10 Jan 2012, 09:16
ޕެރިސް (ޖަނަވަރީ 10) : އެފްރިކާގެ ހުޅަނގުގެ ޤައުމެއް ކަމަށްވާ ގިނީ ބިސާއޮގެ ރައީސް މެލަމް ބަކާއި އަވަހާރަވެއްޖެއެވެ.
ފަރަންސޭސި ޢަސްކަރީ ހޮސްޕިޓަލެއްގައި ރޭގެ ވަގުތެއްގައި އަވަހާރަވި ބަކާއި ގެ ޢުމުރުފުޅަކީ 64 އަހަރެވެ. ބަކާއި، ފަރަންސޭސި ދޮގްރާސް ޢަސްކަރީ ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނީ މިދިޔަ ޑިސެމްބަރ މަހުގެ ފަހުކޮޅުގައެވެ. އޭނާ އަވަހާރަވީ ކޮންބައްޔެއްގައިކަން ހާމަކުރުމަށް ފަރަންސޭސިވިލާތުންނާއި ގިނީ ބިސާއޮގެ މަސްއޫލުވެރިން ވަނީ ދެކޮޅު ހައްދަވާފައެވެ.
ގިނީ ބިސާއޮގެ ދަސްތޫރު ބުނާގޮތުން ރައީސް އަވަހާރަވެއްޖެ ނުވަތަ މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ޙާލަތެއްގައި އެމަޤާމް ވަގުތީ ގޮތުން އަދާކުރައްވާނީ ޕާލަމެންޓްގެ ރައީސެވެ. ނަމަވެސް 90 ދުވަހުގެ ތެރޭގައި އިންތިޚާބެއް ބާއްވައިގެން އައު ރައީސަކު އިންތިޚާބުކުރަންޖެހޭނެއެވެ.
މިދިޔަ ޑިސެމްބަރމަހު ބަކާއި އަވަހާރަވިކަމުގެ ޚަބަރެއް ފެތުރިފައިވީނަމަވެސް އޭނާގެ އަނބިކަނބަލުންނާއި ސަރުކާރުން އެކަން ދޮގުކޮށްފައިވެއެވެ. އަނބިކަނބަލުން ވިދާޅުވީ ބަކާއިގެ ޙާލުކޮޅު ދަށަށްދާ ކަމަށާ ނަމަވެސް އަވަހާރަނުވާ ކަމުގައެވެ. ސަރުކާރުން ބުނެފައިވަނީ ރައީސްގެ ޙާލުކޮޅާބެހޭގޮތުން ރައްޔިތުންނަށް ފުރިހަމަ މަޢްލޫމާތު ފަހުން ފޯރުކޮށްދޭނެ ކަމުގައެވެ. ނަމަވެސް ބަކާއި އަވަހާރަވުމަށްފަހުވެސް ސަރުކާރުން ރައްޔިތުންނަށް އެއްވެސް މަޢްލޫމާތެއް ފޯރުކޮށްދީފައިނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އެފްރިކާގެ ހުޅަނގުގައިވާ ގިނީ ބިސާއޮއަކީ 1974 ގައި ޕޯޗްގަލްގެ ކިބައިން މިނިވަންކަން ލިބިފައިވާ ފަގީރު ޤައުމެކެވެ. މިނިވަން ކަމަށްފަހު އެޤައުމުގައި ސިޔާސީ ކަތިލުންތައް ހިންގައި ޢަސްކަރީ އިންޤިލާބުތައް އައިސްފައިވެއެވެ. ބަކާއި ރައީސް ކަމުގެ މަޤާމަށް އިސްވެ ވަޑައިގަތީ 2009 ވަނަ އަހަރު ހުންނެވި ރައީސް ޖުވާވް ބަރނާޑޯ ވިޔޭރާ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. -- އަލްޖަޒީރާ