10 Jan 2012, 13:12
ޔޫރަޕުގެ ގިނަ ކުލަބުތަކަކުން ހޯދުމަށް މަސައްކަތް ކުރާ ޖަރުމަން މިޑްފީލްޑަރު މާރިއޯ ގޮޓްޒޭ ބޮރޫސިއާ ޑޯޓްމުންޑްއާ 2014 ޖެހެންދެން ކުލަބަށް ކުޅުމަށް ބޭނުންވާ ކަމަށް އޭނާ ބުނެފި އެވެ.
ފަހަކަށް އައިސް އުމުރުން 19 އަހަރުގެ ގޮޓްޒޭ ވެފައިވަނީ ޔޫރަޕްގެ ޒުވާން ކުޅުންތެރިންގެ ތެރެއިން އަރަމުން އަންނަ ތަރިއަކަށެވެ. އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ނާއި އާސެނަލް އިން ވެސް ގޮޓްޒޭ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދެ އެވެ.
"ކުލަބާއި އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމުގެ ޚިޔާލުތަކެއް ކުރެވޭ. މިއީ އަހަރެންގެ އަމިއްލަ ގެއެއް ކަހަލަ ތަނެއް ހެން ހީވާ ވާހަކަ އަބަދުވެސް ބުނަމުން ދިޔައިން. އެކަން ބަދަލުވުމުގެ އެއްވެސް ސަބަބެއް އަދި ނެތް. އަދި ކުލަބުގެ ކޯޗާއި ޓީމު ވެސް ވަރަށް މޮޅު." ގޮޓްޒޭ ބުންޏެވެ.
ޓީމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ޑޯޓްމުންޑް އިން ވަނީ އިތުރު ޖަރުމަން ކުޅުންތެރިއެއް ޓީމަށް ގެނެސްފަ އެވެ. ބްރޫސިއާ މޮންޗެންގްލަދްބަޗްގެ މާކޯ ރިޔުސް ވަނީ ޑޯޓްމުންޑާއި އެކު ސޮއިކޮށްފަ އެވެ.