ނުޙައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި ކޮރަޕްޝަންގެ އިތުރު ކުށްތައް ހިމެނުމަށްޓަކައި ގާނޫނުލްއުުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ސަރުކާރުން މިފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން އިތުރުވެ، އެފަދަ އަމަލުތައް ހިންގަމުންދާ ގޮތް ބަދަލުވެ، ޒަމާނީވަމުންދާ ދަނޑިވަޅެއްގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްކުށަކީ ޒަމާނާ ނުބައްދަލު ކުށްތަކެއް ކަމުގައިވާތީ ކަމަށެވެ.

ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ ކޮރަޕްޝަނާގުޅޭ މުއާހަދާއަށް ވެސް ރިއާޔަތްކުރުމާއެކު، ކޮރަޕްޝަންގެ ކުށްތައް މިޒަމާނަށް ފެތޭގޮތަށް ބަދަލުކޮށް، ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި އެ ކުށްތައް ހިމެނުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަން ޖެހިފައިވާ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

އެގޮތުން، ގާނޫނުލްއުގޫބާތަށް އަލަށް އިތުރުކުރުމަށް ހުށަހަޅާފައިވާ ކުށްތަކަކީ، ނުޙައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށާއި، ބޭރު ދައުލަތެއްގެ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ މުވައްޒަފަކަށް ރިޝްވަތު ދިނުމުގެ ކުށެވެ.

އޭގެ އިތުރުން، ރިޝްވަތު ދިނުމާއި ހިފުމުގެ ކުށުގެ ގޮތުގައި ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި މިހާރު އެކުލެވޭ ކުށް އިސްލާހުކުރުމަށްވެސް ހުށަހަޅާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.


ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް އެއީ، ދައުލަތުގެ މުވައްޒަފުންނަށް ލިބެމުންދާ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައިދޭ އާމްދަނީގެ މިންވަރާ އަޅާބަލާއިރު، އެމީހުންނަށް ނުހޯދޭނެ ނުވަތަ ހޯދުން އެކަށީގެންނުވާ ނުވަތަ ހޯދުނުގޮތް ބަޔާންކޮށްނުދެވޭ މުދަލާއި ފައިސާ ހޯދައި ލިބިގަތުން ހުއްޓުވުމަށްޓަކައި، ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެކުށް ކުރާ ހާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެކެވެ.

މީގެ އިތުރުން އެއީ މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އިސްލާހެއްކަން ވެސް އޭޖީ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

ނުޙައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ގާނޫނުލްއުގޫބާތުގައި ހިމެނުމަށް، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ސަރުކާރުގެ ފަރާތުން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅި އެވެ.

އެހެންނަމަވެސް، އެ ބިލުގެ މަސައްކަތް ފުރިހަމަނުކުރެވި ވަނިކޮށް، އެ މަޖިލީހުގެ ދައުރު ހަމަވުމާއެކު، އެ ބިލުގެ މަސައްކަތް ނިމުމަކަށް އައީ ކަމަށާއި، އޭގެ ފަހުން، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، ކޮރަޕްޝަންގެ އެހެން ކުށްތައްވެސް ހިމެނޭގޮތުން އެ ބިލު އަލުން އެކުލަވާލުމަށް ނިންމީ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށް: ގާނޫނުލްއުގޫބާތަށް އިތުރުކުރުމަށް ހުށަހަޅާ ދެވަނަ ކުށަކީ، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށެވެ. ގާނޫނުލްއުގޫބާތުގައި ހިޔާނާތުގެ ކުށެއް މިހާރުވެސް ހިމެނުނު ކަމުގައިވީނަމަވެސް، އެ ކުށް ގާނޫނުލްއުގޫބާތުގައި ހިމެނެނީ ދައުލަތުގެ މުވައްޒަފަކު ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ވަކި ކުށެއްގެ ގޮތުގައި ނޫނެވެ.

އެހެންކަމުން ދައުލަތުގެ މުވައްޒަފުން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމާއި، ދައުލަތުގެ މުދަލާއި ފައިސާގެ ނަހަމަ ބޭނުންކުރުމާއި ދައުލަތުގެ ފައިސާ، ދައުލަތުގެ މުވައްޒަފެއްގެ އަމިއްލަ ފައިދާއަށް ނުވަތަ އެހެން މީހެއްގެ ފައިދާއަށް، ފައިސާއިން އަގުކުރެވޭ އެހެން އެއްޗަކަށް ބަދަލުކޮށް، އޭގެ އަސްލު ބަދަލުކުރުން ހިމެނޭގޮތުން، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ވަކި ކުށެއް އިތުރުކުރުމަށް މިހާރު ވަނީ ހުށަހަޅައިފައެވެ.

ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް: ނުފޫޒުން ވިޔަފާރިކުރުމުގެ ކުށަކީ، ދައުލަތުގެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން، އޭނާއަށް ނުވަތަ އެހެން ފަރާތަކަށް، ދައުލަތުގެ އެ މުވައްޒަފު މަސައްކަތްކުރާ އިދާރާއިން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ވަޒީފާއެއް ނުވަތަ މަސައްކަތެއް ނުވަތަ ފައިދާއެއް ނުވަތަ ލުޔެއް ހޯދައިދިނުމުގެ މުގާބިލުގައި އޭނާއަށް ނުވަތަ އެހެން ފަރާތަކަށް މަންފާއެއް ދިނުމަށް ވައުދުވުން ނުވަތަ ދިނުމަށް ހުށަހެޅުން ނުވަތަ އެފަދަ މަންފާއެއް ހޯދުމަށް އެދުން ނުވަތަ ގަބޫލުކުރުން ނުވަތަ ގަބޫލުކުރުމަށް އެއްބަސްވުމެވެ.

ކުށްތައް ކަނޑައެޅުމަށް ހުށަހަޅާފައިވާނީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށްތަކެއްގެ ގޮތުގައެވެ. އެހެންނަމަވެސް، އޭގެ ތެރެއިން ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ފަނޑިޔާރަކު ކޮށްފިނަމަ، އެ ކުށަކީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއް ކަމުގައި ކަނޑައެޅުމަށް ވަނީ ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ގާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހަޅާ އިސްލާހުތައް ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު އުވާލުމަށްވެސް ސަރުކާރުން ހުށަހަޅާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެ ގާނޫނު އުވާލަން ހުށަހެޅުމާއެކު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 23 ވަނަ މާއްދާގައި ހިމެނޭ ކޮރަޕްޝަންގެ މާނަ އިސްލާހުކުރުމަށްޓަކައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްވެސް ސަރުކާރުން ހުށަހަޅާފައިވާނެ ކަމަށެވެ.