ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ފުރަބަންދުކުރުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކުރި ވަގުތީ ހިޔާ ހުސްނުކުރެވިގެން އުޅެނީ އެތަނުގައި މިވަގުތު ތިބި އާއިލާއަކުން އެތަނުން ނުކުންނަން ދެކޮޅު ހަދާތީ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލެ ފުރަބަންދުކުރުމާ ގުޅިގެން، 103 ފިރިހެނުންނާއި، 144 އަންހެނުންނާއި އެއް މަސް ނުފުރޭ ތުއްތު ހަ ކުދިން ހިމެނޭގޮތުން، 253 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

އަދި މިވަގުތު ވަގުތީ ހިޔާގައި ތިބީ އެއް އާއިލާއަށް ނިސްބަތްވާ 13 މީހުން ކަމަށާއި އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ ކަމަށެވެ. އަދި އެ ފަރާތްތަކުގެ އިޖުތިމާއީ އަދި އިގްތިސޯދީ ހާލަތު ދެނެގަތުމަށް ހެދި އެސެސްމަންޓަށް ރިއާޔަތްކުރާއިރު، އެމީހުން އިގްތިސޯދީ ހާލަތު ބަަލުވެފައި ވާތީއާއި ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާތީ، އަދި އެެ އާއިލާއިން ރަށަށް ދިއުމަށް އުޒުވެރިވާތީ، ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ހަމަޖެއްސުމަށް ތަކުރާރުކޮށް އަންގާފައި ވާނެ ކަމަށެވެ.

އަދި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޖެންޑާ މިނިސްޓްރީއަށް ޔޫތު މިނިސްޓްރީން ދޫކޮށްފައިވާ އިމާރާތް އަނބުރާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޖެންޑާ އިން ބުނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވަނީ އެ ފަރާތްތައް ނިސްބަތްވާ ރަށްރަށަށް ދިއުމަށް، ނުވަތަ އެ ފަރާތްތައް އަމިއްލައަށް ދާއިމީ ބޯހިޔާވަހިކަމެއް ހަމަޖެއްސުމަށް ވަގުތު ދިނުމުގެ ގޮތުން، ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަން އެ ފަރާތްތަކަށް އެންގުމަށް ފަހުގައި ކަމަށެވެ.

އަދި މިނިސްޓްރީން އެފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ އެ ފަރާތެއް ނިސްބަތްވާ ރަށަށް ދިއުމަށް ކޮންމެ ފަރާތަކުން ވެސް އެއްބަސްވުމުން ކަމަށެވެ.

އެގޮތުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން މީހުންގެ ތެރެއިން 13 މީހަކު ފިޔަވައި، އެހެން ހުރިހާ ފަރާތެއް ހޯމް ކަރަންޓީނުވުމަށް އެ ފަރާތެއް ނިސްބަތްވާ ރަށެއްގައި ނުވަތަ އަމިއްލަ ހިޔާވައްސެއްގައި އިންތިޒާމުކުރެވިފައިވާ ކަމަށެވެ.

ޖެންޑާއިން ބުނީ، ޖުލައި އެއްވަނަ ދުވަހުން ފެށިގެން ފުރަބަންދުގެ ހާލަތަށް ލުއިދިނުމަ ގުޅިގެން، ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުން ހުއްޓާލަން މިނިސްޓްރީން ނިންމި ކަމަށެވެ.

ނަމަވެސް ވަގުތީ ހިޔާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް އާއިލާތައް ތިބުމުން، އެފަރާތްތައް ނިސްބަތްވާ ރަށަށް ދިއުމަށް އެދޭނަމަ، އެކަންކަން މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށާއި އަދި އެ ނޫން ގޮތެއް ހަމަޖައްސަން ބޭނުންވާނަމަ، މިއަދާ ހަމައަށް ވެސް އެ ފުރުސަތު ދީފައިވާނެ ކަމަށެވެ.

އަދި މިވަގުތު ވަގުތީ ހިޔާގައި ތިބި މީހުންގެ ތެރެއިން ވަޒީފާ ގެއްލިފައިވާ މީހުން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ޕޯޓަލްގައި ރަޖިސްޓްރީކޮށް، މިނިސްޓްރީން އެހީތެރިކަން ހޯދުމަށް ވެސް ލަފާއަރުވާފައި ވާނެ ކަމަށެވެ.

މީގެ އިތުރުން ދިގުމުއްދަތެއް ވަންދެން މާލޭގައި ދިރިއުޅުން ބިނާކޮށްފައިވާ އާއިލާތަށް އެނބުރި ރަށަށް ދިއުމަށް އުޒުރުވެރިވާތީ އެ ފަރާތްތަކަށް ވެދެވޭނެ އެހީތެރިކަމަ ގުޅޭގޮތުން ވެސް ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރެވި، އެ އާއިލާތަސް ފޯރުކޮށްދެވޭނެ އެހީތެރިކަމާއި ގޮތްތަކެއް ނިންމުމަށް ވެސް ޖެންޑާއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.