ނިމިގެންދިޔަ ފުޓްބޯޅަ ސީޒަންގައި ވީބީއަށް ކުޅުނު އާދަމް ލަރީފް (ރޮނާ) ކުރިއަށް އޮތް ސީޒަންގައި އޭވައިއެލްއަށް ކުޅުމަށް ސޮއިކޮށްފި އެވެ.

ރޮނާ ބުނީ، އޭވައިއެލްއަށް ކުޅުމަށް ސޮއިކުރީ ފުޓްބޯޅައިގެ ކެރިޔާއިން އަދި ދުރައްދާން ބޭނުން ނުވާތީ ކަމަށެވެ. އަދި އެޓީމުން ހުށަހެޅި ހުށަހެޅުމަކީ ހިތްހަމަޖެހޭ ވަރުގެ ހުށަހެޅުމެއް ކަމަށް ވެސް ރޮނާ ބުންޏެވެ.

"ކުރިއަށް އޮތް ސީޒަންގައި އޭވައިއެލްއަށް ކުޅުމަށް ނިންމާ ސޮއި ކޮށްފިން. އޭވައިއެލް އަކީ އަހަރެން ވަރަށް ގަޔާވާ ޓީމެއް" ރޮނާ ބުންޏެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ދިވެހި ޤައުމީ ޓީމުން ވެސް ޖާގަ ހޯދި ރޮނާ ވަނީ މިދިޔަ ސީޒަންގައި ވީބީއަށް ކުޅުނު އިރު، ސީޒަންގެ ވަކި ހިސާބަކުން ސަސްޕެންޑްކޮށް، ކުލަބްގެ ސްކޮޑުން ބާކީ ކޮށްފަ އެވެ. އެގޮތުން ރޮނާ ސަސްޕެންޑް ކުރީ ޕްރެކްޓިހަށް ނައިސް، އަތޮޅު ތެރޭގައި ކުރިއަށްދިޔަ މުބާރާތަކާއި މާލޭގައި ކުރިއަށް ދިޔަ ފުޓްސަލް މުބާރާތެއްގައި ބައިވެރިވި ކަމުގެ ރިޕޯޓް ވީބީގެ ކޯޗް ވަންލީއަށް ލިބުމުން އެކަމާ ހިތް ހަމަނުޖެހިގެންނެވެ.

ރޮނާ ވަނީ އޭނާގެ ފުޓްބޯޅައިގެ ކެރިޔާގައި މީގެ ކުރިން ނިއުރޭޑިއަންޓާއި ވިކްޓަރީ އަދި ހުއްރިއްޔާ އަށް ވެސް ކުޅެފަ އެވެ.