12 Aug 2020, 21:46
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ސިފަވެފައި އޮންނަނީ މި ސަރުކާރުގެ އެންމެ ބާރު ގަދަ އެއް ވަޒީރުގެ ގޮތުގަ އެވެ. ނަމަވެސް މިއަދުގެ އެންމެންނަށް ހައިރާންކަން ގެނުވީ، ފައްޔާޒު ނިސްބަތްވާ ޕާޓީ، އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތެރެއިިން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމާ އެކު އެވެ. އެ ހަބަރާ އެެކު، މިނިސްޓަރު ފައްޔާޒަށް ވެސް ލިބިވަޑައިގެންނެވީ ހައިރާންކަމެވެ. ކުރެއްވުނީ އެންމެ ސުވާލެކެވެ؛ "އިތުބާރު ނެތް ކަމަށް ވޯޓް ނަގަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟"
މިނިސްޓަރު ފައްޔާޒު "ސަން"އަށް ވިދާޅުވީ، އޭނާ އިތުބާރު ގެއްލޭވަރުގެ ކަމެއް ނުކުރައްވާ ކަމަށާއި، ހުންނެވީ ސާބިތު ކަމާއެކު ކަމަށެވެ. އަދި އޭނާއާ ގުޅޭ ގޮތުން އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީގެ މެންބަރުންތަކެއް ހުށަހަޅުއްވަން އުޅެނީ ކީއްވެ ކަމެއް އެއްގޮތަކަށް ވެސް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަށްވެސް އެއްގޮތަކަށްވެސް ނޭނގެ ތިކަހަލަ ހިތް ހަމަނުޖެހުމެއް މެމްބަރުންގެ ތެރޭގައި އޮތް ކަމެއް. މިއަދު މި އެނގުނީވެސް ތިފަދަ ހިތް ހަމަ ނުޖެހުމެއް އޮތް ކަންވެސް. ހިތްހަމަނުޖެހުމެއް އޮތީމަކަމަށް މި ބަލަނީ، އިތުބާރު ނެގުމުގެ މައްސަލައެއް ހުށަހެޅުމުގެ ކަންކަން ކުރިއަށް ދަނީ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ، އޭނާއާ މެދު މިހާތަަނަށް އެއްވެސް މެމްބަރަކު ހިތްހަމަނުޖެހުމެއް ފާޅުކޮށްފައިވެސް ނުވާ ކަމަށާއި، މިވީހާ ދުވަހު ހީކޮށްގެން ހުރީ ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް އޭނާއަށް ކުރެވޭ ކަމަށެވެ.
"އަޅުގަނޑު މި ހުންނަނީ ކުޑަކޮށް ހައިރާންވެސް ވެފައި،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާގެ މައްޗަށް ކޮރަޕްޝަންގެ އެވެސް ތުހުމަތުތަކެއް ކުރެވުމުގެ ޖާގައެއްވެސް ނޯންނާނެ ކަމަށާއި އެފަދަކަމެއް ވެސް ކުރައްވާފައި ނުވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"100 ޕަސެންޓް ޔަގީންކަމާއެކު މި ދަންްނަވަނީ، އެއްވެސް ކަހަލަ ކޮރަޕްޝަންގެ އަމަލެއް ވެސް ހިންގަވާފައިވެސް ނޯންނާނެ. އަދި ނުހައްގުން މީހަކާމެދު ކަމެއްވެސް ކޮށްފައި ނުވާނެ،" ފައްޔާޒު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ފައްޔާޒާ ދެކޮޅަށް މައްސަލައިގައި ސޮއި ކުރެއްވި ފުރަތަމަ ބޭފުޅަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އަދި މި މައްސަލައިގައި ހުށަހަޅުއްވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކަމަށްވެސް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވަ އެވެ.
ފައްޔާޒު ވިދާޅުވީ، ރައީސް ނަޝީދު އެފަދަ ކަމެއް ކުރައްވާނެ ކަމަށް ގަބޫލު ކުރަން ދަތި ކަމަށެވެ. އަދި އެފަދަ ކަމެއް ރައީސް ނަޝިދު ނުކުރައްވާނެ ކަމަށް ފައްޔާޒު ޔަގީން ކުރައްވަ އެވެ.
"އެވަރުގެ ކަމެއް [މަގާމުން ދުރުކުރުމުގެ ސަބަބެއް] އޮތް ނަމަ، ނޯ ކޮންފިޑެންސްގައި ސޮއި ކުރުމުގެ ކުރިން އަޅުގަނޑަށް އިޝާރާތް ކުރައްވާނެ އަޅުގަނޑު ގޯހެއް ހެދި ނަމަ ނުވަތަ މީހުން އަޅުގަނޑު ގޯހެއް ހެދި ކަމަށް ދެކެންޏާ. ދުވަހަކުވެސް ނެތް އަޅުގަނޑު ކައިރީ އެފަދަ ކަމެއް ވިދާޅުވެފައި، އަޅުގަނޑު ގޯހެއް ހައްދަވައިގެން. އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް ނަޝީދު އެފަދަ ކަމެއް ކުރައްވާނެ ކަމަށް،" ރައީސް ނަޝިދު އެ މައްސަލައިގައި ސޮއިކޮށްފާނެ ކަމަށް ގަބޫލު ކުރަންތޯ ސުވާލު ކުރުމުން ފައްޔާޒު ވިދާޅުވި އެވެ.
