02 Jul 2010, 10:16
14:30
ޤާނޫނު އަސާސީ ތަންފީޒުކުރަމުން އައި އައުމުގައި މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމާ މިވަގުތު މިވަނީ ދިމާވެފައިކަމަށާއި، ވިސްނުންތެރިކަމާއި ކެތްތެރިކަމާއި، ޙިކްމަތްތެރިކަމާ އެކީގައި މިވަގުތާ ކުރިމަތިލާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އާދަވެގެން ކޮންމެ ހުކުރު ދުވަހަކު އެމަނިކުފާނުގެ ދެއްވާ ހަފްތާގެ ރޭޑިއޯ ޚިޠާބުގައި، ވާހަކަ ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުގައި ރާއްޖެއަށް މިހާރު ކުރިމަތިވެފައިމިވާ މައްސަލައިގެ މައްޗަށް ބައްލަވާލެއްވި އެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން، އިސްތިޢުފާ ދެއްވި މައްސަލައިގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި އެވެ. އަދި އެބޭފުޅުން އިސްތިޢުފާ ދެއްވީ، އެބޭފުޅުންގެ މަސައްކަތްޕުޅަށް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅުއްވާތީ، އެ ބޭފުޅުންނަށް އެބޭފުޅުންގެ މަސައްކަތްޕުޅު ކުރެއްވެން ނެތިގެން ކަމުގައި ވިދާޅުވި އެވެ.
ޙަޤީޤަތުގައި، ވަޒީރު ބޭފުޅުންގެ ޝަކުވާއަކީ، ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައިދޭ ވޯޓު ބިނާވެފައި އޮންނަނީ، މެންބަރެއްގެ ޚިޔާލާތާއި ފިކުރަށް ނުވަތަ އެ ބޭފުޅެއް ނިސްބަތްވާ ޕާޓީއެއްގެ ފިކުރަށް ނޫން ކަމަށާއި އެވޯޓު ދިނުން ބިނާވެފައި އޮންނަނީ، ރިޝްވަތުގެ ހުތުރު ޢަމަލުގެ ތެރޭގައި ކަމަށްވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެއީ ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެއްގޮތަކަށް ވެސް ގަބޫލުފުޅު ކުރައްވާނެ ކަމެއް ނޫން ކަމަށާއި، އެ ޝަކުވާގައި ވަޒީރުން އިސްތިޢުފާ ދެއްވީމާ، އެ މައްސަލަ ބައްލަވަން މަޖުބޫރު ވެވަޑައިގެންނެވީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މި މައްސަލަ މިހާރު ވަނީ ބައްލަވަން ފަށްޓަވާފައި ކަމަށާއި، އެކަންކަމާ ގުޅިގެން ހައްޔަރު ކުރައްވަންޖެހޭ މީހުން ހައްޔަރު ކުރައްވަމުން ގެންދަވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި މިއޮތް ޤާނޫނު އަސާސީ ދެމެހެއްޓުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއްކޮށް، މި އުންމީދުކުރާ ތަރައްޤީ ހޯދަން އެބަޖެހޭ ކަމަށާއި، އެ ތަރައްޤީ ހޯދަން މިޖެހެނީ އަޅުގަނޑުމެންނަށްޓަކައި އެކަންޏެއް ނޫން ކަމަށާއި، އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި ކަމުގައި ވިދާޅުވި އެވެ.