ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އެޗްއީއޯސީއިން މިހާރު ކުރިިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ކޭސްތައް އިތުރުވަމުންދާއިރު ތަފާތު ކަންތައްތަކެއް ފާހަގަކުރެވެމުންދާ ކަމަށެވެ.

"އެއްބައި ފަރާތްތަކުން އެބަ ބުނަމުންދޭ ކޮވިޑް-19 އަލުން ރާއްޖެއިން ފެންނަމުންދާ ކަމަށް. އަޅުގަނޑުމެން ސާފުކޮށްލަދޭން ބޭނުން އިނގޭތޯ، ބަލި އަޅުގަނޑުމެންގެ ތެރެއިން ނެތިގެނެއް ނުދޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ފުރަބަންދާ ގުޅިގެން ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް ކޮންޓްރޯލު ކުރެވިގެން ދިޔަ ކަމަށްވި ނަމަވެސް ބަލި ނެތިގެނެއް ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުރަބަންދަށް ލުއި ދިނީވެސް ރާއްޖޭގައި ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލު ކުރެވިފައިވުމުން ކަމަށްވެސް އޭނާ ބުންޏެވެ. އެހެންކަމުން ލުއި ދިން އިރުވެސް ގިނަ ގައިޑްލައިންތަކެއް ދިނުމަށްފަހު ލުއި ދިން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ވަނީ ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އެއް އުފައްދާފައެވެ. ނަމަވެސް ކޭސްތައް މަދުވާން ފެށުމާއެކު އެންއޯސީގެ މަސައްކަތްތައް އެޗްއޯސީއަށް ބަދަލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ފުރަތަމަ ދުވަހުގައެވެ.