15 Aug 2020, 15:20
ވޮޝިންޓަން (އޮގަސްޓް 15) :އަންނަ ނޮވެމްބަރު 3ގައި އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރައީސް ޑޮނަލް ޓްރަމްޕް މަސައްކަތް ކުރައްވާ މައްސަލަ އެމެރިކާގައި ބޮޑުވެ ގިނަ ފަރާތްތަކަކުން އެކަމާމެދު ކަންބޮޑުވާކަން ފާޅުކުރަން ފަށައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އެމެރިކާގެ ގިނަބަޔަކު ޕޯސްޓް މެދުވެރިކޮށް ވޯޓުލާނެކަމަށް ބެލެވިފައިވާއިރު އިދިކޮޅު ޑިމޮކްރެޓުން ކަންބޮޑުވަނީ ޕޯސްޓް މެދުވެރިކޮށް ވޯޓު ކަރުދާސްކޮޅުތައް ވޯޓު ގުނަންފަށާ ތާރީޚުގެ ކުރިން ވޯޓުލާމީހުންނަށް ނުލިބޭނެކަމަށް ބެލެވޭ މައްސަލައިގައެވެ. މިމައްސަލާގައި އެމެރިކާގެ އިދިކޮޅު ފަރާތްތަކުންނާ އަދި ޑިމޮކްރަސީއަށް މަސައްކަތްކުރާ އެތަށް ފަރާތްތަކުންވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ވޯޓު ގުނަން ފެށުމުގެ ކުރިން ވޯޓުކަރުދާސްކޮޅު ވޯޓުލާމީހުންނަށް ނުލިބޭނެކަމުގެ ބިރު
އެފަރާތްތަކުން ބުނަނީ ވޯޓު ކަރުދާސްކޮޅުތައް ވޯޓުލާ މީހުންނަށް ޕޯސްޓް މެދުވެރިކޮށް ފޮނުވާނެކަމަށް އެމެރިކާގެ އިންތިޚާބުތަކާބެހޭ އިދާރާއިން ދީފައިވާ ސުންގަޑިތަކަކީ ވޯޓު ގުނަންފެށުމަށް އެއިދާރާއިން ދީފައިވާ ތާރީޚުގެ ކުރިން ގިނަ ސަރަހައްދުތަކުގައި ވޯޓުލާމީހުންގެ އަތަށް ވޯޓު ކަރުދާސްކޮޅު ދެވޭނެ ސުންގަނޑިއެއް ނޫންކަމަށާ މި ހާލަތުގައި ވޯޓުލުމުގެ ފުރުސަތުން ގިނަ ބަޔަކު މަހްރޫމު ވެދާނެ ކަމުގައެވެ. މިހެން ދިމާވަނީ އެމެރިކާގެ ޕޯސްޓްގެ ޑެލިވަރީ ސިސްޓަމް ލަސްކަމުންނެވެ.
ޑެލިވަރީ ސިސްޓަމް ލަސްވަނީ އެމެރިކާގެ ޕޯސްޓާބެހޭ ފެޑްރަލް އިދާރާ ޔޫއެސް ޕޯސްޓަލް ސާވިސް ގެ ވެރިއަކަށް ޓްރަމްޕް ދާދިފަހުން އައްޔަންކުރެއްވި ޕޯސްޓްމާސްޓަރ ޖެނެރަލް ލުއީސް ޑިޖޯއީ ގެންގުޅުއްވަން ފެއްޓެވި އައު ޑެލިވަރީ ސިސްޓަމްގެ ސަބަބުންކަމަށްވެއެވެ. ޑިޖޯއީ ޕޯސްޓްމާސްޓަރ ކަމަށް އައްޔަން ކުރުމާއެކު އެމެރިކާގެ ޕޯސްޓްގެ އެކި ބްރާންޗްތަކުގެ ޑެލިވަރީ މިންގަނޑުތަކަށްވަނީ ބަދަލު ގެނަސްފައެވެ.

އެމެރިކާގެ ޕޯސްޓްމާސްޓާ ޖެނެރަލް ލުއިސް ޑިޖޯއި
އައު ޑެލިވަރީ ސިސްޓަމު ބައްޓަންކޮށްފައިވަނީ ޕޯސްޓް މެދުވެރިކޮށް ފޮނުވާ ވޯޓު ކަރުދާސްކޮޅުތައް ވޯޓު ގުނަންފަށާ ތާރީޚުގެ ކުރިން ވޯޓުލާމީހުންނަށް ނުލިބޭފަދަ ގޮތަކަށް ކަމުގެ ތުހުމަތު ޑިޖޯއީ ގެ މައްޗަށްވަނީ ކުރެވިފައެވެ. މިމައްސަލާގައި ޔޫއެސް ސާވިސް ގެ ބައެއް ބްރާންޗް ތަކުންވެސްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާގެ އާންމުންގެ މެދުގައި ޓްރަމްޕްގެ މަގްބޫލުކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު ވޯޓުލާނެ ފުރުސަތު ގިނަ ބަޔަކަށް ނުލިބުމަކީ ޓްރަމްޕްގެ ވާދަވެރިޔާ ޖޯ ބައިޑެންއަށް ލިބޭ ވޯޓު މަދުވާނެ ކަމެއް ކަމަށް ޑިމޮކްރެޓުން ދެކެއެވެ.
