12 Aug 2020, 11:58
ޅ. ނައިފަރާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ބިދޭސީ ފަޅުވެރިއަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށަށް އަރާ ފޭބުން މަނާކޮށް ރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނައިފަރު ކައުންސިލަށް އެޑްރެސްކޮށް ފޮނުވި ނޯޓިސްގައި ބުނީ ކޮވިޑް19 އާއި ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންތައް ބެލުމަށް އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުގައި ތިބި އެއްވެސް މީހަކު ރަށުން ފޭބުމާއި އެޗްޕީއޭގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާވާނެ ކަމަށެވެ.
ނައިފަރުން ޕޮޒިޓިވް ވެފައިވަނީ މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ބިދޭސީ ފަޅުވެރިއެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގިފައިިވަނީ ބަލީގެ އަލާމާތްތައް ފެނިގެން ހޯމް ކަރަންޓީނަށް ލުމަށްފަހު ހެދި ޓެސްޓުގެ ނަތީޖާއިންނެވެ.
އޭނާ މަސައްކަތް ކުރާ ބޯޓު އޮތީ މިވަގުތު މާލޭގައެވެ. ޕޮޒިޓިވް ވެފައިވަނީ "މެގަ އާރު" ބޯޓުގައި މަސައްކަތްކުރާ ފަޅުވެރިއެކެވެ.
ބޯޓު ކައިރިއަށްގޮސް ފަޅުވެރިއަކާ ބައްދަކުވެފައިވާ މިހެއްވާނަމަ އެކަން ހޮސްޕިޓަލާ ހިއްސާ ކުރުމަށް ޅ. އަތޮޅު ހޮސްޕިޓަލުން ވަނީ އެދިފައެވެ.
ބިދޭސީ މީހާ ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެ ކުރިންވެސް އެކި ރަށްރަށާއި މާލެ އާއި ދެމެދު ދަތުރުކުރާ ބޯޓުތަކުގައި މަސައްކަތް ކުރާ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ބޯޓުތަކުގައި މަސައްކަތްކުރާ މީހުން މާލެ ފޭބުން މަނާކޮށްފައިވައިރު މާލެ ދަތުރުކުރާ ބޯޓުތައް ބަނދަރު ކުރުމަށް ސިޓީ ކައުންސިލުން ވަނީ ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައިފައެވެ.