02 Jul 2010, 10:12
14:30
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޤައުމީ ޕާޓީން ގޮވާލައިފި އެވެ.
މިކަމަށް ގޮވާލައި، ޑރ. ހަސަން ސައީދުގެ ޤައުމީ ޕާޓީގެ ރަސްމީ ވެބްސައިޓްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރެއްގެ މަސްއޫލިއްޔަކަށް ވާންޖެހޭނީ، ގައުމާއި ރައްޔިތުންގެ ސިލްމާ ސަލާމަތަށްޓަކައި ރައީސް ނަޝީދުގެ އިތުބާރެއް ނެތް ކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގައި ނަގައި އެމަނިކުފާނު މަޤާމުން ދުރުކުރުން ކަމަށާއި މި ނޫން ގޮތަކަށް މި ގައުމުގެ މަސްލަޙަތު ރައްކާތެރިއެއް ނުކުރެވޭނެ ކަމަށެވެ. އަދި ގައުމުގެ ދަރިން މިފަދަ މީހެއްގެ ވެރިކަން ގަބޫލުކޮށްގެން ތިބުމަކީ، ދީނާއި ދުނިޔެ ލައުނަތްދޭނެ ކަމެއް ކަމަށް ވެސް ޤައުމީ ޕާޓީން ބުނެފައިވެ އެވެ.
ކެބިނެޓްގެ މެންބަރުން އިސްތިއުފާދެއްވާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑިކިޔާ ޤައުމީ ޕާޓީގެ ވެބްސައިޓްގައި ބުނެފައި ވަނީ އެބޭފުޅުން އިސްތިއުފާދެއްވީ އެބޭފުޅުން އަމިއްލަފުޅަށް ނޫން ކަމަށާއި އެކަންތައް އެބޭފުޅުން ކުރައްވާފައި ވަނީ ރައީސް ނަޝީދުގެ އަމުރުފުޅަށް ކަމަށެވެ. އަދި އެކަމަކީ ވަރަށް ބޮޑު ޖޯކެއް ކަމަށް ވެސް ޤައުމީ ޕާޓީން ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ އިދިކޮޅު ފަރާތެއްގެ ގޮތުގައި ޤައުމީ ޕާޓީން އެ ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. ނަމަވެސް އެޕާޓީން އެދައްކާ ވާހަކަތަކަކީ ހަޤީޤަތެއް ނޫން ކަމަށާއި ކެބިނެޓް އިސްތިޢުފާ ދެއްވާފައި ވަނީ އެބޭފުޅުން އަމިއްލަފުޅަށް ކަމަށްވެސް ޒުހެއިރު ވިދާޅުވި އެވެ. އަދި ރައީސް ނަޝީދާއި އެމަނިކުފާނުގެ ނައިބް މަޤާމުން ވަކިކުރެވޭނެ ވަރުގެ އަޤުލަބިއްޔަތެއް އަދި ޤާނޫނު އަސާސީ ބަދަލުކޮށްލެވޭނެ ވަރުގެ އަގުލަބިއްޔަތެއް އިދިކޮޅު ފަރާތްތަކަށް މަޖިލީހުގައި ނުލިބޭނެ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.