16 Aug 2020, 08:21
ދެހާސް އަށާރަވަނަ އަހަރުނުކުތް ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފްވި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ ހަނގުރާމައިގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
އިޝާން މި ފިލްމަށް ސޮއިކުރި އިރު މި ފިލްމަކީ ރާޖާ ކްރިޝްނާ މެނަން ޑައިރެކްޓްކުރާ ފިލްމެކެވެ. ރޯނީ ސްކްރޫވާލާ އާއި ސިދާތު ރޯއި ކަޕޫރް ޕްރޮޑިއުސްކުރާ މި ފިލްމަށް ކިޔާ ނަމަކީ "ޕިއްޕާ"އެވެ.
ބްރިގޭޑިއާ ބަލްރާމް ސިންހް މެހެތާގެ ވާހަކަ ކިޔައިދޭ މި ފިލްމުގައި ބަލްރާމްގެ ރޯލު ކުޅުމަށް ހަމަޖެހިފައިވަނީ އިޝާން އެވެ. ބްރިގޭޑިއާ ބަލްރާމް އަކީ 1971 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނު ކުރި ހަނގުރާމައިގައި މަސައްކަތްކުރި އަސްކަރިއްޔާ އޮފިސަރެކެވެ.
ފިލްމާ ގުޅޭގޮތުން އިޝާން ބުނީ ބަލްރާމް ފަދަ ވަރުގަދަ މީހެއްގެ ރޯލު ކުޅެލަން ލިބުމުން އުފާވާ ކަމަށާއި ކެރިއަރުގެ ކުރީކޮޅު ބޮޑު ފިލްމެއް ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މި ފިލްމު އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމި ނަމަވެސް ފިލްމުގެ މަސައްކަތް ފަށާ ތާރީޚެއް ހާމަކޮށްފައެއް ނުވެ އެވެ.
އެކްޓަރު އިޝާން އަށް އަސްކަރީ ވަރުގަދަ ރޯލެއް ކުޅުން ލިބުނުއިރު އޭނާ އާއެކު ބޮލީވުޑަށް ތައާރަފްވި ބަތަލާ ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރު ވަނީ ދާދި ފަހުން އިންޑިއާގެ އެއާފޯސްގެ ފުރަތަމަ އަންހެން ޕައިލެޓް ގުންޖަން ސަކްސޭނާގެ ވާހަކަ ކިޔައިދޭ ފިލްމެއް ކުޅެފައެވެ.