ޓޮޓެންހަމް ހޮޓްސްޕާގެ ކެޕްޓަން ލެޑްލޭ ކިންގު ގެ އަނިޔާގެ ސަބަބުން އެޓީމު އޮތީ ހާސްކަމެއްގެ ތެރޭގައި ކަމަށް އެކުލަބުގެ ކޯޗް ހެރީ ރެޑްނެޕް ބުނެފި އެވެ.

އުމުރުން 31 އަހަރުގެ ކިންގް އަށް ފަހަކަށް އައިސް ދަނީ ގިނަ އަނިޔާތަކެއް ކުރިމަތި ވަމުންނެވެ. މިފަހަރު ކިންގް އަށް އަނިޔާވީ މިދިޔަ ހަފްތާގައި ޓޮޓެންހަމް އާއި އެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދަނިކޮށެވެ. ކިންގް އަލުން ކުޅުމަށް އެނބުރި އައިސް އަނިޔާނުވެ ގިނަ ދުވަސްތަކެއް ހޭދަކުރަން ބޭނުންނަމަ، ބޮޑު މަސައްކަތްތަކެއް ކުރަން މަޖުބޫރު ވާނެ އެވެ.

ކިންގް ފިޓްކޮށް ހުރެއްޖެ ނަމަ، އެޓީމުގެ ފުރަތަމަ އެގާރައިން އާންމު ގޮތެއްގައި ޖާގަ ހޯދަ އެވެ. އެންމެ ފަހަތަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން އެމަގާމަށް އެންމެ ވާދަކުރާނީ ފްރާންސް ޑިފެންޑަރު ވިލިއަމް ގަލަސް އާއި އިނގިރޭސި ޑިފެންޑަރު މައިކަލް ޑޯސަން އެވެ.

"ކިންގް އަށް އަނިޔާވީ މިދިޔަ ހުކުރު ދުވަހު. އޭނާގެ ފަލަ މަސްގަނޑު ވަނީ އިރައިގެން ގޮސްފައި. އޭނާ ވަނީ ސްކޭނެއް ހަދާފައި. އެހެން ނަމަވެސް އަދި އެސްކޭނުގެ ނަތީޖާއެއް ނުލިބޭ. ކިންގް ނެތް ނަމަވެސް އެތަން ފޫބެއްދޭނެ ކުޅުންތެރިން އެބަތިބި. މައިކަލް ޑޯސަން އާއި، ސަބެސްޓިއަން ބަސޯންގް އަދި ޔޫނެސް ކަބޫލް ވެސް ޓީމުގައި އެބަތިބި." ރެޑްނެޕް ބުންޏެވެ.

ކިންގް ގެ ކުޅޭތަން ފޫބެއްދޭނެ ކުޅުންތެރިން ތިބި ކަމަށް ރެޑްނެޕް ބުނި ނަމަވެސް އެތަން ފޫބެއްދުމަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިވާނެ އެވެ. އެއީ އެންމެ ފަހަތަށް ކުޅޭ ކުޅުންތެރިއެއް ބަދަލުވެއްޖެ ނަމަ، އެޓީމެއްގެ ފަހަތަށް ބާރުބޮޑު ވުމަކީ ވަރަށް ކައިރި ކަމެކެވެ.