11 Aug 2020, 14:20
ދައުލަތުން ސޮވަރިން ގެރެންޓީތައް ދޫކުރުމުގައި ފިނޭންސުން ގޯސްކޮށް ކަންތައްތަކެއް ހިންގާފައި އޮތް ކަމަށް މިހާތަނަށް ކުރެވިފައި ހުރި އޮޑިޓްތަކުން ފެންނަން ނެތް ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ޖުމްލަ ދަރަނީގެ އަސްލު އަދަދު ސާފު ނުވާ ކަމަށް ބުނެ، މިއަދު މުޅި މަޖިލީސް އެއްވެ ތަޅުމުގައި ބޭއްވި ކޮމިޓީގައި ސޮވަރިން ގެރަންޓީތައް ދީގެން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ކަންކަން އޮޑިޓް ކުރަންތޯ މެންބަރުން ސުވާލު ކުރެއްވުމުން އޮޑިޓާ ޖެނެރަލް ޒިޔަތު ވިދާޅުވީ، ފިނޭންސުން ދޭ ހިސާބުތަކުގެ މައްޗަށް ބަލާ ދައުލަތުން ދީފައިވާ ސޮވަރިން ގެރަންޓީތަކާއި އެ ތަކެތި ދީފައިވާ ގޮތް ބަލައި އަހަރަކު އެއްފަހަރު އޮޑިޓް ހަދަމުން އަންނަ ކަމަށެވެ.
"ގެރެންޓީތަކުގެ ފައިނޭންޝަލް އޮޑިޓް ކުރިއަށް ގެންދޭ. އެއީ ފައިނޭންޝަން ސްޓޭޓްމަންޓް އޮޑިޓެއް. އޭގައި އަޅުގަނޑުމެން މި ބަލަނީ ގެރެންޓީތައް ދީފައި ހުރީ ކިހިނެއްތޯ؟ މާލިއްޔަތު ގާނޫނާއި ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނާ އެއްގޮތަށް ތޯ އޮތީ؟ އަޅުގަނޑުމެން ބެލި ބެލުމުގައި ލީގަލް ފްރޭމްވޯކް ތެރެއިން ގަަވައިދެއް ހެދިގެން އެބަ އޮތޭ އެބޭފުޅުން އަދި މީގެ އިތުރަށް ސެކިއުރިޓީޒް ބަހައްޓާފައި، ކޮލެޓަލަރައިޒްކޮށްފައި [ރަހުނުކޮށްފައި] އަދި އެ ޕްރޮޖެކްޓާ ބެހޭ ފިސިބިލިޓީ ހަދާފައި އެކަން ބަލާފައި ހުއްދަ ދީފައި އޮތީ. އެކަން އަޅުގަނޑުމެންގެ ރިޕޯޓުން ފާހަގަވޭ. ފައިނޭންޝަލް އޮޑިޓްގެ މި އޮބްޖެކްޓިވްގައި ބެލި ކަންކަމުގައި އަޅުގަނޑުމެންނަކަށް ރޯންގް ޑުއިންއެއް ނުފެނޭ. ގާނޫނުތަކުގެ ތެރެއިން ބަލަން ޖެހޭކަންކަން ބަލާފައޭ ކުރިއަށް ގެންގޮސްފައި ވަނީ،" ތަކުރާރުކޮށް ރިޔާސަތުން ސުވާލު ކުރަން ފެއްޓެވުމުން އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ 2016، 2017 އަދި 2018ގެ ދައުލަތުގެ ދަރަންޏާ ގުޅޭ އޮޑިޓް ރިޕޯޓް ގާތްގަނޑަކަށް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަނީ ފިނޭންސްއާ ވެސް މަޝްވަރާކޮށްގެން ރިޕޯޓް ފައިނަލައިޒް ކުރުމުގެ މަސައްކަތް ކަމަށާއި މި މަހުގެ 15 ހިސާބުގައި އެ ރިޕޯޓް ނެރެވޭ ވަރު ވާނެ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލް ޒިޔަތު ވިދާޅުވީ ސޮވަރިން ގެރަންޓީ ދޭ ލޯނުތައް ބޭނުންކޮށްގެން ހިންގާ މަޝްރޫއުތަކާ އެކަން ކުރިއަށް ދާ ގޮތްވެސް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިފަހަރު ބަޖެޓް ކޮމިޓީގައި ވެސް އެ ވާހަކަ ދަންނަވާފައި ވާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އަދި އެފަދަ އޮޑިޓްތައް ކުރާއިރު ހަމައެކަނި ބަލަންވީ ގާނޫނީ ގޮތުން އިޖުރާއަތްތައް ފުރިހަމަ ވެފައި ހުރިތޯ ނޫން ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.
"ޕާފޯމެންސް ސައިޑެއް ނޫން އޮޑިޓްގައި މި ބެލެނީ. އެކަމަކު އެއީ ބަލަން ޖެހޭ ކަމެއް. މިފަހަރު ބަޖެޓްގައި ވެސް އަޅުގަނޑުމެން ދެންނެވިން ގާތްގަނޑަކަށް އާމްދަނީގެ 30 ޕަސެންޓް ޑެޓް ފައިނޭންސް ކުރާ ހިސާބަށް ގޮސްދާނޭ. އެކަމަކު އެއަށް ވުރެ ބޮޑަށް އަޅުގަނޑުމެން އޮޑިޓްގައި ދާން އެބަޖެހޭ ދުރު ރާސްތާ ޕްލޭނާ މި [ދަރަނީގެ] ކަންކަމަށް،" ޒިޔަތު ވިދާޅުވި އެވެ.
މީގެ އިތުރުން ޒިޔަތު ވިދާޅުވީ، ދައްކަން ޖެހޭނެ ދަރަނިތައް ދެއްކޭނޭ ގޮތްތައް މިހާރުއްސުރެ ކުރިއާލާ ދުރާލާ ރާވަން ޖެހޭ ކަމަށެވެ. އަދި ޑެޓް މެނޭޖް ކުރޭތޯ އޮޑިޓްތައް ހެދުމުގައި ބެލުމުގެ މުހިންމުކަން ޒިޔަތު މިއަދުވެސް ފާހަގަ ކުރެއްވި އެވެ.
"ސަން ސިޔާމް ހޯލްޑިންގްސް"އަށް ދައުލަތުން ދީފައިވާ ގެރެންޓީއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އަމީރުވެސް ވިދާޅުވީ އޭރު އެ ގެރެންޓީ ދީފައި ވަނީ މާލިއްޔަތު ގާނޫނާއި އުސޫލާ ވެސް އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްގެން ކަމަށް ބެލި ބެލުމުން އެނގޭ ކަމަށެވެ.
"އުސޫލުގެ ތެރެއިން ދީފައި އިނީ. އޭގައި މޯގޭޖް އާއި ޕްރައިވެޓް ގެރެންޓީ އާއި އިންޑެމިނިޓީ އެގްރިމަންޓްތަކާ ޕާޒަނަލް ގެރެންޓީތައް ވެސް ނަގާފައި ހުރީ. އުސޫލުގެ ތެރޭގައި އެކަން ހިނގާފައި ހުރީ،" އަމީރު ވިދާޅުވި އެވެ.