10 Jan 2012, 13:02
ފީފާ ބެލޮންޑޯ އެވޯޑު ބާސެލޯނާގެ ލިއޮނަލް މެސީ ހޯދައި ދުނިޔޭގެ ފީފާ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އެވޯޑު ޖެހިޖެހިގެން ތިން ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ލިބިއްޖެ އެވެ.
ފީފާ ބެލޮންޑޯ އެވޯޑުގެ ނަމުގައި މިއީ މެސީ އަށް ލިބުނު ދެވަނަ އެވޯޑެވެ. 2009 ވަނަ އަހަރު މެސީ އަށް ލިބުނީ ފީފާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑެވެ. ނަމަވެސް އޭގެ ކުރިން ފްރާންސް ފުޓުބޯޅަ ބެލޮންޑޯ އެވޯޑުގެ ނަމުގައި މެސީ ވަނީ އެއް އަހަރު އެ އެވޯޑު ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން މިއީ މެސީ ކާމިޔާބު ކުރި ތިން ވަނަ ބެލޮންޑޯ އެވޯޑެވެ.
ފީފާ ބެލޮންޑޯ 2011 އެވޯޑު މެސީ ކާމިޔާބުކުރީ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސާގެ ސްޕެއިން މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބަލިކުރުމަށް ފަހު އެވެ. ބެލޮންޑޯ އެވޯޑު ކާމިޔާބު ކުރި މެސީ އަށް އެއް ވަނަ ލިބުނީ 47.88 އިންސައްތައިގެ ޕޮއިންޓަކާ އެކު އެވެ. 21.60 އިންސައްތަ ޕޮއިންޓާއި އެކު ދެވަނަ ރޮނާލްޑޯ އަށް ލިބުނު އިރު، 9.23 އިންސައްތަ ޕޮއިންޓާއެކު ތިން ވަނަ ލިބުނީ ޒަވީ އަށެވެ.
އުމުރުން 24 އަހަރުގެ މެސީ ވެފައިވަނީ އެންމެ ގިނައިން ބެލޮންޑޯ އެވޯޑު ކާމިޔާބު ކުރި ކުޅުންތެރިންގެ ލިސްޓަށް އަރާފަ އެވެ. އެގޮތުން މިހާރު މިލިސްޓުގެ އެއްވަނާގައި ހަތަރު ކުޅުންތެރިއެއްވެ އެވެ. އެއީ މެސީ އާއި، ފްރާންސްގެ މިޝެލް ޕްލެޓިނީ އާއި، ހޮލެންޑްގެ ޔޯހާން ކްރައިފް އަދި މާކޯ ވެން ބަސްޓަން އެވެ. ޖެހިޖެހިގެން މިއެވޯޑު ތިން ފަހަރަށް ކާމިޔާބުކުރީ މެސީ އާއި ޕްލެޓިނީ އެވެ.
ރޭ ބޭއްވި ފީފާ އެވޯޑު ނައިޓުގައި ހޮވި އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ޖަޕާނުގެ ހޮމަރޭ ސަވާ އެވެ. ފިރިހެން ޓީމެއްގެ އެންމެ މޮޅު ކޯޗަކަށް ބާސެލޯނާގެ ކޯޗް ޕެޕް ގާޑިއޯލާ ހޮވުނުއިރު، އަންހެން ޓީމެއްގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޖަޕާނު ގައުމީ ފުޓު ބޯޅަ ޓީމުގެ ލޯޗު ނޮރިއޯ ސަސަކީ އެވެ.
މީގެ އިތުރަށް ފީފާ އިން ވަނީ އެންމެ މޮޅު ގޯލުގެ އެވޯޑު ކަމަށްވާ ޕުސްކަސް އެވޯޑާއި ޕްރެސިޑެންޝަލް އެވޯޑު ވެސް ހޮވާފަ އެވެ. އެގޮތުން ޕުސްކަސް އެވޯޑު ސަންޓޯސްގެ ބްރެޒިލް ފޯވާޑް ނޭމާ ހޮވުނުއިރު، ޕްރެސިޑެންޝަލް އެވޯޑަށް ހޮވުނީ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ސާ އެލެކްސް ފާގަސަން އެވެ.
ފިފްޕްރޯ ޓީމު ވެސް ރޭ އިޢުލާން ކޮށްފައިވެ އެވެ. ތިރީގައި އެވަނީ މިޓީމުގައި ހިމެނޭ ކުޅުންތެރިންނެވެ.
އިކާ ކަސިޔަސް (ރެއާލް މެޑްރިޑް) –ގޯލް ކީޕަރު
ޑަނީ އަލްވޭސް (ބާސެލޯނާ) - ޑިފެންޑަރު
ޖެރާޑް ޕީކޭ (ބާސެލޯނާ) - ޑިފެންޑަރު
ސާޖިއޯ ރަމޯސް (ރެއާލް މެޑްރިޑް) - ޑިފެންޑަރު
ނެމެންޖާ ވިޑިޗް (މެންޗެސްޓާ ޔުނައިޓެޑް) - ޑިފެންޑަރު
އަންދުރޭސް އިނިއެސްޓާ (ބާސެލޯނާ) - މިޑްފީލްޑަރު
ޒަބީ އަލޮންސް (ރެއާލް މެޑްރިޑް) - މިޑްފީލްޑަރު
ޒަވީ (ބާސެލޯނާ) - މިޑްފީލްޑަރު
ލިއޮނަލް މެސީ (ބާސެލޯނާ) - ފޯވާޑް
ކްރިސްޓިއާނޯ ރޮނާލްޑޯ (ރެއާލް މެޑްރިޑް) - ފޯވާޑް
ވޭން ރޫނީ (މެންޗެސްޓާ ޔުނައިޓެޑް) - ފޯވާޑް