ވިކްޓަރީ ސްޕޯޓްސް ކުލަބްގެ ޔޫތު ޓީމްގެ ހެޑް ކޯޗަކަށް މުހައްމަދު ނަޒީހު ހަމަޖެއްސުމުގެ މަސައްކަތް އެކުލަބުން ފަށައިފި އެވެ.

ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ޒަރިޔަންދު ވިދާޅުވީ، ޔޫތު ޓީމަށް ކޯޗަކު އަދި މުޅިން ހަމަޖެއްސިފައި ނެތަސް، ވިކްޓަރީން މަސައްކަތް ކުރަމުން ދަނީ ކުރިން ނިއުރޭޑިއަންޓާއި ވިކްޓަރީ އަދި ޤައުމީ ޓީމަށް ކުޅުނު މިޑްފީލްޑަރު މުހައްމަދު ނަޒީހު ޔޫތު ޓީމަށް ހަމަޖެއްސުމަށެވެ.

"ޔޫތު ޓީމަށް އަދި ކޯޗަކު މުޅިއަކުން ހަމައެއްނުޖައްސަން. ކޯޗަކަށް ނަޒީހު ހަމަޖެއްސުމުގެ މަސައްކަތުގައި އަދި އުޅެނީ" ޒަރިޔަންދު ވިދާޅުވި އެވެ.

ވިކްޓަރީގެ ސީނިޔާ ޓީމުގެ މެނޭޖަރު އަހުމަދު އަޔާޒު (އަޔާ) ބުނީ، ކުރިއަށް އޮތް ސީޒަނަށް ވިކްޓަރީގެ ފަރިތަކުރުންތައް މިއަދު ހަވީރު ޓާފް ދަނޑުގައި ފަށާއިރު ޔޫތު ޓީމުގެ ފަރިތަކުރުންތައް ވެސް މިއަދު ބޮޑު ޓީމާއެކު ފަށާނެ ކަމަށެވެ. އަދި ޔޫތު ޓީމަށް ކޯޗް ކޮށްދިނުމުގައި މިއަދު ހަރަކާތްތެރިވާނީ ނަޒީހް ކަމަށާއި އޭނާ އަކީ ކޯޗް ކޮށްދިނުމުގައި ފުއްނާބު އުސް ކޯޗެއް ކަމަށް އަޔާ ބުންޏެވެ.

"ޔޫތު ޓީމުގެ ފަރިތަކުންތައް ކުރިއަށް ގެންދާނީ ނަޒީހުގެ އިރުޝާދުގެ ދަށުން. ރާއްޖެ ތެރޭގެ ޓީމުތަކަށް ވެސް ނަޒީހް ވަނީ ކޯޗުކަން ކޮށްދީފަ. އަދި ނަޒީހަކީ އެހާމެ ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައިވާ މޮޅު ކޯޗެއް. ޔޫތް ޓީމްގެ ފަރިތަކުރުންތައް ފަށަނީ ރާއްޖެ ތެރޭގެ ގިނަ ކުޅުންތެރިން ހިމަނައިގެން. ޔޫތް ޓީމަށް ކުޅުން ތެރިން ހޯދުމަށް ބައެއް ރަށް ރަށުގެ ކުލަބް ޖަމިއްޔާތަކާ ވެސް ވާހަކަ ދެއްކިން،" އަޔާ ބުންޏެވެ.

ނަޒީހު ވަނީ ދާދިފަހުން ޖަރުމަންގައި އޮތް ފުޓްބޯޅަ ކޯޗިން ކޯހެއް ވެސް ފުރިހަމަ ކޮށްފަ އެވެ.

ވިކްޓަރީގެ ޔޫތު ޓީމް ވަނީ މިދިޔަ އަހަރު ރާއްޖޭގައި އަލަށް ބޭއްވި 20 އަހަރުން ދަށުގެ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް ވާދަކޮށް، މުބާރާތުގެ ގްރޫޕް ސްޓޭޖުން ރަނގަޅު ވަނަ އެއް ހޯދައިފައިވެ އެވެ. އެހެން ނަމަވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މާޒިޔާ އެވެ.