ހުޅުމާލެ އާއި ސިނަމާލޭ ބްރިޖާ ދެމެދު އޮންނަ ހައިވޭގެ ބައެއް ސަރަހައްދުތަކަށް ބޮޑަށް އުދަ އަރައިފި އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ހައިވޭ ސަރަހައްދަށް އުދައިގެ އަސަރުކޮށްފައިވާއިރު މިހާރު ދިޔަވަރު ކުޑަވުމުން އުދައެރުން ވަނީ ހުއްޓިފައެވެ.

މާލެއިން ހުޅުމާލެއަށް ދިޔަ މީހަކު "ސަން" އަށް މައުލޫމާތު ދީފައިވާގޮތުގައި ހުޅުމާލެއިން މާލެއަށް ދާ މަގަށް އުދައިގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައި ކަމަށެވެ.

އުދައިގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ވަނީ އަކިރި އަދި ކުދި ގާ ފަދަ ތަކެތިވެސް އަރާފައި ކަމަށް އޭނާ މައުލޫމާތު ދެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ހައިވޭއަށް އުދައިގެ އަސަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެސަރަހައްދު ބަންދުކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ހައިވޭގެ އިތުރުން މާލޭގެ ބްރިޖު ވިއު ސަރަހައްދަށްވެސް ވަނީ މިއަދު އުދައިގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސް ވަރެކެވެ. އަދި ދިޔަވަރު ބޮޑު ވަގުތުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައިގެ އަސަރުތައްވެސް މި ދުވަސްވަރު ކުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ ދާދި ފަހުން ބުނެފައެވެ.