މިއަދު ހަވީރު ހައެއް ޖެހުމާ ހަމައަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 116 މީހަކު ދެނެގަނެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 77 ދިވެހީންނާއި، ބަންގްލަދޭޝްގެ 27 މީހަކާއި ލަންކާގެ ހަ މީހަކާއި އިންޑިއާގެ ފަސް މީހަކާއި ނޭޕާލްގެ ރައްޔިތެއް ކަމަށެވެ.

މިއަދު ދެނެގަނެވުނު ކޭސްތަކުގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ދެނެގަނެވުނު 111 މީހަކާއި އަތޮޅުތެރެއިން ދެނެގަނެވުނު ފަސް މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް މީހުންގެ ޖުމްލަ ވަނީ 5،157 އަށް އަރައިފައެވެ. އަދި އެކްޓިވް ކޭސްތަކުގެ ޖުމްލަ ވަނީ 2،303 އަށް އަރައިފައެވެ.

އަދި ބަލި ޖެހުނު 5،157 މީހުންގެ ތެރެއިން 2،835 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. އޭގެ ތެރޭގައި މިއަދު ބަލިން ރަނގަޅުވި 31 މީހުން ހިމެނެއެވެ.

ޕޮޒިޓިވްވީ މީހުންގެ ތެރެއިން 1452 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު 145 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން 19 މީހަކު ވަނީ ރާއްޖެއިން މަރުވެފަ އެވެ.

މިވަގުތު ކޮވިޑް19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި އޮތީ މާލެ ސިޓީ އާއި އދ. މަހިބަދޫ އެވެ.