10 Jan 2012, 08:46
ހިފާފައިވާ ޤުދްސު (ޖަނަވަރީ 10) : އިސްރާއީލުގެ ޢަސްކަރީ ބަޖެޓް ވަރަށް ބޮޑުތަން އިތުރުކޮށްފިކަން އެޤައުމުން ހާމަކޮށްފި އެވެ. މިކަން ހާމަކުރައްވަމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިދާޅުވީ މިއީ ވޭތުވެދިޔަ ތިރީހަކަށް އަހަރު ތެރޭގައި އިސްރާއީލުގެ ޢަސްކަރީ ބަޖެޓް އާދަޔާ ޚިލާފަށް އިތުރުކުރަންޖެހުނު ފުރަތަމަ ފަހަރުކަމަށެވެ.
ޢަސްކަރީ ބަޖެޓް އާދަޔާޚިލާފަށް އިތުރުކުރަންޖެހުނީ މިދުވަސްވަރު އިސްރާއީލަށް ކުރިމަތިވެފައިވާ ބޭރުގެ ގޮންޖެހުންތަކާއި ބިރުތައް އިތުރުވަމުންދާތީ ކަމަށް ނަތަނިޔާހޫ ވިދާޅުވިއެވެ. ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން، އިސްރާއީލުގެ މިއަހަރުގެ ދިފާއީ ބަޖެޓަކީ 780 މިލިޔަން ޑޮލަރުކަން ނަތަނިޔާހޫ ހާމަކުރެއްވިއެވެ. ނަމަވެސް ބަޖެޓް ބޮޑުކުރިމިންވަރާއި އޭގެ ނިސްބަތް ހާމަކުރައްވާފައެއްނުވެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އިސްރާއީލުގެ ޢަސްކަރީ ބަޖެޓްގެ މިންވަރަކީ ޢާންމު ގޮތެއްގައި 400 މިލިޔަން އެމެރިކާ ޑޮލަރާއި 450 މިލިޔަން އެމެރިކާ ޑޮލަރާ ދެމެދުގެ މިންވަރެއްކަން މީޑިޔާ ރިޕޯޓްތަކުން ހާމަވެފައިވެއެވެ. އިސްރާއީލުން ޢަސްކަރީ ބަޖެޓް ބޮޑުކޮށްފައިމިވަނީ މިސްރުގެ ފަރާތުން ވޭތުވެދިޔަ 33 އަހަރު ތެރޭގައި އިސްރާއީލަށް ލިބުނު ސުލްޙައިގެ ގެރެންޓީ ކުޑަވެ ކޭމްޕް ޑޭވިޑް ސުލްހައިގެ މުޢާހަދާއަށް އިޙްތިރާމް ނުކޮށްފާނެ ކަމުގެ އިޝާރާތްތަކެއް މިސްރުން ލިބެންފަށާފައިވާ ދުވަސްވަރެއްގައެވެ.
މީގެއިތުރުން ސަރަޙައްދީ ޢަސްކަރީ ބާރެއްގެ ގޮތުގައި އީރާން ފާޅުވުމާއި ސަރަޙައްދީ އެހެން ބާރެއް ކަމަށްވާ ތުރުކީއާއި އިސްރާއީލާދެމެދު ގުޅުންތައް ވަރަށްބޮޑަށް ގޯސްވެފައިވާތީ މިދުވަސްވަރު އިސްރާއީލުވަނީ ކަންބޮޑުވެފައެވެ. އަދި ޢިރާޤުން އެމެރިކާ ފޭބުމާއި އަރަބި ޤައުމުތަކަށް އަންނަމުންދާ ރައްޔިތުންގެ އިންޤިލާބުތަކާ ގުޅިގެން އެމެރިކާގެ ބާރާއި ނުފޫޒު މެދުއިރުމަތީގައި ކުޑަވެފައިވުމަކީ އިސްރާއީލުގެ ކަންބޮޑުވުންތައް އިތުރުވެގެންގޮސްފައިވާ ކަމެއް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. -- އަލްޖަޒީރާ