އެމެރިކާގެ ޕޯސްޓްމާސްޓަރ އަކީ ޓްރަމްޕްގެ ސަޕޯޓަރެއް
ޓްރަމްޕް ދާދިފަހުން އެމެރިކާގެ ޕޯސްޓްމާސްޓަރ ކަމަށް އައްޔަންކުރެއްވި ލުއިސް ޑިޖޯއީ އަކީ ޓްރަމްޕްގެ ވަރުގަދަ ސަޕޯޓަރެކެވެ. އެމެރިކާގެ ޕޯސްޓްގެ ޑެލިވަރީ ޚިދުމަތްތައް ލަސްކުރުމަށް ޓަކައި ޕޯސްޓްގެ ޑެލިވަރީ ޚިދުމަތުގައި އުޅޭ ގިނަ މުވައްޒަފުންތަކެއް ދާދިފަހުންވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ޑެލިވަރީ ޚިދުމަތުގައި މަސައްކަތްކުރާ ވެހިކަލްތައް ވަރަށް ބޮޑަށް މަދުކޮށްފައިވާއިރު ޔޫއެސް ޕޯސްޓަލް ސާވިސް ގެ ބަޖެޓްވެސް ޓްރަމްޕްގެ ސަރުކާރުންވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ.
ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި ޕޯސްޓްގެ ޑެލިވަރީ ޚިދުމަތް ލަސްކުރަނީ
މިއީ ޑެލިވަރީ ޚިދުމަތްތައް ލަސްކުރުމަށްޓަކައި ޓްރަމްޕްގެ ރޭވުމުގެ ދަށުން އައު ޕޯސްޓްމާސްޓަރ އާ ގުޅިގެން ވޯޓަށް ނުފޫޒު ހިންގުމަށް ގަސްދުގައި ހިންގާ ޖަރީމާތަކެއް ކަމަށް އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. މިމައްސަލާގައި ޓްރަމްޕްގެ ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ބައެއް ފަރާތްތަކުންވެސްވަނީ ކަންބޮޑުވުން ފާޅުކޮށް މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
ޓްރަމްޕް ބޭނުންވަނީ ޕޯސްޓް މެދުވެރިކޮށް ގިނަ ބަޔަކު ވޯޓުލުމަށް ކަމަށްވިޔަސް މިކަން އޮޅުވާލުމަށްޓަލައި ޓްރަމްޕް ގެންދަވަނީ މެއިލް މެދުވެރިކޮށް ވޯޓުލުމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. މިގޮތުން ޕޯސްޓް މެދުވެރިކޮށް ގިނަ ބަޔަކު ވޯޓުލުމަކީ ވޯޓު އޮޅުވާލުމަށް މަގުފަހިވާނެކަމެއްކަމަށާ އެކަމުގެ ފައިދާ ނަގާނީ އޭނާ ނޫންކަމަށާ އޭނާގެ ވާދަވެރިޔާ ޖޯބައިޑެން ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެއެވެ.
ޓްރަމްޕްގެ ރޭވުމާއި މަކަރު
ނަމަވެސް ޚުދު ޓްރަމްޕް ވަނީ ޕޯސްޓް މެދުވެރިކޮށް ވޯޓުލުމަށް ނިންމަވައި އެކަން އިޢުލާނު ކުރައްވާފައެވެ. ޓްރަމްޕްގެ މަކަރު އެނގެނީ މިހިސާބުންނެވެ. އެމެރިކާގެ އިންތިޚާބުތަކާބެހޭ ގާނޫނު ބުނާގޮތުން ބޭނުންބަޔަކަށް ޕޯސްޓް މެދުވެރިކޮށްވެސް ވޯޓު ލެވިދާނެއެވެ. އެމެރިކާގައި އާންމު ގޮތެއްގައި ޕޯސްޓް މެދުވެރިކޮށް ވޯޓުލަނީ އެމެރިކާގެ ސިފައިންނާއި އަދި އެމެރިކާގެ މައިބައްރާ ދުރު ސަރަހައްދުތަކުގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުންނެވެ.
ގިނަބަޔަކު ވޯޓުލާނެކަމަށް ބެލެވެނީ ޕޯސްޓް މެދުވެރިކޮށް
ނަމަވެސް ކޮވިޑް-19 ގެ ޝިކާރައަކަށް ދުނިޔޭގައި އެންމެ ބޮޑަށް ވެފައިވާ ގައުމަކީ އެމެރިކާ ކަމަށްވެފައި އެރޯގާ ކޮންޓްރޯލް ކުރުމަށް ޓްރަމްޕްގެ ސަރުކާރާއި އެމެރިކާގެ ސްޓޭޓްތަކުގެ ސަރުކާރުތައް ނުކުޅެދިފައިވާތީ އަންނަ ނޮވެމްބަރު 3 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ގިނަބަޔަކު ވޯޓުލާނީ މެއިލް ނުވަތަ ޕޯސްޓް މެދުވެރިކޮށް ކަމަށް ވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)