އިންޑިއާގެ ފުލުހުންތަކެއް މަރާލި މައްސަލައެއްގައި ހައްޔަރުކުރުމަށް ފަހު ފުލުހުންގެ ހަމަލާއެއްގައި މަރާލި އިންޑިއާގެ ގޭންގްސްޓާރު ވިކާސް ޑޫބޭގެ ވާހަކަ ކިޔައިދޭ ވެބް ސީރީޒެއް ހެދުމަށް ޑައިރެކްޓަރު ހެންސަލް މެހެތާ ނިންމައިފި އެވެ.

ޕްރޮޑިއުސަރު ޝައިލޭޝް އާރް ސިންހް އާއި ހެންސަލް ގުޅިގެން ގެނެސްދޭ އެ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ވެސް މިހާރު ވަނީ ޑައިރެކްޓަރު ފަށާފަ އެވެ.

ތްރިލާ ޖޯންރާ އަކަށް ގެނެސްދޭ މި ވެބް ސީރީޒް އަންނަ އަހަރު ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ހެންސަލް ބުނީ މި ފިލްމަކީ ވަރަށް ވަރުގަދަ ވާހަކައަކަށް ބިނާކޮށް ގެނެސްދޭ ފިލްމެއް ކަމަށާއި ވިކާސްގެ ވާހަކައަކީ އެންމެންނަށް ވެސް އެނގެންޖެހޭ ވާހަކައެއް ކަމަށެވެ. އަދި ބުނީ ސިޔާސީ މީހުން އެމީހުންގެ ބޭނުންތައް ފުއްދުމަށް ކުރާ މަސައްކަތްތައް ވެސް މި ފިލްމުން ފެނިގެންދާނެކަމަށެވެ.

އޭނާ ބުނީ މި ސީރީޒް ވެގެންދާނީ މިއަދުގެ މުޖުތަމައު އާ ވަރަށް ގުޅޭ ފިލްމަކަށް ކަމަށާއި އަދި މިއީ މިއަދު ވެސް ހިނގާ ކަންތައްތައް ކަމަށެވެ. ވިކާސް ގެ ވާހަކަ އަކީ ވަރަށް ޝައުގުވެރި ވާހަކަ އެއް ކަމަށާއި އޭނާ މަރާލުމުގައި ވެސް ނޭނގޭ ގިނަ ސިއްރުތައް ހިމެނޭ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ވިކާސް މަރުވީ މިދިޔަ މަހު ފުލުހުންނާ ހިނގި ކުރިމަތިލުމެއްގަ އެވެ. ވިކާސް އަކީ 60 އަށް ވުރެ ގިނަ ކުށުގެ ރެކޯޑް އޮތް މީހެކެވެ.