12 Aug 2020, 15:08
ކުރީގެ ސަރުކާރުގައި ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަަލަތައް ބަލުމަށް އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަން އުވާލަން ނިންމި ކަމެއް އެނގިފައެއް ނެތް ކަމަށާއި މިހާރުވެސް މަސައްކަތް ކުރިއަށްދާ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވެއްޖެ އެވެ.
ނަތީޖާ ނުނެރެވި، ކޮމިޝަން އުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
އެކަމާ ގުޅިގެން އައްސަދު މިއަދު "ސަން"އަށް ވިދާޅުވީ، ކޮމިޝަން އުވާލާން ސަރުކާރުން ނިންމާފައިވާކަން އެއްވެސް ރަސްމީ ސިފައެއްގައި ކޮމިޝަށް އަންގާފައި ނުވާ ކަމަށެވެ. އަދި ވަކި މީޑިއާތަކަކަށް އެ މައުލޫމާތު ލިބިފައިވުމަކީ، ރައީސް އޮފީހުގެ "ކޮމިއުނިކޭޝަން އެރާ" އަކަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެދާނެ ކަމެއްގެ ވާހަކަ ދައްކާކަށް ނެތިން. ނުވަތަ އަޅުގަނޑަށް ހީވާކަމެއްގެ ވާހަކަ ދައްކާކަށް ނެތިން. އެހެން ނަމަވެސް ރައީސް އޮފީހުން އަންގާފައެއް ނެތް ކޮމިޝަން އުވާލަން ނިންމި ކަމެއް،"
އޭނާ ވިދާޅުވީ، ކޮމިޝަނާ ހަވަލުކުރި މަސައްކަތްތައް އަދިވެސް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ.
"ކޮމިޝަންގެ މަސައްކަތްތައް ހުއްޓާލުމަށްވެސް އަދި އަންގާފައި ނުވޭ. މަސަައްކަތްތައް ދަނީ ކުރިއަށް ހަމަ،" އައްސަދު ވިދާޅުވި އެވެ.
ކޮމިޝަނުން ވަނީ މިދިޔަ މަހު 23 ވަނަ ދުވަހު އެ ކޮމިޝަންގެ ތަހުގީގު ރިޕޯޓެއް ރައީސަށް އަރުވާފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮމިޝަންގެ ރިޕޯޓު ލިބުމާއެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ރިޕޯޓާ ގުޅިގެން ކުރަން ޖެހޭ ކަންކަން ފަށައިފައިވާ ކަމަށެވެ. ނަމަވެސް އެކަންކަމުގެ ތަފްސީލު އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.
އެދުވަހު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ އަދަދު މިހާތަނަށް ވަނީ 300 އަށް އަރާފަ އެވެ. އަދި ނުއަގުގައި ވިއްކާފައިވާ ރަށްތަކާ ފަޅުތަކުން، ގެއްލިފައިވާ ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހިފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ. އޭގެ އިތުރުން މަދު ދުވަސްކޮޅެއްތެރޭ ފަސް މީހަކަށް ދައުވާ ކުރަން ފޮނުވާނެ ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނެއް ރައީސް ސޯލިހު އެކުލަވާލެއްވީ ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޑިސެމްބަރު، 4، 2018ގަ އެވެ. އެގޮތުން އެ ކޮމިޝަން އުފައްދަވުން ރައީސް ނެރުއްވި ރިޔާސީ ގަރާރުގައިވާ ގޮތުގައި އެ ކޮމިޝަންގެ މަސައްކަތަކީ ޖެނުއަރީ، 1، 2012 އިން ނޮވެމްބަރު، 17، 2018 އާ ހަމަޔަށް ދައުލަތުގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންތަކާއި ވައްކަމުގެ މައްސަލަތައް ބަލައި ދައުލަތަށް ގެއްލިފައިވާ ފައިސާ އާއި މުދާ އަނބުރާ ހޯދުމަށް އެ މައްސަލަތައް ބަލައި ތަހުގީގު ކުރުމެވެ.
ރައީސް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނާއި މަރުގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށް ހާއްސަ ގާނޫނެއްގެ ދަށުން ބާރުތަކެއް ދިން ނަމަވެސް، އެކަށީގެންވާ ގޮތުގައި މައްސަލަތައް ތަހުގީގު ކުރެވި، ފިޔަވަޅު އެޅެމުން ނުދާތީ އެކަމާ ގުޅިގެން ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވެ އެވެ.
ކޮމިޝަން އުވާލާކަމުގެ އަޑުތަކެއް ގަދަވިއިރު، ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ އެދެ ކޮމިޝަން އުވާލުމަށް ވެސް މީގެ ކުރިން ގޮވާލައްވައިފަ އެވެ.