ބާސެލޯނާގެ ތާރީހުގައި ވެސް ޔޫރޮޕުގެ މުބާރާތެއްގައި ލިބުނު އެންމެ ބޮޑު ބައްޔާއެކު ވެސް ޓީމުން އިސްތިއުފާދޭން ބޭނުން ނުވާކަމަށާއި، ޓީމުން ވަކި ކުރަން ބޭނުން ނަމަ ޓީމު ބޯޑުން އެކަން ނިންމާނެ ކަމަށް ކީކޭ ސެޓިއެން ބުނެފި އެވެ.

ޒަމާންތަކަކަށްފަހު ބާސެލޯނާއިން ހުސްއަތާ ލަދުވެތި ގޮތަކަށް ސީޒަން ނިންމާލި އިރު ފަހަކަށް އައިސް ސެޓިއެންގެ ތާއީދު ނެތްކަމަށް ބުނެ ބައެއް ކުޅުންތެރިން ވެސް ނުސީދާކޮށް ވަނީ ބަސްބުނެ ހަދައިފަ އެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު އޭރު ކޯޗަކަށް ހުރި އާނެސްޓޯ ވަލްވާޑޭ ވަކިކޮށް ސެޓިއެން ހަމަޖެއްސި އިރު ބާސެލޯނާ އޮތީ ލީގުގެ އެއްވަނައިގަ އެވެ. އެކަމަކު ސެޓިއެންގެ އިރުޝާދުގެ ދަށުން ޓީމު ގިނަ މެޗުތަކަކުން ބަލިވެ ފަހުން ވަނީ ލީގުގެ ދެވަނައަށް ވެއްޓި ވާދަވެރި ރެއާލް މެޑްރިޑަށް ތަށި ދޫކޮށްލަން ޖެހިފަ އެވެ.

ލީގުގެ ނާކާމީޔާބީއާ އެކު ވެސް ސެޓިއެން ބާސެލޯނާގެ ކޯޗުގައި ދެމިހުންނާނެ ކަމަށް އެ ޓީމުގެ ބޯޑުން ބުނެފައިވާ އިރު ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ވެސް ވަނީ ބާސެލޯނާގެ ބަލީގެ ޒިންމާ ކުޅުންތެރިންގެ ބޮލުގައި ނާޅުވާ، ހުރިހާ ދިމާލަކުން ބަދަލުތައް ގެންނަން ޖެހޭ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ރޭގެ ބައްޔާއެކު އަމިއްލައަށް އިސްތިއުފާ ދޭން ނުނިންމާ ކަމަށް ސެޓިއެން ވަނީ ބުނެފަ އެވެ.

"މިކަމުން އަރައިގަތުމަށް ބާސެލޯނާ އެ ޓީމުގެ އަސްލު އައިޑެންޓިޓީ ހޯދަން ޖެހޭ. އަހަރެން ނުބުނާނަން މުޅި ބާސެލޯނާއަށް ގެންނަން ޖެހެނީ ކޮން ބަދަލުތަކެއްކަން. އެކަމަކު މުޅި ހަޔާތް ބާސެލޯނާގައި ހޭދަކުރި ޕީކޭ އެބުނާ ފަދަައިން ބަދަލުތަކެއް ބޭނުންވާކަން އެބަ ހާމަވޭ،" ރޭގެ މެޗަށްފަހު ސެޓިއެން ބުންޏެވެ.

ސެޓިއެން ބުނީ، މިހާރު ޓީމު އޮތް ހިސާބުން ދޫކޮށްލާފައި ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، އޭނާ މި ޓީމުގައި ދެމިހުންނާނެތޯ ނޫނީ ދާނެތޯ އޭގެ އަށް ގޮތެއް ނިންމައި ވާހަކަ ދެއްކުން އަދި ތަންކޮޅެއް އަވަސް ކަމަށެވެ.

"މިވަގުތު އެންމެން ވެސް މިތިބީ ބޮޑު ހިތާމައެއްގައި، ޖަޒުބާތުގައި ޖެހިގެން ނިންމުންތައް ނުނިންމާނަން."

ފަހަކަށް އައިސް ބާސެލޯނާގެ އެތެރޭގައި މައްސަލަތަކެއް ގޯސްވެ ކުޅުންތެރިންނާއި މެނޭޖްމެންޓާ ދެމެދުގައި ވެސް މައްސަލަ ގަނޑެއް އުފެދިފައިވާ އިރު ޓީމުގެ ކޯޗެއްގެ ގޮތުގައި ސެޓިއެން ބެހެއްޓުމާ ދެކޮޅަށް ބޯޑުގެ ބައެއް މެމްބަރުން ވެސް ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ފާޅުކޮށްފަ އެވެ. އަދި އެ މައްސަލަ ގަނޑުގެ ތެރޭގައި ބައެއް ބޯޑު މެމްބަރުން އިސްތިއުފާ ދިން އިރު ރޭގެ މެޗަށްފަހު ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑެތި ނިންމުންތަކެއް ނިންމާނެ ކަމަށް ބާސެލޯނާގެ ރައީސް ޖޯސެޕް ބާޓެމިއު ވެސް ވަނީ ބުނެފަ އެވެ.

މިފަހަރުގެ ސީޒަނަކީ 2007-2008 ވަނަ އަހަރުގެ ސީޒަނަށްފަހު ބާސާއިން ކާމިޔާބެއް ނުހޯދާ ސީޒަނެއް ނިންމާލި ފުރަތަމަ ފަހަރެވެ. އެއާ އެކު ދުނިޔޭގައި ދެވަނައަށް އެންމެ މުއްސަނދި އަދި ނުފޫޒް ގަދަ ކުލަބުތަކުގެ ތެރޭގައި ހިމެނޭ ބާސެލޯނާއަށް އަންނަ ސީޒަނުގައި ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.