މަސްތުވާތަކެތީގެ ބޮޑުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނާ ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

އޭނާގެ މައްޗަށް ކޮށްފައި ވަނީ މަނާކޮށްފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އާއި ޑޮކްޓަރެއްގެ ޕްރެސްކްރިޕްޝަނެއް ނެތި ބޭހުގެ ގޮތުގައި ބޭނުންކުރާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.

ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމްގައި ބުނަނީ އޭނާގެ މައްޗަށް ކުށްސާބިތު ނުވީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވެފައި ނުވާތީ ކަމަށެވެ.

ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ މިފަދަ މައްސަލަތަކުގައި ގާނޫނު އަސާސީ ލާޒިމްކުރާ މިންވަރަކީ އެކަށީގެންވާ މިންވަރަށް ސާބިތުކޮށް ދިނުން ކަމަށާއި އެމިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ކުށްސާބިތު ނުކުރެވޭކަން. ނަމަވެސް އެކަށީގެންވާ މިންވަރަށް އޭނާގެ މައްޗަށް ސާބިތުވޭ. އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުކޮށްދޭކަށް ނުޖެހޭ. ގާނޫނު އަސާސީ ލާޒިމްކުރާ މިންވަރަކީ އެކަށީގެންވާ މިންވަރަށް ސާބިތުކޮށްދިނުން،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އާދަމް ނަސީރު އައްޑޫގައި ދިރިއުޅޭ ގޭގެތެރެއިން މަސްތުވާތަކެތި އަޅާފައި ހުއްޓާ ފެނުނު ދަޅަކީ އާދަމް ނަސީރު ވަލުތެރެއިން ގެނެސް ގޭގައި ބެހެއްޓި އެއްޗެއްކަން އެކަށީގެންވާ މިންވަރަށް ޖިނާއީ ކޯޓުގެ ޝަރީއަތަށް ސާބިތުކޮށްދީފައި ވާނެ ކަމަށެވެ.

އާދަމް ނަސީރު އައްޑޫގައި ދިރިއުޅޭ ގެއާއި މާލޭގައި ދިރިއުޅޭ ގޭގެ އަލަމާރިމަތިން ފެނުނު ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން ސާބިތުކޮށްދިނުމަށްޓަކައި ހެކި ހުށަހަޅަން ޖިނާއީ ކޯޓުން ދައުލަތަށް ފުރުސަތު ދީފައި ނުވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ހައިކޯޓުގެ ފަނޑިޔާރު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމަކަށް ދައުވާއަށް ޖަވާބުދާރީވުމަށް އާދަމް ނަސީރަށް ފުރުސަތު ދިނުމަށް ފަހު އެވެ.