މަޖިލީހުގެ ސަތާރަ ވަނަ ދައުރުގައި ގަމު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު، މިނިސްޓަރުކަމަށް ވަޑައިގެންނެވި ފައްޔާޒު މުޅި މި މައްސަލަ ސިފަ ކުރެއްވީ ޑިމޮކްރަސީގެ ރަނގަޅު މިސާލެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް އޭނާ މިކަމުގައި ހިތާމަކުރައްވާ އެއް ކަމެއް އެބަ އޮތެވެ؛ އެއީ އޭނާގެ ގޯހެއް އޮތް ކަމަށް މީގެ ކުރިން ފާހަގަކޮށްފައި ނުވާތީީ އެވެ.
"މީގެ އުފާ ވެރިކަމަކީ، އެމްޑީޕީގެ ސަރުކާރުގެ މަސައްކަތް ކުރަމުންދާ މީހަކާ މެދު އެމްޑީޕީގެ މެމްބަރުން އިތުބާރު ނެތް ކަމަށް ދެކޭތީ، އެކަން ކުރިއަށް ދިޔުމުގެ ޖާގަ އޮތްކަން. އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ޑިމޮކްރެޓިކް ނިޒާމް ވަރުގަދަވެގެންދާތަން މީގައި އެބަ ފެނޭ. މީގައި އަޅުގަނޑު ދެރަވުމެއް އޮތީ، އަޅުގަނޑުގެ މައްސަލައެއް އޮތް ކަމަށް މީގެ ކުރިން އެއްވެސް އިޝާރާތެއް އައިސްފައި ނެތުން. އެކަމާ ހިތާމަ ކުރަން. އެހެން ނޫނީ މިކަމާ ދޭތެރޭ އެއްވެސް ކަންބޮޑުުމެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.
މައްސަލަ އޭނާއާ ދެކޮޅަށް ނިމި، މަގާމުން ދުރު ކުރި ނަމަވެސް ރާއްޖޭގެ ޑިމޮކްރަސީ ހިފެހެއްޓުމާއި، ރާއްޖެއަށް ޓަކައި ކުރަން ހުރި ކަންކަން ކުރުމުގައި ދެމިހުންނަވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އިތުބާރު ނެތް ކަމުގެ ގަރާރުގައި 15 ވަރަކަށް އެމްޑީޕީ މެންބަރުން ވަނީ މިހާތަނަށް ސޮއި ކުރައްވައިފަ އެވެ. އަދި އޭނާގެ ދިފާއުގައިވެސް ބައެއް އެމްޑީޕީ މެމްބަރުން ދަނީ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިހާތަނަށް ފާޅުގައި 12 މެމްބަރަކު ވަނީ ފަައްޔާޒަށް އިތުބާރު އޮތް ކަމަށް ވިދާޅުވެފަ އެވެ.
މިހާތަނަށް ފައްޔާޒުގެ ދިފާއުގައި ވާހަކަ ދެއްކެވި މެމްބަރުން:
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
- ހުޅުމާލެ ދާއިރާ މެމްބަރު އަލީ ނިޔާޒު
- ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ
- އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު
- މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
- ކިނބިދޫ ދާއިރާ މެމްބަރު މުހައްމަދު ނާޝިޒު
- އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް
- އަލިފުށީ ދާއިރާ މެމްބަރު މުހައްމަދު ރަޝިދު ހުސައިން
- ކުރެއްދޫ ދާއިރާ މެމްބަރު އަބްދުލްޢަނީ
- އުނގޫފާރު ދާއިރާ މެމްބަރު އިސްމާއިލް އަހްމަދު
- ތިނަދޫ އުތުރު ދާއިރާ މެމްބަރު އަބްދުލް މުޢުނީ
މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާއިރު، އެމްޑީޕީގެ މެމްބަރުގެ އަދަދަކީ، 65 އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 14 މެމްބަރެއްގެ ސޮއި އެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.
ފައްޔާޒު ވިދާޅުވީ، މި މައްސަލައަށް ތާއީދު ކުރައްވަނީ އަދި ނުކުރައްވަނީވެސް ކޮން ބައެއްތޯ ނުބައްލަވާ ކަމަށެވެ. އަދި މި މައްސަލަ ފެއިލްކޮށްލުމަށް ވެސް އަދި ކާމިޔާބު ކުރުމަށް ވެސް މަސައްކަތް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މެމްބަރުން ފެންނަ ގޮތަކަށް ނިންމެވީމަ އަޅުގަނޑު އެކަން ބަލައިގަންނަނާނެ. މި ވޯޓު ކާމިޔާބު ކުރުމަށްވެސް ނޫނީ ނާކާމިޔާބުކުރުމަށް މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.