ފިނޭންސް މިނިސްޓްރީއާ މެދު މަޖިލީހުން ތުހުމަތުތަކެއް ކުރާ ނަމަ ރާއްޖެއާ މެދު ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު ގެއްލިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެ، ވަރަށް ބޮޑަށް އެކަމާ މެދު ކަންބޮޑުވެ ފާޅުކުރައްވައިފި އެވެ.

ދައުލަތުގެ ހަގީގީ ދަރަނި ސާފުނުވާ ކަމަށް ބުނެ، މުޅި މަޖިލިސް އެއްވެ މަޖިލިސް ތަޅުމުގައި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގެން މިނިސްޓަރު އަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީ އިން ރާއްޖޭގެ ދަރަނީގެ ކަންކަން ބަލަހައްޓަމުން ނުދާ ކަމަށް ބުނެ، ފިނޭންސުގެ ތަފާސްހިސާބުތަކާ މެދު ސުވާލު އުފެދޭ ގޮތަށް މަޖިލީހުގެ މެންބަރުން ތުހުމަތުތައް ކުރައްވާ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދެއްކެވުމުން އޭގެ ސަބަބުން ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

"އިއްޔެ މި އޮތީ ނެގެޓިވް ހެޑްލައިން އަޅުގަނޑުމެން [ފިނޭންސުން] ޑެޓް މެނޭޖް ނުކުރާ ވާހަކަ އާއި ރާއްޖޭގެ ދަރަންޏާ މެދުވެސް ސުވާލު އުފެދޭ ވާހަކަ. މި ހިސާބުން އެބަ އައިއެމްއެފް ވޯލްޑް ބޭންކު ތަންތަނުން އެބަ ސުވާލު ކުރޭ މިކަންކަމާ އަޅުގަނޑުމެންނާ. އެބޭފުޅުން ޝައްކު އުފައްދަން އެބަ މެދުވެރިވޭ އަޅުގަނޑުމެންނާ ދޭތެރޭގައި. މީގެން މައްސަލަތައް އަންނާނެ،" އާދޭހުގެ ރާގަކަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނީގެ ސީދާ އަދަދު މަޖިލީހަށް އޮޅުން އަރާކަމަށް ބުނެ، މަޖިލިސް ރައީސް، މުހައްމަދު ނަޝީދު އިއްޔެ ތަޅުމަށް ހުށަހެޅުއްވި މައްސަލައިގައި އެމަނިކުފާނު ވިދާޅުވީ، "ފިނޭންސް މިނިސްޓަރު ދައުލަތުގެ ދަރަނިތައް ރަނގަޅަށް މެނޭޖް ކުރަމުން ނުދާ" ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ބައެއް ސޮވަރިން ގެރެންޓީތަކުގެ މައުލޫމާތު މަޖިލީހަށް ފޮނުއްވާފައިވާ ނުވާ ކަމަށް ވިދާޅުވެ މަޖިލިސް ރައީސް އިއްޔެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު އަމީރު ވިދާޅުވީ މަޖިލީހަށް ފޮނުވަން ޖެހޭ ހުރިހާ މައުލޫމާތުތަކެއް ޖެމްސް، ސަރުކާރުގެ ލިޔެކިޔުން ބަދަލު ކުރާ ޕޯޓަލް މެދުވެރިކޮށް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ލިޔުންތައް މަޖިލިސް އިދާރާގެ ކުދިން ހުޅުވައި ބަލާ ހަދާފައި ހުރިކަން ސިސްޓަމުން ފެންނަން ހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން މި ސަރުކާރު އައިފަހުން، މަހަކު އެއްފަހަރު ދަރަނީގެ ތަފާސްހިސާބުތަކާއި ރާއްޖޭގެ ދަރަނީގެ ހާލަތު އަންގައިދޭ، ޑެޓް ބްލެޓިން ރިޕޯޓް ވެސް ނެރެމުން އަންނަކަން ފާހަގަ ކުރެއްވި އެވެ. އަަދި އައިއެމްއެފް އާއި ވޯލްޑް ބޭންކު ބައިވެރިވެގެން ޑެޓް ސަސްޓެއިނަބިލިޓީ ރިޕޯޓްތައް ވެސް ކޮންމެ އަހަރަކު އެކުލަވާލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ވަރަށް ހާމަކޮށް ފެންނަން ހުންނާނެ ހުރިހާ ސޮވަރިން ގެރެންޓީތަކާ އެއްޗިހި. އެހެރީ އަޅުގަނޑުމެންގެ ވެބްސައިޓުން ފެންނަން. ބެއްލެވީމާ ވެސް ފެންނާނެ. މި ސަރުކާރު އައިފަހުން ހުރިހާ އެއްޗެއް މި އަންނަނީ ހަމަ އާންމު ކުރަމުން. އެކަން އައިއެމްއެފް ތަންތަނުން ވެސް ފާހަގަ ކުރޭ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އެމަނިކުފާނަކީ އެމްޑީޕީ މެންބަރެއްކަން ފާހަގަ ކުރައްވާ ވިދާޅުވީ، މިކަން މިއަށް ވުރެ "ރީއްޗަށް" ވެސް ކުރެވޭނެ ކަމަށެވެ. އަދި ފިނޭންސްގައި އޮތީ ވަރަށް ޓެކްނިކަލް ޓީމެއް ކަމަށާއި ދައުލަތުގެ ދަރަނި މެނޭޖް ކުރުމަށް ޓެކްނިކަލް ފެންވަރުގެ ހާއްސަ ޓީމެއް ފިނޭންސްގައި އޮންނަ ކަމަށެވެ. ދުވަހުން ދުވަހަށް އެ ޓީމުން ކަންކަން ބަލާ ކަމަށް ވިދާޅުވި އެވެ. އަދި އެ މީހުންގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

"އެއީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫން ފިނޭންސްގެ އަގު ވެއްޓޭ ގޮތަށް އެތަނުގައި ތިއްބެވި މުވައްޒަފުންނާ މެދު އިތުބާރު ގެއްލޭ ގޮތަށް މިތަނުގައި ވާހަކަ ދެއްކުން. އެބޭފުޅުންނަށް އިތުބާރު އެބަ އޮތް. ތިބޭފުޅުން ފިނޭންސަށް އިތުބާރު ކުރައްވާ. އެއީ ވަރަށް ޓެކްނިކަލް މުވައްޒަފުންތަކެއް ޓެކްނިކަލް މަސައްކަތް ކުރާ ބަޔަކު ތިބި ތަނެއް،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިއަދު މުޅި މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރި ކުރީގެ ނައިބު ރައީސް އަދި ކުރީގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޖިހާދު ވެސް ވިދާޅުވީ، ކޮންމެ މިނިސްޓަރެއް ހުންނެވި ނަމަވެސް ފިނޭންސް މިނިސްޓްރީގައި ކަންކަން ކުރަނީ ވަރަށް ޓެކްނިކަލް މުވައްޒަފުން ކަމަށެވެ. އަދި އެ މުވައްޒަފުންނަކީ އެތައް ޒަމާންތަކެއް ވަންދެން އެމިނިސްޓްރީގައި ތަޖުރިބާ ލިބި ޑޯނަރުންނާއި މާލީ އިދާރާތަކާ ވެސް ބޮޑު ގުޅުމެއް އޮންނަ ބައެއް ކަމަށެވެ. އަދި އެ އިރެއްގައި ހުންނަ މިނިސްޓަރަކު އެބޭފުޅުންގެ ޓެކްނިކަލް ލަފަޔާ އެއްގޮތަށް ކަންކަން ނިންމުމަކީ، ދަމަހައްޓަމުން އަންނަ ރަނގަޅު ނިޒާމެއް ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

"އަޅުގަނޑު އެންމެ އާދައިގެ މީހެއްގެ ގޮތުގައި އެތަނުގައި މަސައްކަތް ކުރިން. އެއީ ވަރަށް ޓެކްނިކަލް ޓީމެއް އޮންނަތަނެއް. އެބޭފުޅުން ވަރަށް ޕްރޮފެޝަނަލް ކަމާ އެކު ދައުލަތުގެ ޑެޓް މެނޭޖް ކުރަމުން ދާނީ. ދެން ގޯހެއް ވެސް ނެހެދޭނެ ވާހަކައެއް ނޫން. އެކަމަކު ތިބޭފުޅުންގެ އިތުބާރު އެބޭފުޅުންނަށް އޮންނަން ވާނެ،" ޖިހާދު ވިދާޅުވި އެވެ.

މީގެ އިތުރުން ޖިހާދު ވިދާޅުވީ، ދައުލަތުގެ ދަރަނި ހުންނަން ޖެހޭނެ އެންމެ ރަނގަޅު މިންގަނޑު ކަމަށް މާލީ އިދާރާތަކުން ބަލައިގަންނަނީ، ގައުމުގެ އުފެއްދުންތެރިކަމުގެ 50 ޕަސެންޓަށް ވުރެ ދަށުގައި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުތަކުގައި އެ އަދަދު 60 ޕަސެންޓަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ ކުރިން އެމްއެމްއޭގެ ގަވަރުނަރުކަން ވެސް އަދާކުރެއްވި ޖިހާދު ވިދާޅުވީ، ކޮންސެޝަނަލް ރޭޓްތަކަށް ވުރެ ބޮޑުކޮށް ލޯނު ނެގުމަކީ ވެސް ގޯހެއް ކަމަށާއި އެކަންކަމަށް ބަލައިގެން ދައުލަތުގެ ދަރަނިތައް މެނޭޖް ކުރަމުންދާން ޖެހޭ ކަމަށް އޭނާ ވިދާޅުވީ އެވެ.

އެވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރައީސް، ނަޝީދު ވިދާޅުވީ، މިހާރުގެ ފިނޭންސް މިނިސްޓަރަށް އިތުބާރު ކުރައްވާ ކަމަށާއި ނަމަވެސް ކަންބޮޑުވަނީ އެތައް ލޯނުތަކެއް ދައްކަން ޖެހި ކޭޝްފްލޯ އެވަރަށް ނެތިދާނެތީ ކަމަށެވެ. އަދި މިއީ ދައުލަތުގެ ސަލާމަތަށް ޓަކައި ދައްކާ ވާހަކައެއް ކަމަށާއި އެކަމުގައި މީހެއްގެ މޫނަކަށް ނުބައްލަވާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ ސޮވަރިން ޑީފޯލްޓަކަށް ނުގޮސް ސަލާމަތް ކުރުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.