ކޮޗިން-ކުޅުދުއްފުށި-މާލެ ކާގޯ ފެރީގެ ދަތުރުތައް ދެތިން މަހެއްގެ ތެރޭގައި ފަށަން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީއިން ބުނީ އެގޮތަށް ނިންމީ، އަބްދުﷲ ޝާހިދު މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއެކު ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގަ އެވެ.

ކާގޯ ފެރީގެ ހިދުމަތާ އެކު، ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ބުންޏެވެ. އަދި ބުނީ، ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލްކަމަށްވުމާ އެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ދަތުރުތަކެއް ކަމަށެވެ.