ނައިޖީރިއާގައި އާއިލާއިން ގަރާޖެއްގައި ތިން އަހަރު ބަންދުކޮށްގެގެން ގެންގުޅުނު މީހަކު ފުލުހުން ސަލާމަތްކޮށްފި އެވެ.

ނައިޖީރިއާގެ އުތުުރުގެ ސިޓީއެއް ކަމަށްވާ ކަނޯގައި އުމުރުން 30 އަހަރުގެ އަހުމަދު ކަނޯ ބަންދުކޮށްގެން ގެންގުޅުނީ މަސްތުވާތަކެތި ބޭނުންކުރާތީ ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި އޭނާގެ ބައްޕަ އަދި ދޮން މަންމަ ވަނީ ހައްޔަރުކޮށްފަ އެވެ.

އޭނާގެ މައްސަލަ ސަމާލުކަމަށް އައީ އަވަށްޓެރިންތަކެއް އެކަން އެންޖީއޯއެއްގެ ސަަމާލުކަމަށް ގެނައުމުންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ގެންދާތަން ފެނެ އެވެ. އަދި އޭނާގެ ހާލު ވަރަށް ދަށްކަން ވީޑިއޯއިން އެނގެ އެވެ. އޭނާއަށް ހިނގެނީވެސް ކިރިޔާ އެވެ.

ނައިޖީރިއާގެ ހިއުމަން ރައިޓްސް އެންޖީއޯއަކުން ބީބީސީއަށް މައުލޫމާތު ދެމުން ބުނީ އޭނާ ގަރާޖުގައި ބަންދުކޮށްގެން ގެންގުޅުނީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި، ގަޟާ ހާޖާ ކުރަމުން ދިޔައީވެސް ހަމަ އެތަނުގައި ކަމަށެވެ. އަދި ކާއެއްޗެއް ނުލިބި އޭނާ ހުރީ ދެންމެ ދެންމެ މަރުވެދާނެ ހާލަތެއްގައި ކަމަށެވެ. އޭނާ ހުރީވެސް ވަރަށް ބޮޑަށް އަނަރޫފަފަވެފަ އެވެ.

މިދިޔަ ބުދަ ދުވަހު ނައިޖީރިއާގައި ޖަނަވާރުކޮށްޓެއްގައި ގެންގުޅުނު 10 އަހަރުގެ ކުއްޖަކު ވެސް ފުލުހުން ވަނީ ސަލާމަތްކޮށްފަ އެވެެ.

ނައިޖީރިއާގައި ބައެއް މީހުން ޑްރަގް ނަގާތީ ރިހިބިލިޓޭޝަން ސެންޓަރުތަކަށް ފޮނުވުމުގެ ގާބިލްކަން ނެތުމުން މައިންބަފައިން ދަރިންނަށް އަނިޔާދީ ބަންދުކޮށްގެން ގެންގުޅޭތަން ދަނީ ފެންނަމުންނެވެ. -- ބީބީސީ