ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތް ޖުޑީޝާލް ސާވިސް ކޮމިޝަނުން ކުރިޔަށް ގެންދަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ޚިލާފަށް ކަމަށް ބުނެ ހައިކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކުރުމުން އެ މައްސަލަ އަނެއްކާ ވެސް ހައިކޯޓަށް ވައްދައިފި އެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ހަތް ގާނޫނީ ވަކީލަކާއި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ އެލުމްނައި[މުސްކުޅި ދަރިވަރުންގެ ޖަމްއިއްޔާ]ގެ އިސް ދެ މެންބަރުން އެކުލެވިގެންވާ ގޮތަށެވެ.

އެ މައްސަލަ ކޯޓަށް ވެއްދުމުގައި ހަރަކާތްތެރިވި ގާނޫނީ ވަކީލު އިސްމާއިލް ވިޝާމް ވިދާޅުވީ ކޯޓުން އެ މައްސަލަ އާދީއްތަ ދުވަހު ބޭރުކޮށްލުމުން އަނެއްކާ ވެސް މިއަދު އެ މައްސަލަ ކޯޓަށް ވެއްދީ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލައާ މެދު ގޮތެއް ނިމެންދެން ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމަށް ޖޭއެސްސީން ކުރަމުންދާ މަސައްކަތް ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ކުރިއެކޭ އެއްފަދައިން މިފަހަރު ވެސް އެދިފައި ވާނެ ކަމަށެވެ.

ހައިކޯޓުން ބުނީ އެ މައްސަލަ ކޯޓުން ބޭރުކޮށްލީ މިދިޔަ އާދީއްތަ ދުވަހު އޮތް ޝަރީއަތަށް މައްސަލަ ހުށަހެޅި ފަރާތްތަކުން ކޯޓަށް ހާޒިރުވެފައި ނުވާތީ ކަމަށެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް މިއަދު ވިދާޅުވީ އެ މައްސަލަ އަލުން ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެ މައްސަލަ ކޯޓަށް ބަލައިގަތުމާ މެދު އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

ހައިކޯޓަށް ވައްދާފައިވާ މައްސަލައިގައި ބުނަނީ ޖުލައި،2011،6 އާއި އޮގަސްޓް 2011،14ގައި ކޮށްފައިވާ އިއުލާނަށް އިޖާބަދީ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ މީހުން ޖޭއެސްސީން ޝޯޓުލިސްޓްކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާ ޚިލާފުގަވާއިދެއްގެ ދަށުން ކަމަށެވެ.