14 Aug 2020, 09:12
ކޮވިޑް-19 ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ ދިވެހި އަންހެނަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ކުރި ޓުވީޓެއްގައި އުމުރުން 61 އަހަރުގެ އަންހެން މީހާ މަރުވީ ރޭ 01:45 ހާއިރު ކަމަށެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 22 އަށް އަރައިފައެވެ.
ރޭ ހަތެއް ޖެހިއިރު އައިޖީއެމްއެޗަށް ގެންދިޔަ އުރުމުން 83 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށާއި އޮންނަ އުސޫލުގެ ދަށުން ޓެސްޓް ކުރި އިރު އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.
އަދި އެ މީހާ އަކީ ސީދާ ކޮވިޑުގެ ސަބަބުން މަރުވި މީހެއްތޯ ނޫންތޯ ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކޮވިޑުގައި މަރުވި މީހުންގެ ތެރޭ ގުނާނެތޯ ނުވަތަ ނޫންތޯ ބަލަމުންދާ ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.
އިއްޔެ ހަވީރު ހަޔަކާއި ހަމައަށް ރާއްޖެއިން ޖުމްލަ 5،494 މީހަކު ވަނީ ކޮވިޑަސް ޕޮޒިޓިވް ވެފައެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 2،920 އެވެ.
މިވަގުތު ބައްޔަށް ފަރުވާ ދެމުންދަނީ 2،553 މީހުންނަށެވެ. އޭގެ ތެރެއިން 156 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.