ށ. ބިލެއްފަހީގެ ކަރަންޓް ފޮއްޓެއްގައި އަލިފާން ރޯކޮށްލައި ޕްރީސްކޫލާއި ފެރީދޯންޏެއްގެ ބިއްލޫރިތައް ތަޅާލައިފި އެވެ.
ބިލެއްފަހީ ކައުންސިލްގެ ރައީސް އަބުދުﷲ ޒިޔާދު މިއަދު ވިދާޅުވީ ރަށުގެ ކަރަންޓް ފޮއްޓެއްގައި ބަޔަކު އިއްޔެ ރޯކޮށްލާފައިވާ އިރު ރޭގައި ވަނީ އެ ރަށުގެ ޕްރީސްކޫލްގެ ބިއްލޫރިތައް ތަޅާލައި އެ ރަށުގައި ދަތުރުކުރާ ފެރީދޯނީގެ ބިއްލޫރިތައް ވެސް ތަޅާލާފަ އެވެ.

ޒިޔާދު ވިދާޅުވީ ރަށުގެ މަސްލަހަތު ގެއްލޭ ފަދަ އެކިކަންކަން ހިނަގަމުން ދާތީ އެ ރަށުގައި މިހާރު ވެސް ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ރޭ ވެސް ރަށުގެ ޕްރިސްކޫލަށާއި ފެރީއަށް ގެއްލުންތަކެއް ދީފައި ވަނީ ފުލުހުން ރަށުގައި ހަރަކާތްތެރި ވަމުންދަނިކޮށް ކަމަށެވެ.

"މި އަހަރު ފެށުމާ އެކު މި ރަށުގެއެކި ތަންތަނަށް އެކި ވަރުގެ ގެއްލުން ދެމުން އެބަދޭ. މިހާތަނަށް އެކަންކުރަނީ ކޮންބައެއް ކަން އަދި އެނގިފައެއް ނެތް،" ޒިޔާދު ވިދާޅު ވިއެވެ.

އޭނާ އަދި ވިދާޅުވީ މިހާރު ހިންގަމުން އަންނަ ކަންތައްތައް ބަޔަކު ހިންގަނީ ކޮން މަގުސަދެއްގައި ކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި މިހާތަނަށް އެއްވެސް މީހަކު ފުލުހުން ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.