެ ކޮންމެ މުބާރާތެއްގެ ތައްޓަށް ފައިޓް ކުރާނެ ވަރުގެ ވަރުގަދަ ކުޅުންތެރިން ވީބީގެ ސްކޮޑްގައި އެބަތިބި." ސަތޯ ބުންޏެވެ.

ވީބީ ދޫކޮށް ދިޔަ ކުޅުންތެރިންނަކީ ރާއްޖޭގެ އެންމެ ޓޮޕް ކުޅުންތެރިންނަށް ވީއިރު، އެކުޅުންތެރިން ނުލާ ފާއިތުވި ތިން އަހަރު ހޯދި ކާމިޔާބު ހޯދުމަށް ވީބީ ޖެހިލުން ނުވާ ކަމަށް ސަތޯ ބުނެފައިވާއިރު، ވީބީ ދޫކޮށް ދިޔަ އެޓީމްގެ އެންމެ މަޝްހޫރު އެއް ކުޅުންތެރިޔަކީ މިސަރަހައްދުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ޤަބޫލްކުރާ އަލީ އަޝްފާގް (ދަނގަޑޭ) އެވެ.

"ދަނގަޑޭ ނެތީމަ، ދަނގަޑޭ ނެތީ. އެވަރުގެ ދެ ވަނަ ކުޅުންތެރިއެއް ރާއްޖޭގަ ވެސް ނެތީ. މިސަރަހައްދުގަ ވެސް ނެތީ. އެކަމަކު އަބަދަކު އެހެނެއް ނުވާނެ." ސަތޯ ބުންޏެވެ.

މީގެއިތުރުން ސަތޯ ބުނީ، ސީޒަނަށް ކުރިމަތިލާއިރު މިފަހަރުވެސް ބިދޭސީ ކުޅުންތެރިން ވީބީން ފެންނާނެ ކަމަށާއި އެގޮތުން ކުލަބަށް ބޭނުންވާ ހުނަރުވެރި ބިދޭސީ ކުޅުންތެރިން ގެނައުމުގެ މަސައްކަތް ވީބީން ވަނީ ފަށާފައި ކަމަށެވެ. އަދި އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ސީޒަނަކީ ކުޅިބަލަށް ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު އިތުރުވެ، މެޗްތަކުގެ ފޯރިގަދަ ވާނެ އަހަރެއް ކަމަށް ސަތޯ ބުންޏެވެ.