12 Aug 2020, 08:00
މިދިޔަ އާދިއްތަ ދުވަހު ބެލަރޫސްގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިދިކޮޅު ލީޑަރު ސްވެލްތާނާ ތިކަނޯސްކަޔާ ގައުމު ދޫކޮށް ލިތުއޭނިއާއަށް ވަޑައިގެންފި އެވެ.
އިންތިހާބުގައި ވާދަކުރައްވަން ފުރަތަމަ އޮތީ ސްވެލްތާނާގެ ފިރިކަލުންނެވެ. ނަމަވެސް އިންތިހާބާ ދިމާކޮށް އޭނާ ޖަލަށް ލުމުން އިންތިހާބުގައި އެކަމަނާ ވާދަކުރެއްވީ އެވެ.
ސްވެލްތާނާ ގައުމު ދޫކުރައްވާ ލިތުއޭނިއާއަށް ވަޑައިގެންނެވިއިއިރު އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެކަމަށް އޭނާ ކުރިން ވިދާޅުވި އެވެ.
މިފަހަރުގެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބްކުރައްވާފައި ވަނީ މިހާރުގެ ރައީސް އެލެގްޒެންޑްރާ ލުކަޝެންކޯ އެވެ. އެއާއެކު އެމަނިކުފާނު ވަނީ ހަވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ.
ހުދުމުޙުތާރު ވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ލުކެޝެންކޯއަކީ ޔޫރަޕްގެ އެންމެ ފަހު ޑިކްޓޭޓަރުގެ ގޮތުގައިވެސް ބައެއް މީހުން ދެކެ އެވެ.
އިންތިހާބު މޮނިޓާކުރުމަށް އުޅުނު މިނިވަން އޮބްޒާވަރުންގެ ގްރޫޕެއް ކަމަށްވާ "ހޮނަސްޓް ޕީޕަލް" އިން ބުނީ އެމީހުންގެ ހިސާބުތަކުން ދައްކަނީ، އިންތިހާބުގައި ވޯޓްލީ 80 ޕަސެންޓް ސްޓޭޝަންތަކުން ކާމިޔާބު ހޯއްދެވީ ސްވެލްޓާނާ ކަމަށެވެ.
ސްވެލްޓާނާ މިދިޔަ ހޯމަ ދުވަހު ވަނީ ވޯޓު އަލުން ގުނުމަށް އެދި ބެލަރޫސްގެ ސެންޓްރަލް އިލެކްޝަން ކޮމެޓީއަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް ޝަކުވާ ހުށަހެޅުއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަމަނާާ ވަނީ ފިއްލަވައިފަ އެވެ.
އޭގެ ފަހުން އެކަމަނާގެ ފިރިކަލުންގެ ޔޫޓިއުބް ޗެނަލްގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ އޭނާ ގައުމު ދޫކުރައްވައި ވަޑައިގެންނެވީ އޭނާގެ ދަރިން ކައިރިއަށް ދިއުމަށް ކަމަށެެވެ. އަދި އޭނާއަކީ އެހާ ހިތްވަރު ގަދަކަންކަމާ ކުރިމަތިލާން ކެރޭ ބޭފުޅެއް ނޫން ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ބެލަރޫސްގެ ސަރުކާރަށް ތާއިދުކުރާ ޓެލެގްރާމް ޗެނަލްއެއްގައި އާންމުކުރެއްވި ވީޑިއޯއެއްގައި އެކަމަނާ ވަނީ މުޒާހަރާތައް ހުއްޓާލުމަށާއި ގައުމުގެ ރައްޔިތުން ނިންމި ނިންމުން ބަލައިގަތުމަށް ގޮވާލައްވައިފަ އެވެ.
ސްވެލްތާނާގެ ތަރުޖަމާނު އޮލްގާ ކޮވެލްކޯވާ ބެލަރޫސީއާގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެކަމަނާގެ ކެމްޕޭން ޓީމްގެ އިސް ބޭފުޅުންތަކެއް ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އޭނާގެ ދަރިން ލިތުއޭނިއާއަށް ފޮނުވީ ވެސް ސަރުކާރުން އެ ކުދިން ޔަތީމްހާނާއަކަށް ބަދަލުކޮށްފާނެކަމުގެ ބިރު އޮތުމުން ކަމަށެވެ.
އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރާނެކަމަށް ބުނެ މިހާރުވެސް އެތައް ބަޔަކު އެ ގައުމުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތަކާ ގުޅިގެން މިހާރުވެސް އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. --ސީއެންއެން