13 Aug 2020, 15:51
ކޮވިޑް19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ކުރި ޚަރަދުތަކުގެ 99 ޕަސަންޓަކީ މިނިސްޓްރީގެ ޒިންމާއާ ނުގުޅޭ ޚަރަދުތަކެއް ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ކޮވިޑް19 އާ ގުޅިގެން ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީ އިން ކޮށްފައިވާޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުމިއަދު އާންމުކޮށްފައިވާ އިރު، އެ މިނިސްޓްރީ އިން އެ މުއްދަތުގައި ކުރި ހަރަދުތަކުގައި ގިނަ މައްސަލަތަކެއް ހުރިކަން އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު ވަނީ ފާހަގަކުރައްވައިފަ އެވެ.
ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑް19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ޖުމްލަ 26 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އޭގެ ތެރެއިން 99 ޕަސަންޓު ހަރަދަކީ މިނިސްޓްރީގެ ތެރެއިން ކޮންމެހެން ހިނގަން ޖެހޭ ހަރަދުތަކެއް ނޫން ކަމަށެވެ.
"ކޮވިޑް19 އާ ގުޅިގެން މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ ސީދާ މިނިސްޓްރީގެ މެންޑޭޓާ ގުޅުން ހުރި ކަންތައްތައް ނޫންކަމަށާއި އެ ކަންކަން ކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ހުރި ކަންތައްތައްކަން ފާހަގަކުރަމެވެ،" ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ، ޓޫރިޒަމް މިނިސްޓްރީ އިން ކުރި ބައެއް ޚަރަދުތަކަކީ:
ފަމަސޫޓިކަލްތަކެއްޗާއި އެހެނިހެން މެޑިކަލް ކޮންސިއުމަބަލްސް ހޯދުމަށް ހޭދަކުރި 7.7 މިލިއަން ރުފިޔާ
- ކޮވިޑް19ގެ ކަންކަމުގައި މަސައްކަތްކުރާނެ ބޭރުގެ ޑޮކްޓަރުންގެ ޓީމެއް ގެނައުމަށް 6.9 މިލިއަން ރުފިޔާ
- އެ މެޑިކަލް ޓީމުގެ ޑޮކްޓަރުންގެ ހިދުމަތުގެ މުއްދަތު އިތުރުކުރުމާ ގުޅިގެން ހިނގި ހަރަދުގެ ގޮތުގައި 2.03 މިލިއަން ރުފިޔާ
- ކ. ވިލިނގިލިވަރު (ވިލިވަރު)ގައި ކަރަންޓީން ފެސިލިޓީއެއް ހެދުމަށް 6.5 މިލިއަން ރުފިޔާ
- ރާއްޖޭގެ ބައިނަލްއަގުވާމީ އެއާޕޯޓުތަކުގައި ތާމަލް ކެމެރާ ބެހެއްޓުމަށް 2.5 މިލިއަން ރުފިޔާ
- ހެލިކޮޕްޓަރު ކްރޫއިން ތިބުމުގެ ހަރަދުގެ ގޮތުގައި 198،397 ރުފިޔާ
- އއ. ވެލިދޫ ކަރަންޓީނު ފެސިލިޓީ ހެދުމަށް 92،462 ރުފިޔާ
- ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ރާއްޖޭގައި ތާށިވި ފަތުރުވެރިން ރާއްޖޭގައި ތިބުމާއި އެމީހުން އެނބުރި ގައުމަށް ދިއުމުގެ ކަންކަން ކުރުމަށް 118،842 ރުފިޔާ
އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ޓޫރިޒަމް ޓްރަސްޓް ފަންޑުން ކުރާ ހަރަދުތަކުގެ ހުއްދަ ދޭނީ ފަންޑު ހިންގާ ކޮމިޓީން ކަމުގައިވާ އިރު، އެ ފަންޑުން ކުރި ހަރަދުތަކާ ބެހޭ ހުރިހާ ކަމެއް ކޮމިޓީން ފާސްކޮށްފައި ނުވާ ކަމަށެވެ. ހަރަދުކުރާނެ ބައެއް ކަންކަން ކޮމިޓީގައި މަޝްވަރާކޮށް ފާސްކޮށްފައި ނަމަވެސް ވަކިވަކި ކަންކަމަށް ޓްރަސްޓް ފަންޑުން ހަރަދުުރާނެ އަދަދުތައް ފާސްކޮށްފައި ނުވާކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓަރު ޖެނެރަލް ވިދާޅުވީ ޓްރަސްޓް ފަންޑު ކޮމިޓީގެ ތިން ވަނަ ބައްދަލުވުމުގައި "ކޮވިޑް19 އާ ގުޅިގެން ކުރަންޖެހިއްޖެ އެންމެހައި ކަންކަން ކުރުން އެންމެ ރަނގަޅު ކަމުގައި" ނިންމައި ޓްރަސްޓް ފަންޑުން "ބްލޭންކެޓް"ކޮށް ހުއްދަ ދީފައި ވަނީ ކޮމިޓީގައި ވަކިވަކި ކަންކަން މަޝްވަރާނުކޮށް ކަމަށާއި، އެފަދަ ކަންކަމަށް ޓްރަސްޓް ފަންޑުން ހަރަދުކުރާނެ އަދަދު ކަނޑަނޭޅުމަކީ ފަންޑު އުފެއްދި މަގްސަދާ ނުގުޅޭ ހަރަދުތަކެއް ކުރުމަށް ފަންޑުގައި ހުރި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ފުރުސަތު ފަހިވެދާނެ ކަމެއް ކަމަށެވެ.
"ޓޫރިޒަމް މިނިސްޓްރީއަކީ ސިއްހީ މިފަދަ ކާރިސާ މެނޭޖްކުރުމުގެ ސީދާ ޒިންމާ އެޅިފައިވާ މިނިސްޓްރީއަކަށް ނުވުމުގެ އިތުރުން. ޓްރަސްޓް ފަންޑުގައި ހުރި ފައިސާ މިހާ ހުޅުވާލެވިފައިވާ ގޮތަކަށް ޓްރަސްޓް ފަންޑުން ހަރަދުކުރުމަކީ ޒިންމާދާރު ނިންމުމެއް ކަމުގައި މި އޮފީހުން ނުދެކެމެވެ،"
މީގެ އިތުރުން އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ޓްރަސްޓް ފަންޑުން ހަރަދުކުރާނެ ޖުމްލަ އަދަދެއް ކަނޑައެޅުމުގެ ކުރިން އެކަންކަމުގެ ޕްރޮކިއުމަންޓުގެ ކަންކަން ވެސް ހިންގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.