ލަންޑަން (އޮގަސްޓު 11): ބީބީސީން ގެނެސްދިން ނޫސް ރިޕޯޓެއްގައި، ކަޅު ނަސްލުގެ މީހުން ދެރަކޮށްލުމަށް ބޭނުން ކުރާ ބަހެއް ދޮން ނަސްލުގެ ނޫސްވެރިޔަކު ބޭނުން ކުރުމާ ގުޅިގެން އެ ކުންފުނިން މާފަށް އެދިއްޖެ އެވެ.

ބީބީސީގެ ޑިރެކްޓަރު ޖެނެރަލް ޓޯނީ ހޯލް ވިދާޅުވި ގޮތުގައި ކޮންމެ ބަޔަކަށް ވެސް ކުށެއް ކުރެވުމުން އެކުރެވުނީ ކުށެއްކަން ދެނެގަންނަން ޖެހެ އެވެ. އަދި އެ ނޫހުން ރިޕޯޓެއްގައި 'އެން-ވޯޑް' ބޭނުންކޮށް، ޓީވީން ދައްކާފައި ވުމަކީ ގޯސް ކަމެއް ކަމަށް ހޯލް ވިދާޅުވި އެވެ.

"އެ [ރިޕޯޓު] ބްރޯޑްކާސްޓު ކުރި އިރު އަޅުގަނޑުމެން އަމަލު ކުރީ އެހާލަތުގައި އަމަލު ކުރަން ޖެހޭ ގޮތަށް ނޫންކަން ބީބީސީން ގަބޫލު ކުރޭ އަދި އަޅުގަނޑުމެން އެކަމަށް ވަރަށް ބޮޑަށް މާފަށް އެދެން. އަދި މީހުންނަށް އިހުތިރާމު ކުޑަވާ ފަދަ ބަސްތައް ބޭނުން ކުރުމާ ބެހޭ ގައިޑްލައިންތައް އަޅުގަނޑުމެން ވަރުގަދަ ކުރާނަން،" ހޯލް ވިދާޅުވި އެވެ.

ބީބީސީން މިދިޔަ މަހުގެ 29ގައި ދެއްކި އެ ރިޕޯޓަކީ އިނގިރޭސިވިލާތުގެ ބްރިސްޓޮލްގައި ކަޅު ނަސްލުގެ މީހަކަށް ދިން ހަމަލާއަކާ ބެހޭ ގޮތުން އެ ނޫހުގެ ސޯޝަލް އެފެއާސް ކޮރެސްޕޮންޑެންޓް ފިއޯނާ ލެމްޑިން ގެނެސްދިން ރިޕޯޓެކެވެ. އަދި އޭނާ އެ ބަސް ބޭނުން ކުރީ ހަމަލާ ދިން މީހުން ދެއްކި ވާހަކަތައް ކިޔައި ދިނުމުގެ ގޮތުންނެވެ.

ބީބީސީ އިން ވަނީ އެންމެ ފުރަތަމަ އެ ރިޕޯޓު ދިފާއުކޮށްފަ އެވެ. އަދި އެ ބަސް ބޭނުން ކުރީ ހަމަލާގެ އަމާޒަކަށްވި މީހާގެ ހުއްދައާ އެއްކޮށް ކަމަށާއި އޭގެ ބޭނުމަކީ އެއީ ކޮން ކަހަލަ ހަމަލާއެއްކަން ބުނެދިނުން ކަމަށް ބުނެފަ އެވެ.

ނަމަވެސް އެ ރިޕޯޓާ ގުޅިގެން ބީބީސީއަށް މިހާތަނަށް 18،000 ޝަކުވާ ހުށަހަޅާފައިވެ އެވެ. އަދި ބީބީސީ ރޭޑިއޯގެ ޕްރެޒެންޓަރަކު ވަނީ އެ ނޫހުން "ދޮން ނަސްލުގެ މީހަކަށް ޓީވީއަށް އަރާ އެން-ވޯޑް ކިޔަން ހުއްދަ ދިނުމަކީ" އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ މަގާމުން އިސްތިއުފާ ދީފަ އެވެ.