ގަވާއިދާ ހިލާފަށް ތޮއްޑޫގައި އުޅޭ ބިދޭސީންގެ އަދަދު އިތުރުވެ، އެ މީހުންގެ ސަބަބުން ރަށުގެ ރައްޔިތުނަށްވާ އުނދަގޫތައް ބޮޑުވެ، ކޮންޓްރޯލުން ނެއްޓިފައިވާ ކަމުގެ ޝަކުވާ އެ ރަށުގެ ބައެއް މީހުން ކުރަން ފަށައިފި އެވެ.

ތޮއްޑޫ ވާހަކަ ދެއްކެވި ބައެއް މީހުން މިއަދު ބުނީ އެ ރަށުގައި 200 ވަރަކަށް ބަންގްލަދޭޝްގެ މީހުން އުޅޭ ކަމަށާއި އޭގެތެރޭގައި ގިނައީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ކަމަށެވެ. އަދި އެ މީހުންގެ ފަރާތުން އެންމެ ބޮޑަށް ކުރިމަތިވާ އުނދަގުލަކީ ކުޑަކުދިންނާ ޖިންސީ ގޯނާ ކުރާ މައްސަލަތައް ކަމަށް ވެސް ސަން އަށް މައުލޫމާތު ދިން ގިނަ މީހުން ބުންޏެވެ. އޭގެ ތެރެއިން ބައެއް މީސްމީހުން ރަށުގެ ބައެއް ގޭގެއަށް ވަދެ ވައްކަން ކުރާ މައްސަލަ ވެސް ކުރިމަތިވާ ކަމަށާއި އަދި އެކަނި ދިރިއުޅޭ އަންހެނެއް ނިދާފައި އޮއްވައި އެ ގެއަށް ވަދެ ވައްކަން ކުރަނިކޮށް ފަޅާއަރާފައިވާ ކަމަށް ވެސް އެ މީހުން ބުންޏެވެ.

އޭގެ އިތުރުން އެ ރަށުން ގޭގެ ކުއްޔަށް ހިފައިގެން ބަންގްލަދޭޝްގެ ބައެއް މީހުން އަމިއްލަ އަށް ގްރޫޕް ހަދައިގެން ދަނޑުވެރިކަން ކުރުމާއި ރަށުގެ ރައްޔިތުންނަށް ވުރެ އަގުހެޔޮކޮށް ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާ ކަމުގެ ޝަކުވާ ވެސް ވަނީ ކޮށްފަ އެވެ. ނަމަވެސް އެ މީހުންނާ ނުލައި ނޫޅެވޭނެ ކަމަށް ގަބޫލު ކުރާ ބަޔަކު ވެސް އެރަށުގައި އުޅެ އެވެ.

"ބަންގްލަދޭޝް މީހުންގެ އުނދަގޫ ރަށަށް ކުރިމަތިވެފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެ. މި މައްސަލަ ހައްލުކޮށްދިނުމަށް ފުލުހުންގެ އިތުރުން ރަށު ކައުންސިލްގައި ވެސް ވާނީ އެދިފައި ]އެކަމަކު[ އެކަށީގެންވާ ހައްލެއް އަދި ނުލިބޭ. ކުޑަކުދިންނާ ބެހުމުގެ މައްސަލަތައް ވެސް ދޭތެރެ ދޭތެރެއިން ފެންމަތިވޭ. ވައްކަން ކުރާ މައްސަލަ ވެސް އޮތީ ވަރަށް ބޮޑުވެފައި. ގިނަ ބަޔަކަށް އުނދަގޫތައް ފޯރަމުން ދިޔަ ނަމަވެސް އެކަމާ މެދު އެކަށީގެންވާ ފިޔަވަޅެއް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އަޅަމުން ނުދާތީ އެކަންތައް ބޮޑުވެފައި ވަނީ. ރައްޔިތުން ވެސް އެމީހުންނާ މެދު ފިޔަވަޅު އަޅަން ޖެހިލުން ވަނީ އެމީހުންގެ ފަރާތުން ދެން ކުރިމަތިވެދާނެ އުނދަގުލަކަށް ވިސްނާފައި،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރަށު ކައުންސިލްގެ ނައިބް ރައީސް މައުރޫފް އާދަމް މިއަދު ވިދާޅުވީ ރަށުގައި އުޅޭ ބިދޭސީންގެ ތެރެއިން 185 މީހުންނަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުންކަން ރަށު ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށާއި އެ މީހުން ފޮނުވާލެވޭތޯ ރަށު ކައުންސިލުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެމީހުންގެ ފަރާތުން ގިނަ ބަޔަކަށް އުނދަގޫވެ އެކިއެކި މައްސަލަތައް ކުރިމަތިވަމުންދާ ކަމަށާއި އަދި އެކަންތައް ހައްލުކޮށްދިނުމަށް ސަރުކާރުގެ އެކަށީގެންވާ ތަރުހީބެއް ލިބެމުން ނުދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ އުނދަގޫ ބޮޑުވެ އެކަންތައް ހައްލުކޮށްދިނުމަށް އެދި ފުލުހުންނަށް ދެ ފަހަރެއްގެ މަތިން ވަނީ ހުށަހަޅާފައި. ނަމަވެސް އެކަމަށް ހައްލެއް އަދި ނާދޭ. ސަރުކާރުން އެއްބާރުލުން ނުދޭ ނަމަ މިކަމަށް ހައްލެއް ނާންނާނެ. މި މިމީހުންނަށް ރަށުގެ ބަޔަކު ވެސް އެހީވާތީ އެގޮތަށް އެއުޅެވެނީ ރަށުގައި،" މައުރޫފް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރަސްދޫގައި ހުންނަ ފުލުހުންގެ މަރުކަޒަށް އެފަދަ މައްސަލަތަކެއް ތޮއްޑޫން ރިޕޯޓްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށާއި ނަމަވެސް ރަށުގެ ބިދޭސީން ގިނަވެފައިވާ މައްސަލާގައި އެ އަތޮޅުގައި ހޭލުތުންތެރިކުރުމުގެ ޕްރޮގްރާމެއް ހިނގައިދިނުމަށް އެދި ތޮއްޑޫ ކައުންސިލުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގައިވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުން އަނބުރާ ރަށަށް ފޮނުވާލުމުގެ މަސައްކަތް ފުލުހުންނާއި އިމިގްރޭޝަނާއި ސަރުކާރުގެ ކަމާ ބެހޭ ބައެއް މުއައްސަސާތަކުން ވަނީ ފަށައިފަ އެވެ. ނަމަވެސް އަދި ވެސް އަތޮޅުގެ ރަށްރަށުގައި އެފަދަ މީހުން ގިނަ އަދަދަކަށް އުޅެމުން ގެންދާ ކަމުގެ މައުލޫމާތު ދަނީ ލިބެމުންނެވެ.