13 Aug 2020, 18:18
ފަތުރުވެރިންނާއި އެހެނިހެން ފަސިންޖަރުން ކޮވިޑް19 އަށް ސްކްރީންކުރުމަށްޓަކައި ރާއްޖޭގެ ބައެއް އެއާޕޯޓުތަކުގައި ތާމަލް ކެމެރާ ބެހެއްޓުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ކުރި ކަންކަމުގެ ތެރޭގައި ސުވާލު އުފެދޭ އެތައް ކަމެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފިއެވެ.
ކޮވިޑް19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުތަކާ ބެހޭ ކޮމްޕްލަޔަންސް އޮޑިޓުގެ ރިޕޯޓު މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ބައިނަލްއަގުވާމީ އެއާޕޯޓުތަކުން އެތެރެވާ މީހުންގެ ހުން ހުރި މިންވަރު ދެނެގަތުމަށްޓަކައި ޖުމްލަ ހަތް ތާމަލް އިމޭޖިން ކެމެރާ ސިސްޓަމް ބަހައްޓާފައިވެ އެވެ.
ޓްރައިޕޮޑްގައި ހަރުކޮށްގެން ބޭނުންކުރާ މި ހަތް ކެމެރާ ބެހެއްޓުމަށްޓަކައި ޓޫރިޒަމް ޓްރަސްޓް ފަންޑުން މުޅި ޖުމްލަ 2.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ކެމެރާ ހޯދުމުގެ މަސައްކަތާއި ކޮންސަލްޓަންސީގެ މަސައްކަތް ކުރުމަށް ހަވާލުކުރީ އެމެރިކާގެ ސެކިއޯ ސޯސް އިންޓަނޭޝަނަލް (އެސްއެސްއައި) ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުނީގެ މަސްއޫލިއްޔަތަކަށް އޮތީ ކެމެރާ ސަޕްލައިކުރާ ފަރާތާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު މެދުވެރިއެއްގެ ރޯލު އަދާކުރުމާއި ރާއްޖޭގެ ދެ އެއާޕޯޓެއްގައި ފަސިންޖަރުން ސްކްރީން ކުރެވޭނެ ރައްކާތެރި ނިޒާމެއް ގާއިމުކުރުމާ ގުޅޭ ގޮތުން ލަފާ ދިނުމެވެ.
ކެމެރާތައް ސަޕްލައިކޮށްދިނީ ނެދަލެންޑްސްގެ ސެންސާ ބީވީ ކިޔާ ކުންފުންޏެކެވެ. އެ ކުންފުނީގެ މަސްއޫލިއްޔަތުތަކަކީ ކެމެރާ ބަހައްޓަންޖެހޭ ތަންތަނުގައި އެތަކެތި އިންސްޓޯލްކޮށް، ކެލިބްރޭޓުކޮށް އަދި ކެމެރާ ބޭނުންކުރާނެ ގޮތުގެ ތަމްރީނު ކަމާ ގުޅޭ ފަރާތްތަކަށް ދިނުމެވެ.

ކޮވިޑް19 އާ ގުޅިގެން އަޅާ ބައެއް ފިޔަވަޅުތަކާ ބެހޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ރާއްޖެއަށް ތާމަލް ކެމެރާ ސަޕްލައިކޮށްދިން ނެދަލެންޑްސްގެ ސެންސާ ބީވީ ކުންފުނީގެ ސީއީއޯ ގްލެން ޝޯއެން -- ސަން ފޮޓޯ/ ފަޔާޒު މޫސ
މަސައްކަތް ހަވާލުކުރީ މާލިއްޔަތު ގަވައިދާ ހިލާފަށް
އޮޑިޓުގައި ބުނެފައިވަނީ ޓޫރިޒަަމް މިނިސްޓްރީން އެމެރިކާގެ އެސްއެސްއައި ކުންފުންޏަށް ކެމެރާ ބެހެއްޓުމުގެ މަސައްކަތް 1.9 މިލިއަން ރުފިޔާއަށް ހަވާލުކުރީ މިނިސްޓްރީގެ ބިޑު ކޮމިޓީގެ ލަފާ ހޯދުމެއް ނެތި އެވެ. އަދި އެސްއެސްއައި ނޫން އެހެން ކުންފުންޏަކުން އަގު ހޯދާފައިވެސް ނުވާކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.
ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި 35،000 ރުފިޔާއަށްވުރެ އަގުބޮޑުނަމަ އެ މަސައްކަތް ހަވާލުކުރާ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ޔަގީންކުރުމުގެ އިތުރުން، ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ދަށުން ހިދުމަތެއް ހޯދަން ނިންމި ގޮތާއި ސަބަބުތަކާއި އެކަމުގެ ތަފްސީލުތައް ލިޔުމުން އެނގެން އޮންނަންޖެހޭނެކަމަށް މާލިއްޔަތު ގަވައިދުގައި ބުނެފައި އޮތް ނަމަވެސް، އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ މަސައްކަތްކުރި ފަރާތުގެ މާލީ އަދި ފަންނީ ގާބިލުކަން ކަނޑައެޅި ގޮތާއި، ސިންގަލް ޕްރޮކިއުމަންޓް އުސޫލުން މަސައްކަތް ކުރިއަށް ގެންދަން ނިންމި ގޮތާއި ސަބަބުތަކާއި އެފަދަ މައުލޫމާތުތައް ލިޔެކިޔުމުން އެނގެން ނެތް ކަމަށެވެ. މީގެ ކުރިން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެސްއެސްއައި ކުންފުންޏާއެކު މީގެ ކުރިން މާލީ މުއާމަލާތެއް ކޮށްފައި ނުވާ ކަމަށާއި، ޓޫރިޒަމް މިނިސްޓްރީއަށް އެ ކުންފުނި ތައާރަފުވީ ކިހިނެއްކަން އެނގެން ނެތްކަމަށްވެސް އޮޑިޓުގައި ބުނެފައިވެ އެވެ.
"މީގެ އިތުރުން، އެއާޕޯޓުތަކަށް މިފަދަ ތަކެތި ހޯދުމަކީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ މެންޑޭޓުގައި ހިމެނޭ ނުވަތަ މިނިސްޓްރީގެ ދާއިރާއާ ގުޅޭ ކަމަކަށް ނުވާއިރު، މިކަހަލަ މަޝްރޫއުއެއް ހިންގުމުގައި މިކަމުގެ ތަޖުރިބާ ހުރި ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކާ މަޝްވަރާކޮށް އެ ފަރާތްތަކުގެ ލަފާ ހޯދާފައި ވެސް ނުވެއެވެ،" އޮޑިޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ދައުލަތުގެ މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ހޯދުމަށް އެއްވެސް ފަރާތަކާ ހަވާލުކުރަންވާނީ އެ މަސައްކަތެއް ކުރުވުމާ ބެހޭގޮތުން އެއްބަސްވުމެއްގައި ދެފަރާތުން ސޮއިކުރުމަށްފަހުގައި ކަމަށް މާލިއްޔަތު ގަވައިދުގައި ބުނެފައި އޮތް ނަމަވެސް ތާމަލް ކެމެރާ ބެހެއްޓުމުގައި އެފަދަ އެއްބަސްވުމެއްގައި ޓޫރިޒަމް މިނިސްޓްރީން އެސްއެސްއައިއާ އެކު ސޮއިކޮށްފައި ނުވާ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.
މިނިސްޓްރީން އެއްބަސްވުމެއް ނުހަދާ
އެކަމަކު އެމެރިކާގެ ކުންފުނިން ތައްޔާރުކުރި، އެ ކުންފުނީގެ މަސްލަހަތަށް ބުރަވާ ލިޔުމެއްގައި ދެ ފަރާތުން ސޮއިކޮށްފައިވާ ކަމަށް އޮޑިޓުގައި ބުނެ އެވެ.
"މިކަމާ ގުޅޭގޮތުން އެސްއެސްއައިއިން ތައްޔާރުކޮށްފައިވާ ލިޔުމުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވެ ސޮއިކޮށްފައި ވިޔަސް، މިނިސްޓްރީގެ ފަރާތުން އެ ލިޔުމުގައި ހިމެނުމަށް (ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ ދަށުން ހިމަނަންޖެހޭފަދަ) އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވެއެވެ. އެހެންކަމުން މި މަސައްކަތާ ގުޅޭގޮތުން ސޮއިކޮށްފައިވާ ލިއުމަކީ މަސައްކަތާ ހަވާލުވި ފަރާތުގެ މަސްލަހަތަށް ބުރަވާގޮތަށް އެފަރާތުން އެކުލަވާލާފައިވާ ލިއުމެއްކަން ފާހަގަކުރެވެއެވެ،" އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓު އޮފީހުން ބުނީ ދައުލަތުގެ މަސައްކަތްތައް ހަވާލުކުރުމަށް ހަދަ އެއްބަސްވުންތަކުގައި ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ނުކުތާތައް ނުހިމަނާނަމަ މަސައްކަތް ކުރިއަށްދާއިރު ނުވަތަ މަސައްކަތް ނިމިގެންވެސް ނޭދެވޭ ކަމެއް ދިމާވާ ހާލަތެއްގައި އެކަމެއް ހައްލުކުރަން އުނދަގޫވުމާއި އަދި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ދަތިވާނެ ކަމެއް ކަމަށެވެ.
