ރާއްޖޭގެ 19 މީޑިއާއަކުން 73 ނޫސްވެރިން ސޮއިކޮށް، އަވަސް ނޫހުގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ)އާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން، ފުލުހުން މައްސަލަ ބަލަން ފަށައިފިއެވެ.

ކަމާބެހޭ މުއައްސަސާތަކަށް ނޫސްވެރިން ޕެޓިޝަނެއް ހުށަހެޅީ، އާދަމް ހަލީމްގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން، އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދިއެވެ.

އެ ޕެޓިޝަންގައި އެންމެ އިސްކޮށް އުޅޭ "ސަން" ގެ ނޫސްވެރިޔާ، މުޒައްޔިން ނާޒިމް އަށް ހޯމް މިނިސްޓްރީން މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހެޅި، ތަހުގީގު ކުރެވެމުން އަންނަ ކަމަށެވެ.

އަދި މައްސަލަ ބެލުމަށްފަހު، ކަން ހިނގާފައިވާ ގޮތަކަށް ބަލައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅިގެންދާނެ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ނޫސްވެރިންގެ ޕެޓިޝަނުގައި އެދިފައި ވަނީ މިފަދަ ތުހުމަތުތައް ކުރެވޭ ފަރާތްތަކަށް މީގެ ކުރިން ދައުލަތުންނާއި އެކިއެކި އިދާރާތަކުން ދީފައިވާ އެވޯޑުތަކާއި ޝަރަފުތައް އަނބުރާ ނެގުމާ މެދު ވިސްނުމަށެވެ. އަދި މި މައްސަލަތައް ބަލައި އެކަން ސާބިތުވާ ނަމަ ހައްގު އަދަބުދީ، ފިޔަވަޅު އެޅުމަށް ވެސް އެ ޕެޓިޝަނުގައި ވަނީ ގޮވާލައިފަ އެވެ.

އެގޮތުން އާދަމް ހަލީމަށް ނޫސްވެރިކަމުގެ ރޮނގުން 2010 ވަނަ އަހަރު ސަރުކާރުން ދީފައިވާ ގައުމީ އިނާމާއި، މޯލްޑިވްސް މީޑިއާ ކައުންސިލުން 2018 ވަނަ އަހަރު ދިން "ނޫސްވެރިކަމުގެ ރަން ގަލަން" އޭނާގެ ކިބައިން އަތުލުމަށް އެ ޕެޓިޝަނުގައި އެދިފައިވެ އެވެ.

"އަދި މިފަދަ އެވޯޑެއް ލިބިފައިވާ ފަރާތްތަކަށް ފަހުން ވެސް އެފަދަ ތުހުމަތެއް ކުރެވޭ ނަމަ އެ އެވޯޑަކާއި ޝަރަފުތައް އަތުލެވޭނެ ގޮތުގެ އުސޫލެއް އެކުލަވާލައި އާންމުކޮށް، އަދި އެ އުސޫލުތައް ތަންފީޒުކުރުމަށް ވެސް އަޅުގަނޑުމެން ނޫސްވެރިން އެދެމެވެ." ޕެޓިޝަނުގައި ބުނެފައިވެ އެވެ.

ނޫސްވެރިންގެ ޕެޓިޝަނުގައި އިތުރަށް އެދިފައި ވަނީ މުސްތަގުބަލުގައި ވެސް އެއްވެސް އިދާރާއަކުން އެވޯޑުތައް ދޭ އިރު މިފަދަ ސީރިއަސް ތުހުމަތުތައް ކުރެވޭ މީހުންނަށް އެތަކެތި ނުލިބޭނެ ފަދަ ގޮތަކަށް އުސޫލުތައް އެކަށައެޅުމަށެވެ.

ހޯމް މިނިސްޓްރީގެ އިތުރުން، މީޑިއާ ކައުންސިލާއި، ޖެންޑާ މިނިސްޓްރީ އަދި ރައީސް އޮފީސް އަށް ވެސް އެ ޕެޓިޝަން ވަނީ ހުށަހަޅައިފައެވެ.

އެމްއެމްސީން ވަނީ އެ މައްސަލައިގެ ތަހުގީގު އަވަސްކޮށްދިނުމަށް ޕޮލިސް ސާވިސްގައި އެދިފައެވެ.

އެ ޕެޓިޝަނާ ގުޅޭ ގޮތުން އެމްއެމްސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ކަމަށާއި މިފަދަ ކަންތައް އަމާޒުވާ ފަރާތްތަކަށް ކުރާ ޖިސްމާނީ އަދި ނަފްސާނީ އަސަރުވެސް ދިގު މުއްދަތަކަށް ދެމިގެންދާ ކަމަށެވެ.

މިފަދަ މައްސަލަތައް މުޖުތަމައިން ފުހެލުމަށް ފަރުދީ ގޮތުންނާއި ޖަމާއަތުގެ ފެންވަރުގައި ކުރާ މަސައްކަތަށް އެމްއެމްސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުނީ ނޫސްވެރިންނަކީ ބުރަކޮށް މަސައްކަތްކުރާ ބަޔެއް ކަމަށާއި އަންހެން ނޫސްވެރިން ކުރާ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް ކަމަށެވެ.

"އެހެންކަމުން އެކަނބަލުންނަށް އަމާޒުކޮށް ޖިންސީ ފުރައްސާރައިގެ އެއްވެސް ބާވަތެއްގެ އަމަލެއް ހިންގުމަކީ މި ކައުންސިލުން ގަބޫލުކުރާނެ ކަމެއް ނޫނެވެ. އަދި މިފަދަ ތުހުމަތުތަކެއް މެދުނުކެނޑި އިވެމުން ދިޔުމަކީ މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.