ކޮވިޑް-19ގެ ބަލި މީހުން އެކަހެރި ކުރުމަށް ކ. ވިލިވަރުގައި ސަރުކާރުން ހެދި ފެސިލިޓީ ހެދުމަށް ހަރަދު ކުރުމުގައި ކޮރަޕްޝަނަށް ތުހުމަތުވާ ކަންތައްތަކެއް ހުރިކަން ކޮވިޑް ހަރަދުތަކާ ގުޅޭ ގޮތުން އެކުލަވާލި، ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފި އެވެ.

އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ކ. ވިލިވަރުގައި ކަރަންޓީނު ފެސިލިޓީއެއް ހެދުމަށް 6.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން:

  • ބިޑު ކޮމިޓީ އިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ނިންމުމުގެ ކުރިން ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވުން.

  • މަސައްކަތުގެ އެއްބަސްވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޙިލާފްވުން.
  • ވިލިވަރުގައި ހެދި ވަގުތީ ކަރަންޓިނު ފެސިލިޓީއަށް ކުރަން ޖެހޭ އިންސްޕެކްޝަންތައް ނުކޮށް ކުރަން ޖެހޭ ޙަރަދަށް ވުރެ ބޮޑު ޙަރަދެއްކޮށްފައިވުން.

މި ރިޕޯޓުގައި ވިލިވަރުގެ މައްސަލައިގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން ކުރި އެހެން ބައެއް ޙަރަދުތަކުގެ މައްސަލަތަކެއް ވެސް ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކ. ވިލިވަރުގައި 30 ކޮޓަރީގެ ވަގުތީ ކަރަންޓީނު ފެސިލިޓީއެއް ގާއިމުކުރުމަށް ފައިސާ ހޭދަކޮށްފައި ވަނީ ޓޫރިޒަމް ޓްރަސްޓް ފަންޑުންނެވެ. އަދި މި ފެސިލިޓީ ގާއިމުކުރުމުގެ ބައެއް މަސައްކަތް ހަވާލުކޮށްފައި ވަނީ ސިންގަލް ސޯސް ޕްރޮކިއުމެންޓްގެ އުސޫލުގެ ދަށުން ފެބްރުއަރީ 3، 2020 ވަނަ ދުވަހު ދިވެހި އަމިއްލަ ކުންފުންޏަކާ އެއްބަސްވުމެއްގައި ސޮއިކޮށް ހަވާލުކޮށްގެންނެވެ.

އެ ހަރަދުތަކުގެ ތަފުސީލަކީ، ލޮޖިސްޓިކްސް ހިމަނައިގެން 30 ކޮޓަރި އެޅުމަށް 2.87 މިލިއަން ރުފިޔާ، ފެސިލިޓީއަށް ބޭނުންވާ ފަރުނީޗަރު އަދި ސާމާނަށް 1.1 މިލިއަން ރުފިޔާ، އެކި އާލާތްތައް ހޯދުމަށް އަދި ފެސިލިޓީ ސާފުކުރަން އަދި ދަތުރުތަކުގެ ގޮތުގައި ޖުމްލަ 165،331 ރުފިޔާ، އެހެނިހެން ޙަރަދުތަކުގެ ގޮތުގައި 164،420 ރުފިޔާ، ޖުމްލަ 6.10 މިލިއަން ރުފިޔާ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ބިޑް ކޮމިޓީއިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ނިންމުމުގެ ކުރިން މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރެވިފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ޙިލާފަށެވެ.

އެގޮތުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10:25 ވަނަ މާއްދާގައި ވަނީ 35،000 ރުފިޔާ އަށް ވުރެ އިތުރަށް އަގު އަރާ މަސައްކަތެއް ނަމަ އެ މަސައްކަތް ހަވާލުކުރާނީ އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ޔަގީންކުރުމަށްފަހުގައި ކަމަށް ވަނީ ބުނެފަ އެވެ.

މާލިއްޔަތު ގަވާއިދުގެ 10:09 ވަނަ މާއްދާގެ (ނ) ގައިވަނި ސިންގަލް ސޯސް ޕްރޮކިއުމެންޓްގެ އުސޫލުގެ ދަށުން ވިޔަސް 35،000 ރުފިޔާ އާއި 2.5 މިލިއަން ރުފިޔާއާ ދެމެދުގެ އަގުގެ ޕްރޮކިއުމެންޓް މަސައްކަތަށް ހުއްދަ ދޭނީ، ބިޑް ކޮމިޓީ އިން ނިންމާ ގޮތެއްގެ މަތިން އެ އޮފީހެއްގެ އެންމެ އިސްވެރިޔާ ނުވަތަ އޭނާ ހުއްދަ ދީފައިވާ ފަރާތެކެވެ.

އެހެން ނަމަވެސް އެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ސީނިއާ މެނޭޖްމްނަޓުން ސޮއިކޮށްފައި ވަނީ ބިޑް ކޮމިޓީ އިން ހުއްދަ ދިނުމުގެ ކުރިން ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

ޑިފެންްސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިލިވަރު ކަރަބންޓީނު ފެސިލިޓީ ބައްލަވާލައްވަނީ. --

އޮޑިޓް ރިޕޮޓުގައި އިސްލާހުކުރުމަށް އަންގާފައިވާ ކަންކަމުގެ ތެރޭގައި ވަނީ ޓޫރިޒަމް ޓްރަސްޓު ފަންޑުން ކުރާ ހުރިހާ ޙަރަދެއް ކުރުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އަންގައިފަ އެވެ.

އަދި ސިންގަލް ސޯސް ޕްރޮކިއުމެންޓްގެ އުސޫލުން މަސައްކަތެއް ހަވާލުކުރިނަމަވެސް މާލިއްޔަތު ގަވާއިދާ އެއްގޮަތަށް އަމަލުކުރުމަށް އަދި އެ ފަރާތެއްގެ ފަންނީ އަދި މާލި ގާބިލުކަން ހުރިކަން ޔަގީންކުރުމަށް އަދި އެކަމުގެ ލިޔެކިޔުން ބެލެހެއްޓުމަށްވެސް ވަނީ އަންގައިފަ އެވެ.

އަދި ވިލިވަރުގައި ކަރަންޓީނު ފެސިލިޓީ އެޅުމަށް ހޯދި އިލެކްޓްރޯނިކް އާލާތްތައް އަގުކޮށް ފިނޭންސް މިނިސްޓްރީގެ މަޝްވަރާގެ މަތިން ދައުލަތުގެ ކަމާގުޅޭ އިދާރާއަކަށް ހަވާލުކުރުމަށް ވެސް ރިޕޯޓުގައި ވަނީ އަންގައިފަ އެވެ.

މީގެ އިތުރުންވެސް ދައުލަތުގެ ފައިސާއިން ޙަރަދުކުރާއިރު އޭގެ މަންފާ ދިގު މުއްދަތަކަށް ލިބޭނެ ގޮތަކަށް ކޮށް، ވަގުތީ ތަންތަން ހެދުމުގައި ކުޑަ ޙަރަދަކުން ހެދޭނެ ގޮތް ހޯދައި ދައުލަތުގެ ހުސް ބިން އަދި އިމާރާތް ހުރިތޯ ބަލައި އެފަދަ ތަންތަނަށް އިސްކަން ދިނުމަށްވެސް ވަނީ އަންގައިފަ އެވެ.