13 Aug 2020, 21:12
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިސްރާއިލް އާއެކު ގުޅުން ބަދަހިކުރުމަށް ނިންމައި އެކަން އިއުލާނުކޮށްފިއެވެ.
މިކަން ފުރަތަމަ އިއުލާނު ކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައެވެ.
ޓްރަމްޕާއި އިސްރާއިލްގެ ބޮދުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އަބޫދާބީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދު އެކުގައި ނެރުއްވި ޖޮއިންޓް ސްޓޭޓްމެންޓެއްގައި ވިދާޅުވީ މިއީ މެދުއިރުމަތީގެ ސުލްހައަށް މުހިއްމު ފިޔަވަޅަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޔޫއޭއީ އިން އިސްރާއިލް އާއެކު ގުޅުން ބަދަހި ކުރުމަށް ނިންމުމާއެކު ހުޅަނގު އައްސޭރީގެ ބިންތައް ހިފުމަށް އިސްރައިލް އިން ކުރާ މަސައްކަތް ހުއްޓާލާނެ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.
ޔޫއޭއީ އިން އިސްރައިލް އާއެކު ގުޅުން ބަދަހި ކުރަން ނިންމުމާއި ހަމައަށް ގަލްފްގެ އެއްވެސް އަރަބި ގައުމަކުން އިސްރާއިލް އާއެކު ޑިޕްލޮމެޓިގް ގުޅުމެއް ބާއްވައިފައެއް ނުވެއެވެ.
ނަމަވެސް އެ ސަހަރައްދުގެ ގައުމުތަކާޢި އިރާނާ ދެމެދު އޮންނަ ނުތަނަވަސްކަމާއެކު ނުރަސްމީކޮށް އިސްރާއިލާއެކު އެގައުމުތަކުން ވާހަކަތައް ބާއްވައެވެ.
އިސްރާއިލާއެކު ޔޫއޭއީ އިން ގުޅުން ބަދަހިކުރަން ނިންމުމާއެކު ޔޫއޭއީ އިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔޫސުފް އަލް އުތައިބާ ވިދާޅުވީ މިއީ ޑިޕްލޮމެސީ އަށްވެސް އަދި މެދުއިރުމައްޗަށް ވެސް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
މިއީ އަރަބި ގައުމަކާއި އިސްރާއިލާ ދެމދު އެކުލަވާލެވޭ ތިންވަނަ "ޕީސް ޑީލް" އެވެ. އިސްރާއިލް އަކީ ވަކި ދައުލަތެއް ކަމަށް 1948 ވަނަ އަހަރު އިއުލާނު ކުރިފަހުން 1979 ވަނަ އަހަރު މިސްރުން ވަނީ އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އުރުދުން އިން ވަނީ 1994 ގައި އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެމެރިކާގެ ރައިސް ޓްރަމްޕް ވިދާޅުވީ ޔޫއޭއީގެ މި ފިޔަވަޅު ބަލައިގެން އަރަބި އެހެން ގައުމުތަކުންވެސް އިސްރާއިލާ ގުޅުން ބަދަހި ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޔޫއޭއީގެ މި ފިަޔވަޅާއެކު ފަލަސްތީނުގެ އޮފިޝަލު ހަނާސް އަސްވާރީ ވިދާޅުވީ ޔޫއޭއީ އިން ފިލާ އޮވެ އިސްރާއިލާއެކު ގުޅުން ބަދަހިކުރަމުންގޮސް، މިހާރު ފާޅުގައި ގުޅުން ބަދަހިކުރަން ފެށީ ކަމަށެވެ.