13 Aug 2020, 23:12
ފާއިތުވި 24 ގަޑިއިރު ތެރޭ މާސްކު ނާޅާ ބޭރުގައި އުޅުނު 53 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި ބޭރުގައި އުޅުން މަނާގަޑީގައި ބޭރުގައި އުޅުނު 65 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފާއިތުވި 24 ގަޑިއރު ތެރޭ މާސްކު ނާޅާ އުޅުނު 83 މީހަކަށް އަދި މަނާ ވަގުތު ބޭރުގައި އުޅުނު 94 މީހަކަށް ނަސޭހަތްވެސް ދީފައިވާ ކަމަށެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނާއި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު މާސްކު ނާޅާ އުޅޭނަމަ އެންމެ ފުރަތަމަ ނަސޭހަތްދީ، ދެވަނަ ފަހަރަށް އެކަން ތަކުރާރު ކުރާނަމަ 1000 ރުފިޔާ އިން ޖޫރިމަނާ ކުރެއެވެ.
ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 10 އިން ފަތިހު ފަހަކަށް ބޭރަށް ނިކުތުން ވަނީ މަނާކޮށްފައެވެ.
ބޭރުގައި އުޅޭ މީހުންނަށް ނަސޭހަތްދީ، ތަކުރާރު ކުރާނަމަ 1000 ރުފިޔާ އިން ޖޫރިމަނާ ކުރެއެވެ.
މިހާތަނަށް މާސްކު ނާޅާ އުޅުނު 510 މީހަކު އަދި ބޭރުގައި އުޅުނު 376 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.