އެތެރެއިންނާއި ބޭރުން ފުލުހުންނަށް ކުރިމަތިކުރުވި ހުރަސްތަކަށް ވަރުގަދައަށް ތައްޔާރުވެ ރައްޔިތުން ބިރުވެރިކަމުން ސަލާމަތް ކުރަން މިދިއަ އަހަރު ބޮޑެތި މަސައްކަތް ކޮށްފައިވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ އަހަރު ފުލުހުންގެ ހިދުމަތުގެ މައްޗަށް ބަލާލައި ފުލުހުންގެ މައި އިދާރާ އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ 2011 ފެށިގެން އައި އިރު މާލެ އާއި އަތޮޅުތަކުގައި ތަފާތު ގޭންގުތައް އުފެދި މާރާމާރީ ހިންގައި ތޫނު އެއްޗެހިން ހަމަލާދީ ރޯ މާދުވާލު ރައްޔިތުން ކުރިމަތީ މީހުން މަރައި ކުދިކުރަމުން ދިޔައީ ބިރެއް ނެތި ކަމަށެވެ.

އެ ރިޕޯޓް ބުނަނީ މިދިއަ އަހަރު އެކަންކަމާ ފުލުހުން ކުރިމަތިލައި ގާނޫނީ ގޮތުން ލިބިދީފައިވާ އިހުތިޔާރުގެ ބޭނުން ހިފައި ދިވެހިން ބިރުވެރިކަމުން ސަލާމަތް ކުރުމަށް ކަމަށާއި ނަތީޖާއެއްގެ ގޮތުން ލާއިންސާނީ އަމަލުތައް ހިންގުމުގެ ނިސްބަތް މަދުވެ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދެވުނު ކަމަށެވެ.

"... އެތެރެއިންނާއި ބޭރުން ކުރިމަތިކުރުވި ހުރަސްތަކަށް ވަރުގަދައަށް ތައްޔާރުވެ ދިވެހި ރައްޔިތުން މި ބިރުވެރިކަމުން ސަލާމަތް ކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ އަކަށްވެގެންދިޔައީ މާތް ﷲ ގެ ވާގިފުޅާއެކު މިރާއްޖޭގައި މިދެންނެވިފަދަ ލާއިންސާނީ ޢަމަލުތައް ހިންގުމުގެ ނިސްބަތް މަދުކޮށް ދިވެހި ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމެވެ." އެ ރިޕޯޓްގައި ބުނެ އެވެ.

ކާމިޔާބުތައް ހިއްސާކޮށްފައިވާ ރިޕޯޓްގައި ބުނަނީ މިދިއަ އަހަރު ވެސް ވިޔަފާރީގެ މުޢާމަލާތްްތަކާއި ފައިސާގެ މުޢާމަލާތްތަކާ ގުޅިގެން ނާޖާއިޒު ގޮތެއްގައި ފައިދާ ނަގަން މަސައްކަތްކުރި ބަޔަކު ޙަރަކާތްތެރިވި ކަމަށެވެ. އޮފީސްްތަކުންނާއި ވިޔަފާރި ކުންފުނިތަކުންނާއި ފިހާރަތަކުން ހޯދާ ފައިސާ ބޭންްކަށް ޖަމާކުރުމުގެ މަރުހަލާ ނުނިމެނީސް ފައިސާ ފޭރުމުގެ ބިރުވެރި އެތައް ހާދިސާއަކާ ކުރިމަތިލައި މިލިއަނުން ގުނޭ އަދަދުތަކުގެ ރުފިޔާ ފުލުހުން ސަލާމަތްކޮށްދީފައިވާނެ ކަމަށެވެ.

"... މީގެއިތުރުން ސައްހަ ނޫން ކާޑުތައް ބޭނުންކޮށްގެން ރާއްޖޭގެ ބެންކުތަކުންނާއި ބޭރުގެ ބެންކުތަކުންް ގިނަ އަދަދެއްގެ ފައިސާ ނަގަމުންްދިޔަ ބޮޑު ވިއުގައެއް ފުނޑުފުނޑުކޮށްލައި އެތައް އެތައް ރައްޔިތުންނަކާއި ފައިސާ އަދި މުދާ ހޯދައިދީ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމުގައި ދިވެހި ފުލުހުން ވަނީ ވަރަށް ފަޚުރުވެރި މަސައްކަތެއް 2011 ވަނަ އަހަރު ކޮށްފަ އެވެ،"

ރައްޔިތުން އަޑު އުފުލުމަށް ތަފާތު ނަންނަމުގައި މިދިޔަ އަހަރު މާލެ އާއި އަތޮޅުތަކުގައި ބޭއްވި ސުލްހަވެރި އެއްވުމާއި ޣައިރު ގާނޫނީ އެއްވުންތަކާއި މުޒާހިރާތައް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކޮށްފައިވާނީ ޕްރޮފެޝަނަލް ކޮށް ކަމަށް ވެސް އެ ރިޕޯޓް ބުނެ އެވެ.

އަދި ބުނެފައިވަނީ މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރަން ކުރާ މަސައްކަތުގައި ފުލުހުންގެ ފުރިހަމަ އެހީތެރިކަންދީ އެފަދަ ބޮޑެތި ވިޔަފާރިތައް ކުރަމުންދިޔަ ޖަމާއަތްތަކާއި ވިއުގަތައް ހޯދައި އެފަދަ ބައެއް މައްސަލަތައް ޝަރީޢަތަށް ހުށައެޅުމުގެ އިތުރުން އަނެއްބައި މައްސަލަތައް ޕީޖީއަށް ފޮނުވާފައިވާނެ ކަމަށެވެ.

މިދިއަ އަހަރަކީ ފުލުހުންގެ ޚިދުމަތުގައި ރަން އަކުރުން ފަވައިލެވޭ ބޮޑެތި އޮޕަރޭޝަންތަކެއް ކާމިޔާބުކަމާއެކު ހިންގުނު އަހަރެއްކަމަށް ވެސް ރިޕޯޓްގައި ވެއެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބު އަމާން ކަމާއެކު ގެންގޮސްދިނުމުގެ ވާޖިބު އަދާ ކޮށްދިނުން ފާހަގަކޮށްފައި ވެއެވެ.

ސާކްސަމިޓާއި ގުޅިގެން އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ފުލުހުން ހިންގި ޙަރަކާތަކީ، ފުލުހުންގެ ދިގު މާޒީގައި ވެސް ގިނަ ބަޔަކު މާލެ ނޫން އެހެން ސަރަހައްދެއްގައި ކުރިޔަށް ގެންދިޔަ އެންމެ ބޮޑު ހަރަކާތްކަމަށާއި އެ ހަރަކާތް ސުމަކުން ފަށައި ސައްތައިން ސައްތަ ކާމިޔާބު ހަރަކާތަކަށްވީ ސަމިޓަށް ތައްޔާރުވާން ކުރެވުނު "މެގަ" މަސައްކަތުގައި ރެޔާދުވާލު ފުލުހުން ބުރަ މަސައްކަތްކޮށް ގެން ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.