10 Jan 2012, 15:19
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ޖީއެމްއާރުން ނަގަން މަސައްކަތް ކުރި އެއާޕޯޓް ޑިވެލޮޕްމެންޓް ޗާޖް )އޭޑީސީ( އާއި އިންޝުއަރެންސް ޗާޖު އެކުންފުންޏަށް ނުނެގޭ ގޮތް ވުމަކީ އެ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމާ ސަރުކާރުން ހިލާފުވާނެ ކަމެއް ކަމަށާއި އެހެން ވީމާ އެކަމުގެ ޒިންމާ ސަރުކާރާއި އެމްއޭސީއެލް އިން ނަގަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއާޕޯޓުން ފުރާ ކޮންމެ ޕަސިންޖަރަކު އަތުން ނަގަން އުޅުނު 25 ޑޮލަރު، ޖީއެމްއާރުން ސަރުކާރަށް ދައްކަން ޖެހޭ ކޮންސެޝަން ފީ އިން އުނިކުރާ ގޮތަށް ސަރުކާރުން އެއްބަސްވެފައި ވަނީ، އެއްބަސްވުމާ ހިލާފު ވުމުގެ ސަބަބުން އެ ކުންފުނަށް ލިބުނު ގެއްލުމުގެ ޒިންމާ ނެގުމުގެ ގޮތުން ކަމަށެވެ.
ފިނޭންސްގެ ބަޔާނުގައި ބުނަނީ ސިވިލްކޯޓްގެ ހުކުމުގެ ސަބަބުން އޭޑީސީ ނެގުމަށް ޖީއެމްއާރަށް ހުރަސްއެޅިފައިވާ ކަމަށާއި އެފަދަ ކަމެއްގެ ސަބަބުން ލިބޭ ގެއްލުމުގެ ޒިންމާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) އިން ނަގަން ޖެހޭނެ ކަމަށް ޖީއެމްއާރާއި ސަރުކާރާއި އެމްއޭސީއެލް ވެފައިވާ އެއްބަސްވުމުގައިވާ ކަމަށެވެ.
އަދި ބުނަނީ އެއްބަސްވުމާ ސަރުކާރާއި އެމްއޭސީއެލް އިން ހިލާފުވުމުން އަމަލުކުރާނެ ގޮތަކާ މެދު އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ސަރުކާރުން އަމަލުކޮށްފައިވާނެ ކަމަށެވެ.
ޖީއެމްއާރުން ނަގަން އުޅުނު ފައިސާ ނުނެގޭނެ ކަމަށް މިދިޔަ ޑިސެމްބަރު މަހު ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް ، ސަރުކާރަށް އެކުންފިން ދައްކަން ޖެހޭ ފީ ދައްކާނީ އެފައިސާ އުނިކުރުމަށް ފަހުގައި ކަމަށް ބުނުމުން ސަރުކާރުން ވެސް މިހާރު ވަނީ އެކަމަށް އެއްބަސްވެފަ އެވެ.