14 Aug 2020, 22:36
ރާއްޖެ މަގުން ޗާއިނާއަށް ދާ ޗައިނާ ނޫން ގައުމުތަކުގެ ރައްޔިތުން ފަސް ދުވަސް ކުރިން ކޮވިޑަށް ޓެސްޓްކުރަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެގޮތަށް ކޮވިޑް ޓެސްޓްކުރަން ޖެހޭނީ މިމަހުގެ 21 އިން ފެށިގެން ދަތުރުކުރާ ފަރާތްތަކަށް ކަމަށެވެެ.
އެގޮތަށް ޓެސްޓްކޮށް ނެގެޓިވްވުމުން ދޭ ލިޔުން ބަލައިގަންނާނީ އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުން ޓެސްޓް ހަދައިފައިވާނަމަ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ކޮވިޑަށް ނެގެޓިވްވިކަން ކަށަވަރުކުރުމަށް ފްލައިޓަށް އެރުމުގެ ކުރިން ހެލްތު ޑިކްލަރޭޝަން ފޯމަށް އެޕްލައިކުރަން ޖެހޭނެކަމަށްވެސް ބުންޏެވެ.
އެމްބަސީން ބުނީ ރާއްޖެއިން ޗައިނާއަށް ދާ އެހެން ގައުމުތަކުގެ މީހުން ކޮވިޑަށް ޓެސްޓްކުރަން އެޕޮއިންޓްމަންޓް ހައްދަން ހުށަހަޅަން ޖެހޭނީ އެމީހުން ތިބޭ ހޮޓާ، ގެސްޓް ހައުސް އަދި ރިސޯޓްތަކުގެ ނަން މަތީގައި ކަމަށެވެ. އަދި ރާއްޖެއިން ފުރުމުގެ އެއް ދުވަސްކުރިން ކޮވިޑަށް ނެގެޓިވްވިކަމުގެ ލިޔުން އެމްބަސީއަށް މެއިލްކުރަން ޖެހޭނެކަމަށްވެސް ވަނީ ބުނެފައެވެ.
ކޮވިޑް ނެތްކަމުގެ ފޭކް ލިޔުމެއް ހުށަހެޅުން ނުވަތަ ފްލައިޓަށް އެރުމުގެ ކުރިން ބަލި ނޫންކަމަށް ބުނެ ދޮގު ހަދައިފިކަން އެނގިއްޖެނަމަ ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް އެމްބަސީން ބުންޏެވެ.
ރާއްޖެ މެދުވެރިކޮށް ޗައިނާއަށް ޓްރާންސްފާކޮށް ދާ ފްލައިޓެއްނަމަ އެ މީހުން ހެލްތު ޑިކްލަރޭޝަން ފޯމަށް އެޕްލައިކުރަން ޖެހޭނީ އެމީހުން ދަތުރުފަށާ ގައުމެއްގައި ހުންނަ ޗައިނާގެ އެމްބަސީ ނުވަތަ ކޮންސިއުލޭޓުންކަމަށްވެސް ވަނީ ބުނެފައެވެ.