13 Aug 2020, 17:11
ވޮޝިންޓަން (އޮގަސްޓު 13): އެމެރިކާގައި ފެންވަރާ ފެން މާގަނޑުތަކުން ފެން އަންނަ މިންވަރާ ބެހޭ ގޮތުން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޝަކުވާ ކުރެއްވުމާ ގުޅިގެން އެކަމާ ގުޅުން ހުރި ގަވާއިދުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
އެމެރިކާގައި 1992 ވަނަ އަހަރު ފާސް ކުރި ގާނޫނެއްގައިވާ ގޮތުން އެގައުމުގެ ޝަވަރުތަކުން ކޮންމެ މިނިޓަކު 2.5 ގެލަން (9.5 ލީޓަރު)ގެ ފެނަށް ވުރެ އިތުރަށް ފެން ފައިބާ ގޮތަށް ހެދުމަކީ މަނާ ކަމެކެވެ.
"ޝަވަރުން ފެންވަރާ އިރު ފެނެއް ނާދޭ. އަތް ދޮންނަން ބޭނުންވާ އިރު ފެނެއް ނާދޭ. ދެން ކީއްކުރަނީ؟ [ފެން އަންނަން ދެން] ގިނަ އިރު މަޑުކޮށްގެން ހުންނަނީ ނުވަތަ ގިނައިރުވަންދެން ފެންވަރަނީ؟ އަޅުގަނޑަށް ނޭނގެ ތިބޭފުޅުންގެ ގޮތެއް އެކަމަކު އަޅުގަނޑުގެ އިސްތަށިގަނޑު ހުންނަން ޖެހެނީ ހަމަ އެންމެ ރީތި ގޮތަށް،" މިދިޔަ މަހު ޓްރަމްޕް ވިދާޅުވި އެވެ.
އޭގެ ފަހުން އިއްޔެ އެމެރިކާގެ ޑިޕާޓްމެންޓް އޮފް އެނާޖީން ވަނީ ޝަވަރުން ފެންނަ އަންނަ މިންވަރު އިތުރު ކުރުމަށްޓަކައި ގަވާއިދުތަކަށް ބަދަލު ގެންނަން ހުށަހަޅާނެކަން ހާމަކޮށްފަ އެވެ.
ނަމަވެސް ފެނާއި ހަކަތަ ރައްކާކުރުމަށް ގޮވާލާ ޖަމްއިއްޔާތަކުން ވަނީ އެ ނިންމުމަށް ފާޑު ކިޔާފަ އެވެ. އަދި އެއީ އެގައުމުގެ ހުޅަނގުގައި ހަނަފަސް ކަމާ ކުރިމަތިލާން ޖެހި، މުޅި ގައުމުގައި ބަލިމަޑުކަން ފެތުރިފައިވާ ދަނޑިވަޅެއްގައި އިސްކަން ދޭންވީ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން، އެމެރިކާގެ އުފެއްދުންތައް ޓެސްޓުކޮށް އެކަމާ ގުޅުން ހުރި ދިރާސާތައް ހަދާ ކޮންޒިއުމާ ރިޕޯޓްސް ޖަމްއިއްޔާއިން ބުނި ގޮތުގައި އެގައުމުގައި ޝަވަރުން ފެންނަ އަންނަ މިންވަރާ ބެހޭ ގޮތުން މީހުން މާ ބޮޑު ކަންބޮޑުވުންތަކެއް ފާޅު ނުކުރެ އެވެ. އަދި އެ ބަދަލު ގެނައުމަކީ ހަރަދުތައް އިތުރުވެ، ފެން ބޭކާރު ވުމަށް މަގުފަހި ވާނެ ކަމެއް ކަމަށް ބުނެފަ އެވެ.