"މީގެ އިތުރުން އެފަދަ ހާލަތެއްގައި ދައުލަތުން އެކަމަށް އިތުރަށް ޚަރަދުކުރަން ޖެހި ދައުލަތަށް މާލީގޮތުން އިތުރު ގެއްލުން ތަކެއް ވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރަމެވެ،" އޮޑިޓުގައި ބުނެފައިވެ އެވެ.
ދެ އެއާޕޯޓެއްގައި ހެދި އެސެސްމަންޓު ފެންނަން ނެތް
އޮޑިޓުގައި އިތުރަށް ބުނި ގޮތުގައި ތާމަލް ކެމެރާ ބެހެއްޓުމުގެ މަސައްކަތުގައި އެސްއެސްއައިއިން ރާއްޖޭގެ ދެ އެއާޕޯޓެއްގައި ފަސިންޖަރުން ސްކްރީންކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ލަފާދިނުމަށް އެއްބަސްވުމުގައި ހިމަނާފައިވެ އެވެ. އެކަމަށް އެސްއެސްއައިގެ ދެ މީހަކު ޓޫރިޒަމް މިނިސްޓްރީގެ ހަރަދުގައި ރާއްޖެ ގެނެސް، އެ ކުންފުންޏަށް ކޮންސަލްޓަންސީ ފީގެ ގޮތުގައި 50،000 ޑޮލަރު އަދި އެ ހަރަދަށް ވިތުހޯލްޑިން ޓެކްސްއަށް 85،666 ރުފިޔާ ދައްކާފައިވާ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.
އެހެން ނަމަވެސް އެސްއެސްއައިއިން ހެދި އެސެސްމަންޓުގެ ސްކޯޕް ނުވަތަ އެ ކުންފުނިން ކުރި މަސައްކަތުގެ ތަފްސީލާއި އެ މަސައްކަތުގެ ނަތީޖާއަކީ ކޮބާކަން ލިޔެކިޔުމުން އެނގެން ނެތްކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.
"އެހެންކަމުން، އެ ކުންފުނިން ހަގީގަތުގައި ކުރީ ކޮން މަސައްކަތެއް ކަމެއް ކަށަވަރުކުރެވެން ނެތުމުގެ ސަބަބުން، މި މަސައްކަތަކީ ކޮންމެހެން ކުރަންޖެހިގެން ކޮށްފައިވާ ކަމެއްކަން ކަށަވަރު ކުރެވެން ނެތްކަން ފާހަގަކުރަމެވެ،" އޮޑިޓުގައި ބުންޏެވެ.
އެހެންކަމުން އެސްއެސްއައިއަކީ ކެމެރާގެ މަސައްކަތުގައި މީޑިއޭޓަރެއްގެ ރޯލު އަދާކުރި ކުންފުނި ކަމުން އެ ކުންފުންޏަށް ދެއްކި ފައިސާއަކީ އޭޖެންސީ ކޮމިޝަން ފައިސާ ކަމުގައި ގަބޫލުކުރެވޭ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް އެސްއެސްއައި ކުންފުނި މެދުވެރި ނުކޮށް، ސީދާ މިނިސްޓްރީން ނެދަލެންޑްސްގެ ސެންސާ ބީވީ ކުންފުނިން ކެމެރާއެއް ގަނެފައި ނ. މާފަރު އެއާޕޯޓުގައި ގާއިމުކޮށްފައިވާކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.
"ނަމަވެސް، އެސް.އެސް.އައި މެދުވެރި ނުކޮށް، ސީދާ މިނިސްޓްރީން މީގެ ކެމެރާއެއް ގަނެފައިވުމުން، މި މަސައްކަތް ކުރުމަށް އެސް.އެސް.އައި މެދުވެރިކުރަންޖެހުނު އެއްވެސް ސަބަބެއް އޮތްކަމަކަށް މި އޮފީހަށް ގަބޫލެއް ނުކުރެވެއެވެ،" އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އޮޑިޓުގައި ބުނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އެމްއޭސީއެލްގެ ބެލުމުގެ ދަށުގައި އޮތް ތަނެއް ނަމަވެސް އެތަނުގައި ކެމެރާ ބެހެއްޓުމުގައި އެކުންފުނީގެ މަޝްވަރާ އާއި ލަފާ ހޯދިކަން، އަދި އެފަދަ މަޝްރޫއެއް ހިންގުމުގެ ތަޖުރިބާ ހުރި ދައުލަތުގެ އެހެން މުއައްސަސާއަކާވެސް މަޝްވަރާކުރިކަން ލިޔެކިޔުމުން އެނގެން ނެތްކަމަށެވެ.