10 Jan 2012, 14:49
ކުރިއަށް އޮތް ތާނގައި ބާއްވާ ހުރިހާ އިންތިހާބެއްގައި ޕީޕީއެމްގެ މެންބަރުން ވާދަކުރަން ކައުންސިލުން ނިންމާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޕީޕީއެމުން މިއަދު ބޭއްވި ޕްރެސްކޮންފަރެއްސެއްގައި އެ ޕާޓީގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ ކުރިއަށް އޮތް ބައި އިލެކްޝަންތަކާއި އިންތިހާބުތަކުގައި ޕީޕީއެމުން ކެންޑިޑޭޓުން ވާދަކުރަން ނިންމީ އިންތިހާބުގައި ބައިވެރިވުމަށް ކައުންސިލުން ގަރާރެއް ފާސްކުރުމަށް ފަހުގައި ކަމަށެވެ.
"އެއްވެސް ބައި އިލެކްޝަނެއް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް އޮތްތާގައި އިއުލާން ކުރާ ނަމަ އަޅުގަނޑުމެންގެ ކެންޑިޑޭޓަކު ނުކުންނާނެ. އެމްޑީޕީ އާ ވާދަކުރަން ޖެހޭ ގޮތް އަޅުގަނޑުމެން ނަށް އެބަ އިނގޭ. އެމްޑީޕީން ރަށްރަށުގައި އިންތިހާބައި ދިމާކޮށް ހިންގާ ޣައިރު ގާނޫނީ ކަންތައް ކުރާކަށް އަޅުގަނޑުމެން އެމްޑީޕީ އަކަށް ދެނެއް އެ ފުރުސަތެއް ނުދޭނަން،" މުންދު ވިދާޅުވި އެވެ.
ވޭތުވެ ދިޔަ ތިން މަސް ދުވަހު ރަސްމީކޮށް އިންތިހާބުތަކުގައި ޕީޕީއެމުންބައިވެރި ނުވީ އިންތިހާބުތަކުގައި ބައިވެރިވުމަށް ބޭނުންވާ ގަވާއިދުތައް ފުރިހަމަ ކުރަމުން ގެންދިއުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުންދު މިއަދު ވަނީ ކާށިދޫގެ ދާއިރާގެ މަޖުލިހުގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ގޮނޑިއަށް ޕީޕީއެމުން ރަސްމީކޮށް ކެންޑިޑޭޓަކު ވާދަކުރާނެ ކަމުގެ އިޝާރާތެއް ވެސް ދެއްވާފަ އެވެ. އޭނާ އަދި ވިދާޅުވީ ޕީޕީއެމުން ވާދަކުރާ ނަމަ އިދިކޮޅު ޑީއާރްޕީއާ އެކު މަޝްވަރާކުރުމަކީ އެހާ މުހިންމުކަމެއް ކަމަށް ގަބޫލް ނުކުރާ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ އެންމެ ފަހުން ބޭއްވި އއ. ހިމަންދޫ ރަށު ކައުންސިލާއި ހއ. ފިއްލަދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަނުގައި ޑީއާރުޕީގެ ކެންޑިޑޭޓުންނަށް އެ ޕާޓީން ތާއިދުކުރީ ސީދާ ޑީއާރްޕީން އެދިގެން ނޫން ކަމަށާއި އެއީ ޑީއާރްޕީން ވާދަކުރި ކެންޑިޑޭޓުންނާއި ރައްޔިތުން އެދިގެން ކުރި ތާއީދެއް ކަމަށެވެ.
މުންދު ވިދާޅުވީ ޕީޕީއެމްގެ ކައުންސިލުން އެ ޕާޓީގެ ގޮފިތައް ހެދުމުގެ އޮނިގަނޑު ފާސްކޮށްފައިވުމާ އެކު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ގޮފިތައް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށާއި މިއަންނަ ހަފްތާ އިން ފެށިގެން އެ ޕާޓީ އަށް މެންބަރުން އިތުރުކުރުމަށް އަތޮޅުތަކަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމުގަ އެވެ.
"މިފަހަރުގެ ދަތުރުތަކުގައި ޕާޓީ އަށް މެންބަރުން އިތުރުކުރުމުގެ އިތުރަށް ރަށްރަށުގައި ގޮފިތައް ހެދުމުގެ މަސައްކަތްކުރާނެ ގޮފިތައް ހެދުމަށް ވަރަށް ބޮޑަށް އިސްކަން ދޭނަން .އަދި ބައެއް ދަތުރުތަކުގައި ޕީޕީއެމްގެ ވަގުތީ ރައީސް މައުމޫން އަބުދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ،" މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ޕާޓޠީގެ ގައުމީ ޖަލްސާ އަންނަ އެޕްރީލް މަހުގެ ފަހުކޮޅު ބާއްވަން ޖެހޭނެ ކަމަށް އަސާސީ ގަވައިދުގައި ބުނެފައި އޮތުމާ އެކު ގައުމީ ޖަލްސާ ބޭއްވުމުގެ ކުރިން އެ ޕާޓީގެ މެންބަރުންގެ އަދަދު 40 ހާހަށް އިތުރު ކުރެވޭތޯ މަސައްކްތކުރަމުން އަންނަ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން މިހާރު ޕީޕީއެމްގެ ރަޖިސްޓްރީގައި ވަނީ 13857 މެންބަރުންނެވެ.