މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ ބަދަލުގައި އެހެން ސަރަހައްދަކަށް ބަދަލުކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށާއި އެހެން ނަމަވެސް އޭރުން އޭގެ ފައިދާ ފެންނަން ތިރީހަކަށް އަހަރު ނަގާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ޕޯޓު އެހެން ސަރަހައްދަކަށް ބަދަލުނުކުރީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމަށެވެ.

އެހެން ނަމަވެސް ރާއްޖޭގެ މައި ނާރެހަކީ އަދިވެސް ގްރޭޓާ މާލެ ސަރަހައްދު ކަމަށާއި ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ މާލޭގައި ކަމަށް ވާއިރު، ޕޯޓު އެހެން ސަރަހައްދަކަށް ބަދަލުކޮށްގެން އޭގެ ފައިދާ ފެންނާނީ ރައްޔިތުން ލާމަރުކަޒުކުރެވި، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ބެހިގެން ދިއުމުން ކަމަށެވެ.

"ބައެއް ބޭފުޅުން ސުވާލުކުރޭ ކީއްވެހޭ ޕޯޓު ގެންގޮސް ރާއްޖޭގެ އެހެން ތަނަކަށް ނުލީ. އޭގެ ޒާތުގައި ގޯސްކަމެއް ނޫން. އެހެން ނަމަވެސް ޕޯޓެއް ހަމަ ގެންގޮސް އެހެން ތަނަކަށް ލާއިރުގައި، އެ ޕޯޓެއްގެ މަންފާއާއި އެއްޗެހި ލިބެން ނަގާނެއް ވިއްސަކަށް ތިރީހަކަށް އަހަރު،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މާލެ އަކީ މެދު ކަމަށް ވުމުން، ރާއްޖޭގެ ދެކޮޅަށް ގެންދާ މުދަލުގެ އަގު ހިފެހެއްޓިގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހަމައެއާ އެކު ޕޯޓު ގުޅީފަޅަށް ބަދަލުކުރުމުން މާލޭގެ ގިނަ ތޮއްޖެހުންތަކަކަށް ވެސް ހައްލު ލިބިގެން އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ގުޅީފަޅުފައި ހަދާ އިންޑަސްޓްރިއަލް ވިލެޖަށް، މާލޭގައި ހުރި ހުރިހާ ގުދަންތައް، މާ ކުޑަ އަގެއްގައި ބަދަލު ކުރެވޭނެ ކަމަށެވެ.

އަދި ވިޔަފާރި ކުރުމަށް ކުރަން ޖެހޭ ހަރަދު ކުޑަވެ، އޭގެ ސަބަބުން މުދަލުގެ އަގު ކުޑަވެގެން ދާނެ ކަމަށާއި ގިނަ ފަރަތްތަކަކަށް ވިޔަފާރިކުރުމުގެ ފުރުސަތު ލިބުމުން އުފެދޭ ވާދަވެރިކަމުގެ ސަބަބުން ވެސް އަގުތައް ކުޑަވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދެން ބުރިޖު، ހަގީގަތުގައި އެ ގުޅާލެވުނީމަ ހަގީގަތުގައި އެ ބޮޑު މަންފާ މި ލިބެނީ. އެ ޕޯޓަށް ގެންނަ ހުރިހާ މުދަލެއް، މާލެ ސަރަހައްދަށް ނުވަތަ ހުޅުމާލެ ސަރަހައްދަށް ބުރިޖު މެދުވެރިކޮށް ގެނެވުނީމަ، އެހެންވީމަ އެއްކަލަ ގުދަންތައް އެތަނަށް ބަދަލުވުމުގެ އިތުރު ބާރަކަށް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ތިލަފުށްޓަކީ މުސްތަގުބަލުގައި ރަނގަޅު އިންޑަސްޓްރިއަލް މެނުފެކްޗަރިން ތަނަކަށް ވެގެންދާނެ ކަމަށާއި ގާއިމުކުރެވޭ ކަނެކްޓިވިޓީގެ ސަބަބުން އަގު ހެޔޮވުމާއި އަދި އެތަންތަނަށް ވިޔަފާރިތައް ބަދަލުކުރުމަށް ލިބޭ ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަދި ކުރިއަށް އޮތް ތަނުގައި ގިރާވަރު ނުވަތަ އުތުރު ތިލަފަޅު ނޫނީ މިކަހަލަ ތަންތަނުގައި ވެސް އަޅުގަނޑުމެން އާބާދު ކުރެވިގެން ދާކަމަށް ވާނަމަ، އެ ކަނެކްޓިވިޓިއަކީ ވަރަށް ބޮޑަށް، މާލެއާ ގުޅިފައި އޮންނާނީ. އެހެންވީމަ އިގްތިސޯދީ ގޮތުން ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބުރިޖާއި ޕޯޓުގެ މަޝްރޫއަށް ހަރަދުވަނީ ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ޑޮލަރު ކަމަށާއި، ލޯނު ނަގަނީ ދެ ޕަސެންޓަށް ވުރެ ކުޑަ އިންޓްރެސްޓުގައި ކަމަށެވެ. އަދި ލޯނު ނަގަނީ 15 ނުވަތަ 20 އަހަރުން ދައްކާ ގޮތަށް ކަމަށެވެ.

އަދި ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު އަޑިއަޅާލާފައިވާ މި ދަނޑިވަޅުގައި މި ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމުން، ރާއްޖޭގައި އިގްތިސޯދީ ހަރަކާތްތަކެއް ކުރިއަށް ގޮސް، ވެއްޓުނު އަނދަވަޅުން އަރައިގަތުމާ ހަމައަށް ދެވެންދެން ވެސް ފުދޭވަރަކަށް ރަނގަޅު ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށާއި އެއީ ވަރަށް މުހިންމު ކަމެއް ގޮތުގައި ފެނިވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ދައުރު ހަމަވުމުގެ ކުރިން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ފައިދާ ރައްޔިތުންނަށް ލިބެން އެދޭ ކަމަށާއި އެހެން ނަމަވެސް ދައުރުގައި ކަންކަން ކުރުމަށް ވުރެ ބޮޑަށް، ސަރުކާރުން ބަލަނީ ރަނގަޅު ކަންކަން ރަނގަޅު ގޮތުގައި ކުރުމަށް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ގިނަވެގެން ތިން އަހަރު ދުވަހުގެ ތެރޭގައި ބުރިޖު އަދި ޕޯޓުގެ މަސައްކަތް ވެސް ނިމި، ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ.

މި އަހަރުގެ ފަހުކޮޅު ޕޯޓުގެ ކޮންޓްރެކްޓު އެވޯޑުކޮށް ނިމޭނެ ކަމަށާއި އެގްޒިމް ބޭންކް މެދުވެރިކޮށް އެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ބުރިޖުގެ މަސައްކަތް ވެސް ފެށިގެން ދާނެ ކަމަށް އުންމީދުކުރައްވާނެ ކަމަށެވެ.