13 Aug 2020, 21:13
ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ، އިންޑިއާ ކަނޑުގެ ފުންމިން ހުރި ވަރުގަދަ ގުޅުމެއް ކަމަށާއި، އެކަން އެގޮތުގައި އަބަދުވެސް ދެމިއޮންނާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދު ގުޅާލާ ބްރިޖު އެޅުމަށާއި ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިން އެހީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައި ކުރެއްވި ޓުވީޓަށް ޖަވާބު ދެއްވަމުންނެވެ.
މާލެ އާއި ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ބްރިޖުގެ މަސައްކަތަށް އިންޑިއާ ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރު ދީފައެވެ. މީގެ ތެރޭގައި ހިލޭ އެހީ އާއި ލޯނު ހިމެނެއެވެ. މީގެެ އިތުރުން ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ރުފިޔާ ދޭންވެސް އެގައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ.
ރައީސްގެ ޓުވީޓަށް ޖަވާބުދެއްވައި މޯދީ ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިގްތިސޯދީ ހީނަރުކަމުން އަރައިގަތުމަށް އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.
"ދެ ގައުމުގެ ހާއްސަ ގުޅުމަކީ އިންޑިއާ ކަނޑުގެ ފުންމިނުގެ ގުޅުމެއް. އަދި އެ ގުޅުން އެގޮތުގައި އަބަދުވެސް ދެމިއޮންނާނެ،" މޯދީ ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ވަނީ އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ޗައިނާގެ ވޫހާން ސިޓީގައި ތިބި ނުވަ ދިވެހިން ރާއްޖެ ގެނެސްދިނުމާއި، އިންޑިއާގެ އެކި ހިސާބުތަކުގައި ތިބި ހާހެއްހާ ދިވެހިން ރާއްޖެ ގެނެސްދިނުމަށް އެހީތެރިވުމުގެ އިތުރުން ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ހުއްޓުމެއް ނެތި ރާއްޖެއަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި، ގިނަ އަދަދެއްގެ ބޭހާއި ކާބޯތަކެތި ހިލޭ އެހީގެ ގޮތުގައި އެ ގައުމުން ރާއްޖެއަށް ފޮނުވާފައިވެ އެވެ. އަދި އިންޑިއާގެ މެޑިކަލް ޓީމަކުން ރާއްޖެއަށް އައިސް، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.
މީގެ އިތުރުން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވުމާއެކު، ރާއްޖެއިން ލިބެން ނެތް ފަރުވާ ބޭނުންވާ ކްރިޓިކަލް ޕޭޝަންޓުންނަށް އިންޑިއާއަށް ދަތުރުކުރުމުގެ މަގު އިންޑިއާއިން ފަހިކޮށްދީފައިވާތީ، ގިނަ އަދަދެއްގެ ދިވެހިން ދަނީ އިންޑިއާގައި ފަރުވާ ހޯދަމުންނެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން މީގެ ކުރިން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ، އިންޑިއާގެ މަރުކަޒީ ބޭންކް ރިޒާވް ބޭންކު އޮފް އިންޑިއާޔާ އެކު ހަދާފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ވެސް ރާއްޖެއަށް ނަގައިފަ އެވެ.