10 Jan 2012, 15:05
ދައުލަތުން މީހެއްގެ މައްޗަށް އުފުލި ދައުވާއެއް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
މއ. ހިންނަވަރު ހުޅަނގުބައި އަނަސް މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލި ވައްކަމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި އަހުމަދު ޝަރީފް އަދި އަބްދުﷲ ހަމީދު ސޮއިކުރައްވައި އިއްޔެ އިއްވެވި ހުކުމްގައި ބުނަނީ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ޖިނާއީ ކޯޓުގެ ހުކުމް ބާތިލްކުރެއްވީ ކަމަށެވެ.
އެ ހުކުމުގައި ބުނަނީ އަނަސްގެ މައްޗަށް ކޮށްފައިވާ ވައްކަންކުރުމުގެ ދައުވާ އަކީ ދައުވާ ސާބިތުކުރުމާއި ދިފާއުވުމަށް ހެކިހުށަހެޅުމަށް އެ މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ފުރުސަތު ދެއްވައި ހުށަހެޅޭ ހެއްކާއި ގަރީނާތަކުގެ އަލީގައި އަލުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށެވެ.
އޭނާގެ މައްޗަށް ވައްކަމުގެ ދައުވާ ކުރީ ސެޕްޓެމްބަރު 6 ، 2006 ދުވަހުގެ ހަވީރުގެ ވަގުތެއްގައި މއ. ހިންނަވަރު އިރުމަތީ ބަޔަށް ވަގަށް ވަދެ އެގޭގައި ދިރިއުޅޭ ގއ. ނިލަންދޫ މީހެއްގެ ޖިންސްގެ ޖީބުގައި އޮތް ވޮލެޓަކާއި ހަމައެގެއިން ދެ މޯބައިލް ފޯން ވަގަށް ނެގި މައްސަލައިގަ އެވެ.
ވަގަށް ނެގި ވޮލެޓްގައި އޮތް 600 ޑޮލަރާއި 390 ރުފިޔާ އޭނާގެ އަތުން ހޯދުމަށް ވޮލެޓުގެ ވެރިފަރާތުން ވަނީ އެދިފަ އެވެ.