13 Aug 2020, 19:40
ގްރޭޓާ މާލެ ސަރަހައްދު ގުޅާލާ ބްރިޖު އެޅުމަށާއި ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިން އެހީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ.
މާލެ އާއި ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ބްރިޖުގެ މަސައްކަތަށް އިންޑިއާ ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރު ދީފައެވެ. މީގެ ތެރޭގައި ހިލޭ އެހީ އާއި ލޯނު ހިމެނެއެވެ. މީގެެ އިތުރުން ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ރުފިޔާ ދޭންވެސް އެގައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ.
ގްރޭޓާ މާލެ ސަރަހައްދު ގުޅާލާ މަޝްރޫއަކީ 695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މަޝްރޫއެކެވެ. މި މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއު ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.
މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ނިންމާފަ އެވެ.
އިންޑިއާ އިން ދިން އެހީއަށް ޝުކުރު އަދާކުރައްވާ ރައީސް ސޯލިހު މިއަދު ވިދާޅުވީ މިއީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. ރައީސް ސޯލިހު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަަށާއި އެގައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
އިންޑިއާ އިން ވަނީ ރާއްޖެއަށް ޒަރޫރީ ކާބޯތަކެތި އެތެރެކުރުމަށް ދީފައިވާ ކޯޓާގެ މުއްދަތު އިތުރުކޮށްދީ ހިލަ އާއި ހިލަވެލި އެތެރެކުރުމަށް ދީފައިވާ ކޯޓާގެ މުއްދަތުވެސް އިތުރުކޮށްދީފައެވެ. މީގެ އިތުރުން އިންޑިއާ އިން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ބޮޑު ހަތް މަޝްރޫއެއް ކުރިއަށް ގެންދަންވެސް ވަނީ ނިންމައިފައެވެ.